ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 15:32
ނަޒީރު، އަމީތު އަދި އިންތި
ނަޒީރު، އަމީތު އަދި އިންތި
ރާއްޖެއެމްވީ
ސިޔާސީ ތުޙުމަތު
އިންތި އާއި އަމީތު އަދި ނަޒީރު އަނެއްކާ ވެސް ފުލުހަށް ހާޒިރުކޮށްފި
އިންތި ވަނީ އަޑުގެ ސާމްޕަލާއި ފޮޓޯ ދޭނީ ކޯޓު އަމުރެއްގެ ދަށުންކަން އަންގާފައި
އަމީތާއި ނަޒީރު ވަނީ އަޑުގެ ސާމްޕަލާއި ފޮޓޯ ފުލުހުންނަށް ދީފައި
ތުޙުމަތު ކުރަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާ ޚިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރި ކަމަށް

ގުޅިފައިވާ ޕާޓީތަކުން ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި އާންމުކޮށް މީޑިއާއަށް މަޢުލޫމާތުދެއްވާ، އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި އެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތުގެ އިތުރުން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު އަނެއްކާ ވެސް ފުލުހަށް ހާޒިރުކޮށްފިއެވެ.

ހޮނިހިރު ދުވަހު މި ތިން ބޭފުޅުން ވެސް ފުލުހަށް ހާޒިރުކޮށްފައި ވަނީ، ބަލަމުންދާ މައްސަލައަކާ ގުޅިގެން، ފޮރެންސިކް ބޭނުމަށް އެ ބޭފުޅުންގެ އަޑުގެ ސާމްޕަލާއި ފޮޓޯ ނެގުމަށެވެ.

ފުލުހަށް ހާޒިރުވުމަށް ފަހު މީޑިއާ އަށް މަޢުލޫމާތު ހިއްސާކުރަމުން މެންބަރު އިންތިގެ ޤާނޫނީ ވަކީލު، އަޙުމަދު ޢަބްދުﷲ އަފީފު ވިދާޅުވީ، ފުލުހުން ބޭނުންވީ އިންތިގެ އަޑުގެ ސާމްޕަލާއި ފޮޓޯ ނެގުމަށް ކަމަށާއި، އެތަކެތި ހޯދުމަށް ފުލުހުންގެ އަތުގައި މިވަގުތު ކޯޓު އަމުރެއް ނެތް ކަމަށެވެ. އަދި ސާމްޕަލް ދޭނީ ކޯޓު އަމުރެއްގެ ދަށުންކަން ފުލުހުންނަށް އަންގާފައިވާނެ ކަމަށް ވިދާޅުވިއެވެ.

އިންތި އާއި ގުޅޭ ގޮތުން ފުލުހުން ތަޙުޤީޤު ކުރަމުންދާ މައްސަލައަށް އިޝާރާތް ކުރައްވާ އިންތި ވަނީ ފުލުހުން މިހާރު ކުރަމުންދާ ތަޙުޤީޤަކީ ސިޔާސީ ބޭނުމަކަށް ކުރާ ތަޙުޤީޤެއް ކަމަށް ވިދާޅުވެފައެވެ.

ފުލުހަށް ހާޒިރުވެވަޑައިގަތުމަށް ފަހު ރާއްޖެއެމްވީއަށް މަޢުލޫމާތު ދެއްވަމުން މެންބަރު އަމީތު ވިދާޅުވީ، ފުލުހުންގެ ތަޙުޤީޤަށް ބޭނުންވި އަޑުގެ ސާމްޕަލާއި، ފޮޓޯ، ފުލުހުން އެދުނު ގޮތަށް ފޯރުކޮށްދެއްވާފައި ވާނެ ކަމަށެވެ. އަޑުގެ ސާމްޕަލާއި ފޮޓޯ ފޯރުކޮށްދެއްވި ނަމަވެސް، އަމީތު ވަނީ އެފަދަ ސާމްޕަލެއް ފުލުހުން ނެގި ނެގުމަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ދުނިޔޭގެ އެހެން ތަންތަނުގައި ތަޙުޤީޤަށް އަޑުގެ ސާމްޕަލް ނަގައި އުޅެނީ ބޮޑެތި ޓެރަރިސްޓުން ފިލައި ތިބެގެން ނެރޭ އޯޑިއޯތަކުގެ މައްސަލަ ތަޙުޤީޤު ކުރާއިރު ކަމަށް އަމީތު ވިދާޅުވިއެވެ.

ފުލުހުންގެ ތަޙުޤީޤަށް ހާޒިރުވުމަށް ފަހު ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ނަޒީރު ވިދާޅުވީ އެ ބޭފުޅާ ވެސް ފުލުހުންނަށް އެއްބާރުލުން ދިނުމުގެ ގޮތުން އަޑުގެ ސާމްޕަލާއި ފޮޓޯ ދީފައިވާ ކަމަށެވެ. ނަޒީރު ވެސް ވަނީ މިއީ ފުލުހުން ޖެއްސުންކުރުމުގެ ގޮތުން ކުރަމުންދާ ކަމެއް ކަމަށް ތުޙުމަތު ކުރައްވާފައެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި މި ހުރިހާ ބޭފުޅުންގެ މައްޗަށް ވެސް ފުލުހުން ކުރަނީ ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރުމަށް މަސައްކަތް ކުރުމުގެ ތުޙުމަތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް