ކ. މާލެ
|
23 މާރޗް 2018 | ހުކުރު 16:34
ރާއްޖެ-ޕާކިސްތާން ގުޅުމަށް މިއަހަރު 50 އަހަރު ފުރޭނެ
ރާއްޖެ-ޕާކިސްތާން ގުޅުމަށް މިއަހަރު 50 އަހަރު ފުރޭނެ
ގޫގުލް
ދިވެހިރާއްޖެ-ޕާކިސްތާން
ޕާކިސްތާނުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، ރައީސް ޔާމީން ތަހުނިޔާ ފޮނުއްވައިފި
މި ދުވަސް ފާހަގަކުރަނީ ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެން

މިއަހަރުގެ "ޕާކިސްތާން ޑޭ" ނުވަތަ އެ ގައުމުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް މަމްނޫން ޙުސައިނަށާއި، ބޮޑުވަޒީރު ޝާހިދު ޚަޤާން ޢައްބާސީއަށް، ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

މި ދެ ބޭފުޅުންނަށް ވަކިވަކިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ގުޅުމަށް މިހާރު 50 އަހަރު ވެފައިވާކަން ފާހަގަކުރައްވައި، މިގުޅުން ޒަމާންތަކަކަށް ދެމިގެން ގޮސްފައި ވަނީ ދެ ޤައުމުގައި ހުރި އެއްގޮތް ޤަބޫލުކުރުންތަކަކާއި، އެއް ޤައުމުން އަނެއް ޤައުމުގެ ސިޔާސަތުތަކަށް އިޙްތިރާމް ކުރާތީ ކަމުގައި ރައީސް ޔާމީން ވިދާޅުވެފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ފާއިތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖެ އާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ގުޅުން ވަރުގަދަވެގެން ގޮސްފައި ވަނީ ސަލާމަތީ ގުޅުމުގެ ތެރެއިންނާއި، ދޭދޭ ފަރުދުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކާއި، ޘަޤާފީ ގުޅުމުގެ ތެރެއިން ދެޤައުމުގެ ދެމެދުގައި ބަދަލުކުރެވިފައިވާ ގުޅުންތަކުގެ ސަބަބުންކަން ފާހަގަކުރައްވާފައިވެއެވެ. އަދި މިގުޅުން އިތުރަށް ވަރުގަދަކުރުމަށް ޕާކިސްތާނުގެ ސަރުކާރާއެކު ކުރިއަށް އޮތްތާނގައި ވެސް މަސައްކަތް ކުރައްވާނެ ކަމަށާއި، ދެޤައުމުގެ މި ރަހުމަތްތެރިކަން ދެމެހެއްޓުމަށް އިތުރަށް ހުރި ފުރުޞަތުތަކަށް ޖާގަދެއްވައި، މި ގުޅުން ކުރިއަށް އޮތްތާނގައި ގެންދެވެން އޮތް އެންމެ އުސްމިނަކަށް ގެންދަވުމަށް މަސައްކަތް ކުރައްވާނެކަން އެމަނިކުފާނުގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ޕާކިސްތާން ޑޭ ފާހަގަކުރަނީ، 23 މާރޗް 1940 ގައި ފާސްކުރި ޤަރާރު "ލާހޯރ ރެޒޮލިއުޝަން" އާ ގުޅިގެން، 23 މާރިޗު 1956 ގައި ޕާކިސްތާނުގައި ފުރަތަމަ ފަހަރަށް ޤާނޫނު އަސާސީއެއް ފާސްކޮށް އަމަލުކުރަން ފެށުމުގެ މުނާސަބަތާ ގުޅުވައިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް