ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 16:49
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ކުރީގެ ރައީސް މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
ދައުލަތުގެ ހާލަތު
ރައީސް ޔާމީން އިއުލާން ކުރެއްވީ ޗައިނާގެ ގޮނޑި ކޮއްކޮ ދައުލަތެއްގެ ހާލަތު: ރައީސް ނަޝީދު
ރައީސް ޔާމީން ނެރުއްވި އަނެއް ހާލަތުގައި ދިވެހިން ތިބޭނީ ހައްޤުތައް ގެއްލިފައި
ރައީސް ޔާމީންގެ ތަރައްޤީގެ ތަސައްވަރަކީ އޮޅުވާލުމެއް
ކޮންކްރީޓަކީ ތަރައްޤީއެއް ނޫން

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ރާއްޖޭގައި މިހާރު އިއުލާން ކުރައްވާފައި ވަނީ ޗައިނާގެ ގޮނޑި ކޮއްކޮ ދައުލަތެއްގެ ހާލަތު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ނެރުއްވި އޯޑިއޯ މެސެޖެއްގައި ވިދާޅުވީ ރައީސް ޔާމީން އިއުލާނުކުރެއްވި އަނެއް ހާލަތުގައި ދިވެހިން ތިބޭނީ ހައްޤުތައް ގެއްލިފައި ކަމަށާއި އަދި ޗައިނާ އަށް އިންތިހާއަށް ދަރަނިވެރިވެފައި ކަމަށެވެ.

"މިއަދު އެ ހާލަތު ނަންގަވަން ރައީސް ޔާމީން އިއުލާން އެ ކުރައްވަނީ ރާއްޖެއަށް މުޅިން އެހެން އާންމު ހާލަތެއް ގެނައުމަށް. ހުދުމުހުތާރު ވެރިކަމާއި އަދި ޗައިނާގެ ގޮނޑި ކޮއްކޮ ދައުލަތެއް ކަމުގެ އައު ހާލަތު" ރައީސް ނަޝީދު ވިދާޅުވިއެވެ.

މިއީ ދިވެހިން އުންމީދު ކުރާ ގޮތް ނޫން ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ޝަރީއަތުގެ ނިޒާމާއި ޤާނޫނުގެ ނިޒާމް ގަޑުބަޑު ކުރެއްވުމުގެ ނިޔަތުގައި ކަމަށާއި ކުއްލި ހާލަތުގެ ތެރޭގައި 400 އަށް ވުރެ ގިނަ މީހުން ހައްޔަރުކުރި ކަމަށެވެ.

"ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ރާއްޖޭގެ ޝަރީއަތުގެ ނިޒާމާއި ޤާނޫނު ހެދުމުގެ ނިޒާމް ގަޑުބަޑުކޮށް ބަލިކަށި ކުރުމުގެ ނިޔަތުގައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ޖިނާއީ ކޯޓަށް ނުބެލޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެހެނިހެން ސިޔާސީ ބޭފުޅުން ވެސް މިނިވަން ކުރުމަށާއި ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓާއި ރައްޔިތުންގެ މަޖިލީސް އަނބުރާ ޤާއިމް ކުރުމަކީ އެންމެހާ ފަރާތްތަކުގެ މައްޗަށް ވާޖިބެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ޖިނާއީ ކޯޓުގައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއަށާއި ފަނޑިޔާރު އަލީ ހަމީދުގެ މައްސަލަ ބެލުމުގެ އިހްޞާޞް އެއްގޮތަކަށް ވެސް ނޯންނާނެ. ފަނޑިޔާރުންގެ މައްސަލަ ބަލާ ތަނަކީ ޖުޑީޝަލް ސާރވިސް ކޮމިޝަން. އެއީ އަޅުގަނޑުން ބޯލަނބާ މި ތިބި އަސާސަކީ" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ތަރައްޤީގެ ތަސައްވަރަކީ އޮޅުވާލުމެއް ކަން ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ކޮންކްރީޓަކީ ތަރައްޤީ ނޫން ކަމަށެވެ.

"ރައީސް ޔާމީންގެ ތަރައްޤީގެ ތަސައްވަރަކީ އޮޅުވާލުމެއް، ކޮންކްރީޓަކީ ތަރައްޤީއެއް ނޫން. ބްރިޖަކަސް އަދި ކިތަންމެ ބުރިޔެއްގެ އިމާރާތަކަސް އެއީ ތަރައްޤީއެއް ނޫން. އެއީ ދަރަނި. ރާއްޖޭގެ ވިޔަފާރިތަކާއި އަދި ދިވެހި ދައުލަތާއި ސަރުކާރު ޗައިނާގެ އެގްޒީމް ބޭންކް އަށް ދެރުވުމަށްޓަކައި އެ ބޭންކް އެ ތިބެނީ ފޫގަޅާފައި" ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުންނާއި ރައްޔިތުން ދޫ ނުދޭނެ ކަމަށާއި ދިވެހިރާއްޖެ އަލުން އަނބުރާ ދިވެހިންނަށް ހޯދައި ދެއްވާނެ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 މާރޗް 2018 | ހުކުރު 01:43
ހ މ ޒ
ކުއްލި ހާލަތު އުވާލާފައިވާ އިރު ހުރިހާ ނުރައްކަލަކުން ދިވެހި ގައުމު އަރައި ނުގަނެވޭ. ނަޝީދު ބަގާވާތަކުން ސަރުކާރު ވައްޓާލަން އުޅުނު އަދި ބަގާވާތަކުން ސަރުކާރު ވައްޓާލަން އުލުނު އެންމެންގެ ކިބައިން ދިވެހި ގައުމު ސަލާމަތް ކުރެއްވީތީ ހެއްދެވި ފަރާތަށް ޝުކުރުވެރިވަން!