ކ. މާލެ
|
24 މާރޗް 2018 | ހޮނިހިރު 12:07
މިދިޔަ އަަހަރު ކުރި ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި
މިދިޔަ އަަހަރު ކުރި ވިއްސާރައިގައި ރަށެއްގައި ފެންބޮޑުވެފައި
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
2017 ވަނަ އަހަރުގެ ރާއްޖޭގެ މޫސުން: ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ 33.9 ޑިގްރީ ސެލްސިއަސް
ފިނިހޫނުމިން ދަށަށް ދިޔައީ 20.2 ޑިގްރީ ސެލްސިއަސްއަށް
މިދިޔަ އަހަރު 231 ވައިޓްއެލަރޓް ނެރެފައިވޭ
އެންމެ ގިނައިން ވާރޭވެހިފައިވަނީ 189 މިލިމީޓަރުގެ ވާރޭ

މިދިޔަ އަހަރު ރާއްޖޭގެ ފިނިހޫނުމިން އެންމެ މައްޗަށް ގޮސްފައިވަނީ، 33.9 ޑިގްރީ ސެލްސިއަސް އަށް އަރާފައިވާއިރު އެންމެ ދަށަށް ގޮސްފައިވަނީ  20.2 ޑިގްރީ ސެލްސިއަސް އަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ދުވަސް ފާހަގަ ކުރުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ މިދިޔަ އަހަރު މޫސުން ގޯސްވެގެން ނެރޭ އެލާޓް ވައިޓްގެ 231 މެސެޖާއި އެޑްވައިޒަރީ ލެވެލް ޔެލޯ ގެ 44 މެސެޖް ނެރެފައިވާ ކަމަށެވެ.

މިދިޔަ އަހަރު އެންމެ ވައި ގަދަވީ ގަޑިއަކު 57 މޭލު ބާރުމިނަށް ކަމަށާއި 24 ގަޑިއިރަކަށް ބަލާއިރު އެންމެ ގިނައިން ވާރޭވެހިފައިވަނީ 189 މިލިމީޓަރުގެ ވާރޭ ކަމަށް އެއިދާރާއިން ބުނެ އެވެ.

 ވޭތުވެ ދިޔަ އަހަރު ރެކްޓަރ މިންގަނޑުން 7 ނުވަތަ އެއަށް ވުރެ ބާރުގަދަ ބިންހެލުމެއް އިންޑިއާކަނޑުގެ ރާއްޖެހިމެނޭ ސަރަހައްދަށް އައިސްފައި ނުވާ ކަމަށް ވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މިފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ އޮފީހުގެ މަސައްކަތްތައް ހަރުދަނާކޮށް ހިދުމަތުގެ ފެންވަރު މަތިކުރުމަށް ޓަކައި ގިނަ މަސައްކަތްތަކެއް ކުރުމަށް ރޭވުނު ކަމަށާއި މޫސުމާ ގުޅޭ ދާއިރާއަށް ބޭނުންވާ ފަންނީ މުވައްޒަފުން ތަމްރީނު ކުރުމުގެ މަސައްކަތް ކުރެވުނު ކަމަށެވެ.

މިދާއިރާއިން ހާއްސަކޮށް ވައިގެ އުދުހުންތަކަށް ފޯރުކޮށްދޭ މޫސުމާބެހޭ ޚިދުމަތްތައް ބައިނަލް އަގުވާމީ ފެންވަރުގައި ދިނުމުގެ ގާބިލްކަން އިތުރު ކުރެވިފައިވާ ކަމަށާއި ރާއްޖޭގައި އޮތް 12 ވައިގެ ބަނދަރުގައި ބެހެއްޓުމަށް ބޭނުންވާ އެއަރޕޯރޓް ވެދަރ އިންފޮރމޭޝަން ސިސްޓަމްތައް ގާތްގަޑަކަށް ހުރިހާ އެއާޕޯޓުތަކުގައި ހަރުކުރެވި ހިދުމަތް ކުރެވެމުންދާ ކަމަށެވެ.

ދުރާލާ އިންޒާރުދޭ ނިޒާމްގެ ދަށުން ރާއްޖޭގެ މޫސުން ގޯސް ވަމުންދާ މިންވަރު ދެނެގަތުމަށް ގާއިމުކުރެވުނު ޑޮޕްލަރ ވެދަ ރޭޑަރ މަރާމާތުކުނުކުރެވި ގިނަދުވަސްތަކަކަށް ފަހު މިދިޔަ ދެ އަހަރުތެރޭގައި ދައުލަތުން ބޮޑުހޭދައެއް ކުރެވިފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެ އެވެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ މޫސުމީ ވިއުގަ އިތުރަށް ހަރުދަނާކޮށް ފުރިހަމަ ކުރުމަށްޓަކައި، 25 އޮޓަމެޓިކް ވެދަރ ސްޓޭޝަން ރާއްޖޭގެ އެކިކަންކޮޅުގައި ހަރުކޮށް މިއަހަރު ޖުލައިމަހު އޭގެ ބޭނުންކުރަން ފެށޭނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. މޫސުމީ މައުލޫމާތު މަންޒަރާއެކު ގެނެސްދިނުމަށް ބޭނުންކުރާ ވެދަރ ސްޓޫޑިއޯ ތަރައްގީ ކޮށް، ހައި ޑެފިނީޝަންގައި ޓީވީ ޗެނަލް ތަކަށް މޫސުން ފޯރުކޮށްދޭން މިއަހަރު ފަށާފައިވާ ކަމަށާއި  މޫސުމާބެހޭ ހިދުމަތް މެދުނުކެނޑި ފޯރުކޮށްދިނުމަށްޓަކައި 53 ކިލޯވޮޓްގެ ބެކަޕް ޕަވަރ ނިޒާމެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށް އެއިދާރާއިން ބުނެ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް