ކ. މާލެ
|
22 މާރޗް 2018 | ބުރާސްފަތި 12:41
ރޮހިންޔާ މުސްލިމުންތަކެއް ބަންގަލަދޭޝްއަށް ދަނީ
ރޮހިންޔާ މުސްލިމުންތަކެއް ބަންގަލަދޭޝްއަށް ދަނީ
ރޮއިޓަރސް
ރޮހިންޖާ ފަންޑު
ރޮހިންޖާ ފަންޑު ހަވާލު ނުކޮށް ގިނަ ދުވަސްވެ، މީޑިއާގައި އެވާހަކަތައް ފެތުރިފައިވަނިކޮށް އެ ފައިސާ ހަވާލުކޮށްފި
ހަރަކާތް ހިންގީ ނޮވެމްބަރު މަހުގެ ތެރޭގައި
ހަރަކާތްތަކުން ޖުމްލަ 18.1 މިލިއަން ރުފިޔާ (1.17 މިލިއަން ޑޮލަރު) ލިބިފައިވޭ
ބަންގްލަދޭޝް ރެޑްކްރެސެންޓް އެކައުންޓަށް އެ ފައިސާ ޖަމާކޮށްފައިވަނީ އިއްޔެ

މިޔަންމާގެ އަސްކަރިއްޔާއިން ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގި ޖަރީމާގެ ސަބަބުން ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް ދިވެހިރާއްޖޭގައި ހިންގި ހަރަކާތުން އެއްކުރި ފައިސާ ބަންގްލަދޭޝް ރެޑްކްރެސެންޓް އެކައުންޓަށް ޖަމާ ކޮށްފިއެވެ.

ރޮހިންޖާ ފަންޑުގެ ފައިސާ ހަވާލު ނުކޮށް ގިނަ ދުވަސްވެ، މީޑިއާގައި އެވާހަކަތައް ފެތުރުމުން، އެ ހަރަކާތް ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ފަރާތްކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒިޔާދު ބާގިރު ދައުލަތުގެ މީޑިއާގައި ވިދާޅުވެފައިވަނީ އެ ފައިސާ މިހާރު ވަނީ ބަންގްލަދޭޝް ރެޑްކްރެސެންޓް އެކައުންޓަށް ޖަމާކޮށްފަ ކަމަށެވެ.

ޒިޔާދު ވިދާޅުވި ގޮތުގައި ފައިސާ ޖަމާކުރުމުގައި ލަސްވީ ކުރިމަތިވި ބައެއް އިދާރީ މައްސަލަތަކާ ހެދި އެވެ. 

"އަޅުގަނޑުމެންނަށް މިއަދު މިވަނީ  ހަމަ މަސައްކަތް ނިންމާލެވި، ހުރިހާ ފައިސާއެއް ރެޑްކްރެސެންޓުގެ އެކައުންޓަށް ޖަމާކުރެވިފައި." ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ބުދަ ދުވަހު މިނިސްޓަރ ޒިޔާދު ވިދާޅުވިއެވެ.

ރޮހިންޔާ ފަންޑަށް ޖަމާކުރި ފައިސާތަކަށް ވީނުވީއެއް ނޭނގޭ ކަމަށް ބުނެ ބައެއް ނޫސްތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

ރޮހިންޔާ މުސްލިމުންނަށް އެހީވުމަށް ސަރުކާރުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި ހިންގި ހަރަކާތްތަކުން ޖުމްލަ 18.1 މިލިއަން ރުފިޔާ (1.17 މިލިއަން ޑޮލަރު) ލިބިފައި ވެއެވެ. އެއީ އިސްލާމިކް މިނިސްޓްރީން އެކުލަވާލި ކޮމެޓީން މީޑިއާތަކާ ގުޅިގެން ބޭއްވި ޓެލެތޯނުން ލިބުނު 12 މިލިއަން ރުފިޔާ އާއި އެފްއޭއެމްއާ ގުޅިގެން ހިންގި ޗެރިޓީ ހަރަކާތުން ލިބުނު ފައިސާ ކަމަށް ސަރުކާރުން ބުނެ އެވެ.

މިދިޔަ ނޮވެމްބަރު މަހު ހިންގި ހަރަކާތްތަކުން ލިބުނު ފައިސާ ޖެހިގެންއައި އަހަރުގެ މާރޗު މަހުގެ މެދާހަމައަށް ދިޔައިރު އެފައިސާ ރޮހިންޔާ މުސްލިމުންނަށް ފޯރުކޮށް ދީފައިނުވާތީ އާއި އެ ފައިސާއަށް ވީނުވީއެއް ކަމާބެހޭ ފަރާތްތަކުން ހާމަކޮށްދީފައި ނުވާތީ ގިނަ ބަޔަކު ގެންދިޔައީ ސޯސަލް މީޑިއާގައި އެކަމުގައި އިސްކޮށް އުޅުއްވި ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް