ސުޕްރީމް ކޯޓުން ފެބްރުއަރީ 1 ގައި ނެރުނު ކޯޓް އަމުރު ތަންފީޒުނުކޮށް، ގާނޫނާ ހިލާފު އެތައް ކަމެއް ފުލުހުން ކޮށްފައިވާ ކަމަށް ތުހްމަތުކުރެވިފައި ވަނިކޮށް، ސަރުކާރުން ކުރިއަށްގެންދާ ހިޔާ މަޝްރޫއުގެ ތެރެއިން ފުލުހުންނަށް 300 ފްލެޓް ހަމަޖައްސަވާ ދެއްވާފައިވާ ކަމަށް ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވެފައިވަނީ ފުލުހުންގެ ސީނިއަރ އޮފިސަރުންނާ ބައްދަލުކުރައްވައި އެވެ. މިނިސްޓަރގެ ވާހަކަފުޅުގައި ފުލުހުން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި ޝުކުރު އަދާކުރެއްވިއެވެ. އަދި ފުލުހުންގެ މުއައްސަސާގެ ތަރައްޤީއަށާއި ފުލުހުންގެ ވެލްފެއަރ ކަންކަން މިހާރަށްވުރެ ހަރުދަނާކޮށް ތަރައްޤީކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ހިޔާ މަޝްރޫއުގެ ތެރެއިން 300 ފްލެޓް ފުލުހުންނަށް ހަމަޖައްސާފައިވާ އިރު 2013 ވަނަ އަހަރުވެސް ބްލޫޒް ހައުސިންގ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރުމަށް ހަމަޖެހިފައިވާ 300 ފްލެޓް ލިބޭ ފަރާތްތަކަށް ލިޔުން ހަވާލުކޮށްފައިވެ އެވެ.
ސަރުކާރުގެ ބަޖެޓުގެ ތެރެއިން 300 ފްލެޓް އެޅުމުގެ މަސައްކަތް ފެށި އިރު ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި 50 ފްލެޓެއް ފުލުހުން ހަވާލުކޮށްފައިވެ އެވެ.