ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދުއާ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ފާރިސް މައުމޫންގެ މައްޗަށް ކޮށްފައިވާ ބައެއް ތުހުމަތުތަކަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމަށް ބައެއް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުއްވި ކަމަށް ބުނެ ކޮށްފައިވާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އާއި ގާނޫނީ ވެރިކަން ވައްޓާލަން ބައެއް މެމްބަރުންނަށް ރިޝްވަތު ދެއްވި ކަމުގެ ތުހްމަތާއި ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާއެވެ.
ސިޔާދު ގާސިމް ގެ މައްޗަށް ރިޝްވަތު ދިނުމުގެ ދައުވާ އުފުލާފައިވާއިރު ހަސަން ސައީދު ހައްޔަރުކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ރިޝްވަތު ދިން ކަމަށް ކުރާ ތުހްމަތުގެ މައްސަލައެއްގައެވެ. ގާނޫނު ހިންގަން ހުރަސްއެޅުމުގެ ދައުވާ އޭނާގެ މައްޗަށް އުފުލާފައި ވަނީ އޭނާ ހައްޔަރު ކުރުމަށް ފުލުހުން މަސައްކަތްކުރި އިރު ފުލުހުންނަށް ފިލައިގެން އުޅުނު ކަމަށް ބުނެއެވެ.
ފާރިސް، ސިޔާދު އަދި ހަސަން ސައީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްއާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުއާ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުއާ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒްއާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރު ކޮށްފައެވެ.