ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ އިތުރުން، އިތުރު ފަރާތްތަކެއްގެ މައްޗަށް ބާއްވާ ޝަރީއަތުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ނިންމާފައި ވަނީ ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ޝަރީއަތުގެ އަޑުއެހުމުގެ އިތުރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެޑްމިނިސްޓްރޭޓަރ ހަސަން ސައީދު އާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އާއި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު އަދި މަޝްހޫރު ވިޔަފާރި ވެރިޔާ ގާސިމް އިބްރާހީމްގެ ދަރިކަލުން އިބްރާހީމް ސިޔާދު ގާސިމް ޝަރީއަތުގެ އަޑުއެހުންތަކެވެ.
މިހުުރިހާ ބޭފުޅުންގެ ޝަރީއަތުގެ އަޑުއެހުންތައް ތާވަލް ކޮށްފައި ވަނީ މެންދުރު 12:00 އަށެވެ.
އުއްތަމަ ފަނޑިޔާރުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ގާނޫނީ ވަކީލު ހިސާން ހުސައިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ އެ ޝަރީއަތްތަކުގެ އަޑުއެހުންތައް އޮންނާނެ ކަމަށް ގާނޫނީ ވަކީލުންނަށް ފުލުހުން އަންގާފައިވާ ކަމަށެވެ.
@PoliceMv has informed lawyers of the following schedule at Criminal Court. Designed for maximum inconvenience for everyone
— Hisaan ؟ (@hisaanhussain) March 21, 2018
12:00 CJ Uz Abdulla Saeed
12:00 DJA Hassan Saeed
12:00 Former CP Ahmed Areef
12:00 MP Ahmed Faris Maumoon
12:00 MP Abdulla Sinan
12:00 Ibrahim Siyad Qasim
އެއް ވަގުތެއްގައި އެ ހުރިހާ ފަރާތްތަކެއްގެ ޝަރީއަތްތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވާތީ ބައެއް ގާނޫނީ ވަކީލުން ގެންދަވަނީ ކަންބޮޑުވުން ފާޅު ކުރައްވަމުންނެވެ.
ދައުލަތުން ވަނީ ނުވަ ފަރާތެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ވެސް ހިމެނިވަޑައިގަންނަވައެވެ.