ބައެއް ރަށްރަށުގައި ހުރި އެމްޑީޕީގެ ދިދަތައް ފުލުހުން ނަގަމުން ދަނިކޮށް، ލ. މާމެންދޫ އެމްޑީޕީ ޒުވާނުން އިސްނަގައިގެން އެރަށުގައިވެސް އެމްޑީޕީގެ ދިދައެއް ނަގައިފިއެވެ.
މާމެންދޫ ބަނދަރުމަތީގައި ހުރި ފިތުރޯނުގަހެއްގެ ކުރިއަށް ނަގާފައިވާ މި ދިދަ، ބިމުން ފެށިގެން 40 ފޫޓަށްވުރެ އުސް ވާނެކަމަށް އެރަށު އެމްޑީޕީ މެމްބަރުން ބުނެއެވެ.

ރަށުން މައުލޫމާތު ދެއްވި އެމްޑީޕީގެ އިސް މެމްބަރަކު ބުނީ އެމްޑީޕީގެ ދިދައެއް ނެގީ ރައީސް އަބްދުﷲ ޔާމީނަށް ނޫނެކޭ ބުނުމުގެ ގޮތުންކަމަށެވެ. އަދި ކުޑަ ދިދައެއް ނަގަން އެންމެ ފުރަތަމަ މަސައްކަތްކުރިނަމަވެސް، ބޮޑު ދިދައެއް ނަގަން ޖެހުނީ ޒުވާނުން އެގޮތަށް ބޭނުން ވެގެންކަމަށް މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

އެހެން ބައެއް ރަށްތަކުގައި ނަގާފައި ހުރި އެމްޑީޕީގެ ދިދަތައްވެސް ފުލުހުން ގެންދަނީ ނަގަމުންނެވެ. އަދި ފުލުހުންނަށް ފަސޭހައިން ނުނެގޭ ދިދަތައް، ބިދޭސީން އަރުވައިގެންވެސް ނަގާފައި އެބަހުއްޓެވެ. މާމެންދޫގައި ގަހެއްގެ ކޮޅަށް އެމްޑީޕީ ދިދަ ނެގިއިރު، އެހެން ބައެއް ރަށްރަށުގައިވެސް ބިޔަ ގަސްތަކުގެ އެންމެ ކޮޅަށް އެމްޑީޕީގެ ދިދަ ނެގުމުން، ފުލުހުން އެދިދަތައް ނަގާފައިވެއެވެ. ހުއްޖަތެއްގެ ގޮތުގައި ފުލުހުން ބުނަނީ އެދިދަތައް ނަގާފައިވަނީ އެރަށްރަށުގައި ހުންނަ ޤައުމީ ދިދަތަކަށްވުރެ އުހަކަމަށް ވާތީކަމަށެވެ. އެކަމާއި ބެހޭ ޤަވާޢިދަކީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެކުލަވާލި ޤަވާޢިދެކެވެ. އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި އެޤަވާޢިދު ހެދީ ރާއްޖޭގެ ގިނަ ރަށްތަކުގައި އެމްޑީޕީގެ ދިދަތައް އުހަށް ނަގާފައިވާތީ، ސަރުކާރުން އެކަމާއި ހިތްހަމަނުޖެހިގެންނެވެ.