ގދ ރަތަފަންދޫ އިންޖީނުގޭގެ ތިޖޫރީ ހުޅުވައިގެން ވައްކަން ކުރި މައްސަލައިގައި އެތާނގައި މަސައްކަތް ކުރާ 3 މުވައްޒަފެއް ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފިއެވެ.
ރަތަފަންދޫ ކައުންސިލްގެ ނައިބުރައީސް ޙަސަން މޫސާ ވިދާޅުވީ، ރަތަފަންދޫގައި ފެނަކަ ކޯޕަރޭޝަނުން ހިންގާ އިންޖީނުގޭގައި ހުރި ތިޖޫރީން ވައްކަން ކޮށްފައިވަނީ އަންގާރަ ދުވަހުގެރޭ ކަމަށެވެ. ޙަސަން ވިދާޅުވީ ތިޖޫރީއަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި، އެހެންކަމުން ބެލެވެނީ ވައްކަން ކޮށްފައިވަނީ ތިޖޫރީގެ ތަޅުދަނޑި ބޭނުންކޮށްގެން ތިޖޫރީ ހުޅުވައިގެން ކަމަށެވެ.
އޭނާ ވިދާޅުވީ މި މައްސަލަ ފުލުހުން މިހާރު ތަޙުޤީޤު ކުރަމުންދާއިރު، އިންޖީނުގޭގައި މަސައްކަތް ކުރާ 3 މުވައްޒަފެއް ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށް، އެފަރާތްތަކުގެ ބަޔާން ނަގާފައިވާ ކަމުގެ މަޢުލޫމާތު ލިބިލައްވާފައިވާ ކަމަށެވެ.
ޙަސަން ވިދާޅުވީ އިންޖީނުގޭގެ ތިޖޫރީން ވަގަށް ނަގާފައިވާ ފައިސާގެ އަދަދު ފަންސާސް ނުވަހާސް ރުފިޔާއަށް އަރާކަމަށް ލަފާކުރެވޭ ކަމަށެވެ. މިއީ ލަފާކުރެވޭ އަދަދަކަށް ވާއިރު، ތިޖޫރީގައި ހުރި ސީދާ އަދަދު ރަސްމީ އެއްވެސް ފަރާތަކުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ރަތަފަންދޫ އިންޖީނުގޭގެ ތިޖޫރީއިން ވައްކަން ކޮށްފައިވާއިރު ނިމިގެންދިޔަ އަހަރުގެ ފަހުކޮޅު ވެސް އެ ތިޖޫރީ ފަޅައިލުމަށް ވަނީ މަސައްކަތްކޮށްފައެވެ. އެފަހަރު އެ ތިޖޫރީ ފަޅައިލަން ބަޔަކު ކުރި މަސައްކަތް ނާކާމިޔާބު ވިއިރު، އޭރު އެ ތިޖޫރީގައި ލައްކައަކަށް ވުރެ ގިނަ ރުފިޔާ ހުރި ކަމަށް މަޢުލުމާތު ލިބެއެވެ.