ކ. މާލެ
|
21 މާރޗް 2018 | ބުދަ 10:38
އިންޑިއާގެ ޓްރިވެންޑަރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހުގައި ދިވެހިން ޖަމާވެފައި
އިންޑިއާގެ ޓްރިވެންޑަރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް އޮފީހުގައި ދިވެހިން ޖަމާވެފައި
ޓްވިޓަރ
ރާއްޖެ-އިންޑިއާގެ ގުޅުން
ވިސާ ދިނުމުގެ އުސޫލަށް ބަދަލު ނުގެންނަ ކަމަށް އިންޑިއާއިން ކަށަވަރުކޮށްދީފި: ފޮރިން މިނިސްޓްރީ
ވިސާގެ ދަތިކަމުގެ ޝަކުވާ އެންމެ ގިނައިން ލިބެނީ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ފަރާތުން
ވިސާގެ އުސޫލަށް ބަދަލު ނުގެންނަ ކަމަށް އިންޑިއާ އިން ވެސް ބުނޭ

އިންޑިއާ އިން ދިވެހިންނަށް ވިސާ ދޫކުރުމުގައި ގެންގުޅޭ އުސޫލަށް ބަދަލެއް ގެނެސްފައިނުވާކަން އެ ގައުމުން ރާއްޖޭގެ ޚާރިޖިއްޔާއަށް ކަށަވަރުކޮށްދީފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން އަންގާރަދުވަހު ބުނެފިއެވެ.

މިނިސްޓްރީ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ ޓޫރިސްޓެއްގެ ގޮތުގައި ނޫން ގޮތަކަށް އިންޑިއާއަށް ދަތުރުކުރާ ދިވެހިންނަށް ވިސާދޫކުރުން ހުއްޓާލާފައިވާ ކަމަށް މީޑިއާގައި ދެކެވޭ ވާހަކަތަކާ ގުޅިގެން އެފަދަ ބަދަލެއް ގެނެސްފައި ނުވާ ކަމަށް އެ ގައުމުން ކަަށަވަރުކޮށްދީފައި ވާކަމަށެވެ.

ފޮރިން މިނިސްޓްރީން މިހެން ބުނެފައި މި ވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ދިރިއުޅޭ ދިވެހިންގެ ނަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމަށް އެޑްރެސްކޮށް ފޮނުވާފައިވާ ސިޓީއެއްގައި،  ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓުވާފައިވާ ކަމަށް، އެ ވިސާ އާ ކުރުމަށް އެފްއާރުއާރުއޯ އޮފީހަށް ދިއުމުން ދިވެހިންނަށް އަންގަމުންދާ ކަމަށް ބުނެފައިވަނިކޮށެވެ.

ފެބުރުއަރީ މަހުގެ ކުރީކޮޅު ފޮނުވާފައިވާ އެ ސިޓީގައި ބުނެފައިވާ ގޮތުގައި، މިހާރު ޑިޕެންޑެންޓް ވިސާ ދޫކުރުން ހުއްޓާލާފައިވާ ކަމަށާއި، މުއްދަތު އޮތް ވިސާ ހަމަވުމުގެ ކުރިން އިންޑިއާ އިން ފުރުމަށް އެފްއާރުއާރުއޯ އިން އަންގަމުންދާ ކަމަށެވެ.

ނަމަވެސް ކިޔެވުމަށް މަދަރުސާ އަށް ދާ ކުދިންނަށް ސްޓޫޑެންޓް ވިސާ ކުރިން ދޫކުރަމުންދިޔަ ގޮތަށް ވިސާ ލިބޭނެ ކަމަށާއި އެގޮތުން ކިޔަވަން ތިބޭ ކުދިން ބޯޑިން ސްކޫލްގައި ބޭއްތިއްބުމަށް ފަހު ބެލެނެވެރިން ރާއްޖެ ފުރުމަށް އަންގަމުންދާ ކަމަށް ވެސް އެ ސިޓީގައި ބުނެފައި ވެއެވެ.

މީގެ ކުރިން ޑިސެމްބަރު މަހު ވެސް އިންޑިއާ އިން ވަނީ ވިސާ ދިނުމުގެ އުސޫލުތަކަށް ބަދަލެއް ނުގެންނަކަން ކަށަވަރުކޮށްދީފައެވެ.

ނަމަވެސް އިންޑިއާގެ ކެރެލާ ސްޓޭޓްގެ ޓްރިވެންޑްރަމްގައި އުޅޭ ދިވެހިންނަށް ވިސާގެ މައްސަލަ ދިމާވަމުން ދާކަަމުގެ ޝަކުވާ ލިބެމުންދެއެވެ.

އިންޑިއާގެ މައިސޫރާއި ބެންގަލޫރާއި، ޓްރިވެންޑްރަމްގައި ގިނަ އަދަދެއްގެ ދިވެހިން އުޅެމުންދާއިރު ވިސާގެ މައްސަލައިގައި ޝަކުވާ ލިބެމުންދަނީ ޓްރިވެންޑްރަމްގައި ދިރިއުޅޭ ފަރާތްތަކުގެ ކިބައިންނެވެ.

ދިވެހި ސަރުކާރުން ޑިމޮކްރަސީއާ ޚިލާފަށް ކުރަމުންދާ ކަންކަމުގެ ސަބަބުން އިންޑިއާ އިން ބަޔާންތައް ނެރެ ނުރުހުން ފާޅުކުރި ނަމަވެސް ރާއްޖެއަށް ދަތިކޮށް މިހާތަނަށް ރަސްމީކޮށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް