ކ. މާލެ
|
23 މާރޗް 2018 | ހުކުރު 03:41
މެޑަމް ނަސްރީނާ ކްރިމިނަލް ކޯޓު ސަރަހައްދުގައި ރައީސް މައުމޫންގެ ޕޯސްޓަރު ހިފަހައްޓަވައިގެން
މެޑަމް ނަސްރީނާ ކްރިމިނަލް ކޯޓު ސަރަހައްދުގައި ރައީސް މައުމޫންގެ ޕޯސްޓަރު ހިފަހައްޓަވައިގެން
ޓްވިޓަރ
މެޑަމް ނަސްރީނާ
ގިނިކަންޔާ ނިކުމެވެސް ގައުމު އިސްލާހު ކުރާނެކަމަށް ރައީސް މައުމޫން ވިދާޅުވި: ނަސްރީނާ
ގައުމު އިސްލާހު ކުރުމަށް ކުރާ މަސައްކަތް ދާނީ ކުރިއަށް
އުންމީދާ އެކީ ކުރާ މަސައްކަތް ކާމިޔާބު ވާނެ
ރައީސް މައުމޫންގެ ހިތްވަރަށް ބަދަލެއް ނާދޭ

ގިނިކަންޔާވެސް ގައުމު އިސްލާހު ކުރެއްވުމަށް ކެރިވަޑައިގެން ސާބިތު ކަމާ އެކު ހުންނެވި ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާ ކަމަށް އެ މަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އެކަމަނާ ދެއްވި ހާއްސަ މެސެޖްގައި ވިދާޅުވީ، އުންމީދާއެކީ ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށާއި މިއަދު މުޅި ގައުމުވެސް ފެނިގެންދަނީ އެއް ކަމެއް ހާސިލު ކުރުމަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.

"މިހާރު އެބަފެނިވަޑައިގަންނަވާ މުޅި ގައުމު އެދެނީ މިގޮތަށްކަން. ބައިވަރު ބަޔަކު އެބަދޭ އިސްލާހަށް އެދޭ. މީ އެންމެންގެ ގައުމު. އެންމެ ބޭނުންވަނީ ރީތިކޮށް، ސާދާކޮށް އޮވެގެން އަޅުގަނޑުމެންގެ ދަރިންނަށް، މާމަ ދަރިންނާ ހަމައަށް ވާސިލް ކުރުމަށް. މައުމޫން އަކީ ގައުމުދެކެ ވަރަށް ލޯބިފުޅުވާ ބޭފުޅެއް." ނަސްރީނާ ވިދާޅުވި އެވެ.

ތިރީސް އަހަރު ވެރިކަން ކުރެއްވި އަދި ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ގެންނެވުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ރައީސް މައުމޫންގެ މައްޗަށް ޓެރަރިޒްގެ ދައުވާ އުފުލާފައިވާއިރު، އެ މައްސަލަ ނިމެންދެއް ބަންދުގައި ބެހެއްޓުމަށް، ކްރިމިނަލް ކޯޓަށް އެންމެ ފަހުން އައްޔަން ކުރެއްވި ގާޒީންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަހްމަދު ހައިލަމް ވަނީ އަމުރުކުރައްވާފަ އެވެ.

ގާޒީގެ އެ ނިންމެވުމާ ގުޅޭ ގޮތުން ނަސްރީނާ ވިދާޅުވީ، ބުދަ ދުވަހު ހިނގާ ދިޔައީ ވަރަށް ހިތާމަވެރި ކަމެއް ކަމަށާއި ވަރަށް ގިނަ އާއިލާތަކަކަށް އެކަމުގެ އަސަރު ކުރި ކަމަށެވެ.

ރައީސް މައުމޫންވެސް ދެރަ ވާނެ ކަމަށާއި އެހެން ނަމަވެސް އޭނގެ މާނައަކީ ހިތްވަރުދިޔައީކީ ނޫން ކަމަށް އެމަނަކާ ވިދާޅުވި އެވެ. އިސްލާހަށް މަސައްކަތް ކުރުމުގައި ރައީސް މައުމޫން ކެރިވަޑައިގެން ހުންނަވާނެ ކަމަށް ނަސްރީނާ ވިދާޅުވި އެވެ.

ރައީސް މައުމޫން އިސްލާހީ މަސައްކަތް ކުރައްވާފައިވަނީ ގާނޫނާ ހިލާފަށް ނޫން ކަމަށާއި އެކަން ކުރައްވާފައިވަނީ އެންމެން ކައިރީގައި ބުނެ، ހެޔޮ ގޮތުގައި ރަގަޅަށް ކަމަށް ނަސްރީނާ ވިދާޅުވި އެވެ. އަދި އިސްލާހުގެ މަސައްކަތާއިގެން ކުރިއަށް ދާނެ ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

 ދިއްގަރު ދާއިރާގެ މެންބަރު އަދި ދަރިކަލުން ފާރިސް މައުމޫންގެ ވާހަކަ ދައްކަވަމުން ނަސްރީނާ ވިދާޅުވީ، ފާރިސް މަސައްކަތް ފެއްޓެވީ ވަރަށް އުންމީދާ އެކުގައި ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމަކީ ރީތިގޮތުގައި ކުރިއަށްދެވޭނެ އަދި ރަގަޅު ބަޔަކަށް އުޅެވޭނެ ގައުމެއް. އެ މަގްސަދުގައި ފާރިސް މަސައްކަތް ފެއްޓީ. މިހާރުވެސް އެބަތިއްބެވި މިގޮތަށް މަސައްކަތް ކުރައްވާ އެތައް ބަޔަކު." ނަސްރީނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް