ރާއްޖޭގެ ސްކޫލްތަކުގައި މިހާރު ބިދޭސީ ޓީޗަރުން ތިބި މަގާމްތަކަށް ދިވެހިން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލީ 26 ފަރާތަކުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެމުން އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބިދޭސީ ޓީޗަރުން ތިބި މަގާމްތަކަށް ދިވެހިން ހޯދަން ކުރި އިއުލާނާ ގުޅިގެން މިހާތަނަށް ކުރިމަތިލާފައި ވަނީ 26 ފަރާތަކުން ކަމަށެވެ. އަދި މިނިސްޓްރީގެ މަގުސަދަކީ ދިވެހި ޓީޗަރުން ލިބެން ހުރި ހުރިހައި ދާއިރާއަކަށް ވެސް ދިވެހިން ހަމަޖެއްސުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ބިދޭސީ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނުގައި ދީފައިވާ މުއްދަތަށް ބަލާއިރު ކުރިމަތިލި ފަރާތްއް މަދު ނޫން ކަމަށެވެ. އަދި ކުރިއަށް ދުވަސްތަކުގައި ވެސް އިތުރު ފަރާތްތަކުން ކުރިމަތިލާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ މިނިސްޓްރީގެ އިއުލާނުގައި ބުނި ގޮތުގައި ދިވެހިން ހޯދަނީ މިދިޔަ ސެޕްޓެމްބަރު 30ގެ ނިޔަލަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކުރަމުން އަންނަ ބިދޭސީން ތިބި މަގާމުތަކަށެވެ. އެއީ އެ މަގާމްތަކުގައި ތިބި ބިދޭސީންނަކީ ދިވެހީން ނުލިބިގެން އެ މަގާމުތަކަށް ލާފައި ތިބި ޓީޗަރުން ކަމަށް އިއުލާނުގައި ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އަންނަ އާދީއްތަ ދުވަހު ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކުގައި ވެސް ޓީޗަރުން ހަމަވާނެ ކަމަށެވެ. އަދި ސްކޫލްތަކުގެ ކިޔެވުން ފެށޭއިރު ހުރިހައި ކަމެއްވެސް ހުންނާނީ ހަމަޖެހިފައި ކަމަށް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވިއެވެ.