ޤާނޫނު އަސާސީގެ 20 ވަނަ މާއްދާއާއި ޚިލާފަށް، ކުރީގެ ނައިބުރައީސް އަހުމަދު އަދީބާއިމެދު ދައުލަތުން ތަފާތުކުރުމުގެ އަމަލު ހިންގަމުންދާ ކަމަށް އެމަނިކުފާނުގެ އާއިލާއިން ބުނެފިއެވެ.
އެ އާއިލާއިން މިހެން ބުނެފައިވަނީ، ސިޔާސީ ނުފޫޒު ފޯރާފައިވާ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ޝަރީއަތަކުން އެކި ކުށްތަކުގައި ޖުމްލަ 33 އަހަރަށް ޖަލަށް ލާފައިވާ އަދީބަށް އާއިލީ ބައްދަލުވުންތަކާއި، އެމަނިކުފާނު އަނބިކަނބަލުންނަށް އެކަހެރި ބައްދަލުވުންތައް ހަމަޖައްސައިނުދޭތާ މަހަކަށް ވުރެ ގިނަ ދުވަސްވެގެން ދިއުމާއި ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަނަށް ފޮނުވި ސިޓީއެއްގައެވެ.
އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ، އެޗްއާރްސީއެމަށް ފޮނުއްވެވި ސިޓީގައި ވަނީ، 20 ފެބްރުއަރީ 2018 ގައި ދޫނިދޫގައި ހުއްޓައި، ކަރެކްޝަންސްގެ ބެލުމުގެ ދަށަށް، މާފުށި ޖަލަށް އަދީބު ބަދަލުކުރި ފަހުން އާއިލީ ބައްދަލުވުމާއި، އެކަހެރި ބައްދަލުވުމުގެ ފުރުޞަތު އަދީބަށް ދީފައި ނުވާ ކަމަށެވެ.
އަދީބަށް ސިއްހީ އެތައް މައްސަލައެއް ދިމާވެފައިވާއިރު، އެމަނިކުފާނަށް ފަރުވާ ދިނުމުގައި އަމަލުކުރަމުންދާ ގޮތާއި، އެމަނިކުފާނުގެ ހާލު އާއިލާއަށް ކަށަވަރު ކުރެވެނީ މި ބައްދަލުވުންތައް މެދުވެރިކޮށްކަން ނަޝްވާ ވަނީ ފާހަގަކުރައްވާފައެވެ. އަދި އަދީބަކީ ހުކުމް ތަންފީޒުކުރަމުންދާ ފަރާތަކަށް ވުމުން، އާއިލީ ބައްދަލުވުމާއި، އެކަހެރި ބައްދަލުވުމުގެ ޙައްޤަކީ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން އަދީބަށް ލިބިދޭން ޖެހޭ ޙައްޤުތަކެއްކަން ނަޝްވާ ވަނީ ފާހަގަކުރައްވާފައެވެ.
ޤާނޫނު އަސާސީގެ 20 ވަނަ މާއްދާ އާއި ޚިލާފަށް އަދީބާއިމެދު ތަފާތުކުރުން ގެންގުޅޭކަން ފާހަގަކުރައްވައި، ނަޝްވާ ވިދާޅުވީ، މާފުށީ ޖަލުގެ ކުއްލި ހާލަތު އުވާލައި، އެހެން ގައިދީންނަށް މިހާރު އާއިލީ ބައްދަލުވުންތައް ދެމުންދާ ކަމަށާއި، ކުއްލި ނުރައްކަލުގެ ހާލަތުގެދަށުން ހައްޔަރުކުރާ ފަރާތްތަކަށް ފުލުހުންވެސް އާއިލީ ބައްދަލުވުން ދެމުންދާ ކަމަށެވެ.
އެހެންކަމުން މި މައްސަލަ އެޗްއާރްސީއެމުން ބަލައިދިނުމަށް ނަޝްވާ ވަނީ އެދިވަޑައިގެންފައެވެ.