ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އައިޝަތު ބިޝާމް ރައީސް އޮފީހުން ނުކުމެވަޑައިގަންނަވާ ފޮޓޯ އާންމުވުމާ އެކު، ކުރީގެ ދެ ބަންޑަރަ ނައިބުން އެކަމަނާގެ މިނިވަންކަމާ މެދު ސުވާލު އުފައްދަވައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަނީ ޕީޖީ ބިޝާމް ރައީސް އޮފީހުން ނުކުމެވަޑައިގެން، އެކަމަނާގެ ކާރުކޮޅު އަންނަންދެން ރައީސް އޮފީސް ކައިރީގައި މަޑުކޮށްލައިގެން ހުންނަވާތަނެވެ. އަދި އަރިހުގައި ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވެސް ހުންނެވިތަން ވެސް އެ ފޮޓޯތަކުން ފެނެއެވެ. ފޮޓޯތަކުން، ބިޝާމް ރައީސް އޮފީހުން ނުކުމެވަޑައިގެން ކާރުކޮޅަށް އަރައިވަޑައިގަންނަވާތަން ވެސް ފެނެއެވެ.
ސޯޝަލް މީޑިއާގައި އެ ފޮޓޯ އާންމުވެފައި ވަނިކޮށް، ރައީސް ނަޝީދުގެ ސަރުކާރުގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު ވިދާޅުވެފައި ވަނީ ވަކިވަކި މައްސަލަތަކާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އާއި ކެބިނެޓުގެ ވަޒީރުންނާއި ޕްރޮސެކިއުޓާ ޖެނަރަލް މަޝްވަރާ ކުރުމަކީ ގާނޫނުއަސާސީ ހުއްދަ ކުރާ ކަމެއް ނޫން ކަމަށެވެ.
ޖިނާއީ ދައުވާ އުފުލުމުގެ ބާރު ބަންޑާރަ ނައިބުގެ އޮފީހުން ނެގުމަށް ފަހު، އެ ދައުވާ ކުރުމުގެ ބާރު ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހަށް 2008 ވަނަ އަހަރު ދީފައި ވަނީ، މިނިވަންކަމާ އެކު ދައުވާ ކުރުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. އަދި އެ ފުރުސަތު ޕީޖީ އޮފީހަށް ދީފައި ވަނީ ސަރުކާރާއި ސިޔާސީ ފަރާތްތަކުގެ ނުފޫޒުން ޕްރޮސެކިއުޓާ ޖެނަރަލް މިނިވަން ކުރުމަށް ކަމަށް ސޫއުދު ވިދާޅުވެފައިވެއެވެ.
Our constitution prohibits PG to discuss individual cases with the President and members of his cabinet. In 2008, PG's post was separated from AG's office specifically to make the prosecution FREE from executive/political influence. pic.twitter.com/iBSQ1WQwkJ
— Husnu Al Suood (@hsuood) March 24, 2018
އާންމުވެފައިވާ ފޮޓޯއާ ގުޅިގެން، ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ޕީޖީ ރައީސް އޮފީހަށް ވަޑައިގަތުމުން ސުވާލު އުފެދޭ ކަމަށާއި އިދިކޮޅު ގިނަ ފަރާތްތަކެއްގެ މައްޗަށް ދައުވާ ކުރުމަށް ފޮނުވާ ދަނޑިވަޅެއްގައި ވަޑައިގަތުމުން މިނިވަންކަމާ މެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ.
Why is the Prosecutor General at PO? And with the Home Minister? This undermines confidence in the Prosecutor General’s independence, especially at a time when so many opposition figures are being prosecuted on baseless, politically motivated charges. pic.twitter.com/uoVAiNzGIp
— Dhiyana (@dhiyanasaid) March 23, 2018
ޕީޖީގެ ސުލޫކީ މިންގަނޑާ ބެހޭ ގޮތުން ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނުގައި ބުނެފައި ވަނީ ޕްރޮސެކިއުޓާ ޖެނަރަލް މަސްއޫލިއްޔާތު އަދާ ކުރުމުގައްޔާއި ބާރުތައް ބޭނުން ކުރުމުގައި އެއްވެސް މީހަކު ނުވަތަ އެއްވެސް ފަރާތަކުން އަންގާ ގޮތަކަށް ކަންކަން ކުރާ، އަދި އެއްވެސް މީހެއްގެ ނުވަތަ އެއްވެސް ފަރާތެއްގެ ނުފޫޒެއްގެ ދަށުގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށެވެ.