ކ. މާލެ
|
23 މާރޗް 2018 | ހުކުރު 14:43
ހ. ބްރެޑްލީ، އަހުޒާމް ނަޢީމް (ކ) އާއި ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް
ހ. ބްރެޑްލީ، އަހުޒާމް ނަޢީމް (ކ) އާއި ގ. ތަބުރުގެ، މުޙައްމަދު ބިޝާރު އިސްމާޢީލް
ޕޮލިސް
ހައި ކޯޓް
ޑްރަގު މައްސަލައެއްގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހިއްޖެ
އުމުރަށް ޖަލަށްލި ދެ މީހުން ވަނީ މިނިވަންވެފައި
ފުލުހުން ވަނީ ތަހުގީގު ކުރުމުގައި އިހްމާލުވެފައި: ކޯޓް
އެ މީހުންގެ އަތުން ޑޮލަރާއި ޔޫރޯ ވެސް ފެނުނު

ޑްރަގު މައްސަލައެއް ތަހުގީގު ކުރުމުގައި ފުލުހުން އިހުމާލުވެފައިވުމުން، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ބުނާ 1.1 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތުން އަނބުރާ ދޭން ޖެހިއްޖެ އެވެ.

މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދި ކަމަށް ބުނާ ފައިސާ ދައުލަތަށް ނެގުމަށްފަހު، އެ ފައިސާ އަނބުރާ ދޭން ޖެހުނީ އެ މައްސަލާގައި ހިމެނޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހައި ކޯޓުން ހުކުމް ކުރުމުންނެވެ. އެ މައްސަލާގައި ދައުލަތަށް ނެގި 1.1 މިލިއަން ރުފިޔާއަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނު 2011 ގައި ވުޖޫދަށް އައި ފަހުން، މަސްތުވާތަކެތި ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާގެ ތެރެއިން މިހާތަނަށް ދައުލަތަށް ނެގި ފައިސާގެ އެންމެ ބޮޑު އަދަދެވެ.

އެ މައްސަލާއާ ގުޅިގެން މިނިވަންވެފައި ވަނީ ހ. ބްރެޑްލީ އަހުޒާމް ނައީމާއި ގ. ތަބުރުގޭ މުހައްމަދު ބިޝާރު އިސްމާއިލެވެ. އަހުޒާމަށް ކުރި ހުކުމް ހައި ކޯޓުން ބާތިލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. ބިޝާރަށް ކުރި ހުކުމް ބާތިލުކޮށްފައި ވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ.

ހައި ކޯޓުން މިދިޔަ ބުދަ ދުވަހު ކުރި ހުކުމްގައި ބުނެފައި ވަނީ އެ މައްސަލާގައި ހިމެނޭ ދެ މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށާއި، އެ މީހުންގެ އަތުން ފެނުނު ކަމަށް ބުނާ ތަކެތި ނެގުމަށްފަހު އެތަކެތީގެ ތަހްލީލު ކުރުމާ ހަމައަށް ޗެއިން އޮފް ކަސްޓަޑީ ފުރިހަމަވެފައި ނެތް ކަމަށެވެ.

އަހުޒާމާއި ބިޝާރުގެ މައްޗަށް ދަށު ކޯޓުން ސާބިތުވެފައި ވަނީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި އުމުރަށް (25 އަހަރަށް) ޖަލަށްލުމާއެކު 100،000 ރުފިޔާއިން ޖޫރިމަނާކޮޮށްފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލުކޮށް، ހައި ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ އެ މީހުންގެ އަތުން އަތުލައިގަތް ކަމަށް ބުނާ ތަކެތި ނެގުމަށްފަހު ތަހުގީލުކޮށް ނިމިގެން ދިއުމާ ހަމައަށް އެތަކެތި އެއްތަނުން އަނެއްތަނަށް އަދި އެކަކުގެ އަތުން އަނެކަކުގެ އަތަށް ބަދަލުވުމުން ގޮސްފައިވާ ގޮތުގެ މައުލޫމާތު ޗެއިން އޮފް ކަސްޓަޑީ ފޯމުގައި ބާޔާންކުރެވިފައި ނުވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައާ ގުޅިގެން ތައްޔާރުކޮށްފައިވާ މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގައި ބަޔާންކޮށްފައިވާ މަސްތުވާ ތަކެއެއްޗަކީ އަހުޒާމްގެ ނައީމު ހައްޔަރުކުރު ކުރުމަށްފަހު މަގުމަތިން ނެގި ކަމަށް ބުނާ ތަކެތިކަމާމެދު ވެސް ޝައްކު އުފެދުމުގެ ފުރުސަތު އޮތް ކަމަށް ހައި ކޯޓުން ކުރި ހުކުމްގައިވެއެވެ.

އަހުޒާމާއި ބިޝާރު މަސްތުވާތަކެއްޗާއެކު އަތުލައިގަތީ މީގެ ހަތަރު އަހަރު ކުރިން 2013 ވަނަ އަހަރުގެ އޮގަސްޓު މަހުގައެވެ. އަހުޒާމް ހައްޔަރު ކުރިއިރު, އޭނާގެ ޖީބުން 52،300 އަށް ވުރެ ގިނަ ރުފިޔާ ފެނުނެވެ. އަދި ބިޝާރު ދިރިއުޅޭ ތަބުރުގޭގެ ކޮޓަރިން އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި 6633 ޑޮލަރާއި ޔޫރޯ އާއި ސިންގަޕޫރު ޑޮލަރު ވެސް ފެނުނެވެ.

އެ މީހުންގެ އަތުން ފެނުނު ފައިސާ ދައުލަތަށް ނެގީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އެ ފައިސާއަކީ ކިހިނެއް ލިބުނު ފައިސާތަކެއްކަން ދަށު ކޯޓުގައި ސާބިތުކޮށްދެވިފައި ނުވާތީއެވެ. އެހެންކަމުން އެ ފައިސާއަކީ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާ ކަމަށް ބަލައި، ދައުލަތަށް އެ ފައިސާ ނެގީއެވެ.

ދަށު ކޯޓުގެ ހުކުމް ހައި ކޯޓުން ބާތިލުކޮށްފައި ވަނީ ވަކި ވަކިން ކުރި ދެ ހުކުމަކުންނެވެ. އެ ހުކުމްތަކުގައި ބުނެފައިވާ ގޮތުން އަހުޒާމްގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައި ވަނީ އޭނާއަކީ ޓީސީ ސްޕޯޓްސް ކްލަބުގެ މެނޭޖަރު ކަމުގެ މަގާމުގައި ހުރި މީހެއް ކަމަށާއި އެހެންކަމުން އޭނާގެ ޖީބުން ފެނުނު 52،385 ރުފިޔާއަކީ އެފަދަ މަގާމެއްގައި ހުރި މީހެއްގެ އަތުގައި ހުރުން އެކަށިގެންވާ އަދެއް ކަމަށެވެ.

ހައިކޯޓުގެ ގަޒިއްޔާގައި މިކަން ހިނގިއިރު އަހުޒާމް ހުރީ ޓީސީ ސްޕޯޓްސް ކްލަބުގެ މެނޭޖަރު ކަމުގެ މަގާމުގައި ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެއީ މަޢުލޫމާތުގެ ކުށެއް ކަމަށާއި، އޭރު އޭނާ ހުރީ އެލްޓީ ސްޕޯޓްސް ކްލަބްގައިކަން އަހުޒާމް ވަނީ ރާއްޖެއެމްވީއަށް ސާފުކޮށްދީފައެވެ.

ބިޝާރަކީ އަމިއްލަ ވިޔަފާރިކޮށް ދައުލަތަށް ޓެކްސް ދައްކަމުންދާ މީހެއްކަން އޭނާ ޝަރީއަތަށް ހުށަހެޅި ލިޔެކިޔުންތަކުން އެނގޭނެ ކަމަށް އޭނާގެ ފަރާތުން ޝަރީއަތުގައި ފާހަގަކޮށްފައިވާ ކަމަށް ހައި ކޯޓުގެ ގަޟިއްޔާގައިވެއެވެ.

ބިޝާރު މިނިވަން ކުރި ހުކުމް އިއްވާފައި ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޝުޖާއު އުސްމާނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
24 މާރޗް 2018 | ހޮނިހިރު 13:14
ފަސީ ްް
އެއީ ކޮންމެވެސް ބޮޑު ބޭފުޅެއްގެ ފައިސާއަށް އެވާނީ އެހެންވީމަ އެހާ ފަސޭހައިން އެ އަނބުރާލެވޭނީ. އެހެންނޫންނަމަ އަދި އެތައްފަހަރު އެގެއެއް ހާވައިގެން ހޯދައިގެން ނަމަވެސް ހެކި ހޯދޭތޯ ބަލާނެ. އެހެންނޫނީ ހެކި ނައްތާލިކަމުގެ ތުހުމަތު ކުރާނެ.
23 މާރޗް 2018 | ހުކުރު 12:44
ތިމަންނަ
މިވަރުގެ ތަނެއްގައި މަރުގެ ހުކުމް ތަންފީޒު ކުރެވިދާނެބާ؟