ސުޕްރީމް ކޯޓުގެ ފުރިހަމަ ބެންޗުން ނެރުނު އަމުރަކަށް ތަބާނުވުމަށް ބަހަނާ ދައްކައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އިޢުލާނު ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރެއިން ހައްޔަރުކުރި ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިޕާޓްމަންޓްގެ ބައެއް ފުލުހުން ވަޒީފާއިން ވަކިކޮށްފިއެވެ.
ފުލުހުންގެ ވަޒީފާއިން ވަކިކުރި ބައެއް ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމިކަން އަންގައި އެ ފުލުހުންނަށް ފޮނުވާފައިވާ ލިއުމުގެ ކޮޕީ ރާއްޖެއެމްވީއަށް ލިބިފައިވާއިރު، އޭގައިވާގޮތުން އެ ފުލުހުންގެ މައްޗަށް ތުޙުމަތު ކުރަނީ އެ ފުލުހުން އިތުރު ބަޔަކާއި ބައިވެރިވެގެން، ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ޤާނޫނާއި ޚިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ދިވެހިރާއްޖޭގެ ސަލާމަތީ ބާރުތަކާއި ދެކޮޅަށް ނިކުމެ، ޣައިރު ޤާނޫނީ އެއްވުންތަކުގެ ތެރެއިން އަމަން ބަލަހައްޓަން ތިބި ފުލުހުންނާއި މެދު މާރާމާރީ ހިންގައި ރައްޔިތުންގެ މެދުގައި ސަލާމަތީ ބާރުތަކާއިމެދު އިތުބާރު ގެއްލުވާލަން އުޅުނު ކަމަށެވެ.
މި މައްސަލަ ބަލައި ފުލުހުންގެ ޑިސިޕްލިނަރީ ކޮމިޓީން މި ފުލުހުން ވަޒީފާއިން ވަކިކުރަން ނިންމިއިރު، ބައެއް ފުލުހުން ވަކިކުރުމަށް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސްގައި އޮންނަ އިސްތިއުނާފު ކޮމިޓީންވެސް ވަނީ ނިންމާފައެވެ.
ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް މަސައްކަތްކުރި ބައެއް ފުލުހުންނާއި، އެ އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށް ޤަބޫލުކޮށް، އެ ހިޔާލު ފާޅުކުރި ފުލުހުން ވަޒީފާއިން ވަކިކޮށްފައިވާއިރު، ހައްޔަރުކުރި ފުލުހުންގެ ބަންދަށް މުއްދަތު ޖަހައި، އެމީހުން އަދިވެސް ތިބީ ފުލުހުންގެ ހައްޔަރުގައެވެ.