ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒު ފަހުމީ (އިންތި) ހޮނިހިރު ދުވަހު ހެނދުނު 11 ޖަހާއިރަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފިއެވެ.
އެމްޑީޕީ އިން ހުކުރު ދުވަހުގެރޭ ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން މާރޗް 16 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމާއި ގުޅިގެން އިންތި ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ.
ފުލުހުން ވަނީ މާރޗް 21 ވަނަ ދުވަހުގެ ރޭވެސް ގާނޫނީ ވަކީލަކާއެކު އިންތި ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.
އޭރު ވަކީލަކާއެކު ފުލުސް އޮފީހަށް ހާޒިރުވުމަށް އެންގުމުން އިންތި ވިދާޅުވީ މިހާ ގިނައިން ގާނޫނީ ވަކީލުން ސަސްޕެންޑް ކުރާ ގައުމެއް މުޅި ދުނިޔޭގައި ނެތް ކަމަށާއި މިއީ ދުނިޔޭގެ ރެކޯޑެއް ކަމަށެވެ.
ހަމައެހެންމެ ގާނޫނީ، އިލްމީ އަދި ފަންނީ ބޭފުޅުން ދައްކަވާ ވާހަކަފުޅުތައް އަޑުއެއްސެވުމުގެ ގާބިލްކަން ވެސް ދައުލަތުގެ އެކިއެކި މުއައްސަސާތަކުގެ ވެރިންނަށް ތިއްބެވި ބޭފުޅުންގެ ނެތް ކަމަށް އިންތި ވިދާޅުވިއެވެ.