ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 23:16
ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމް (ކ) އަދި ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް
ރާއްޖެޓީވީގެ ނޫސްވެރިޔާ މުޙައްމަދު ވިސާމް (ކ) އަދި ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް
މުހައްމަދު ޝަރުހާން
ރާއްޖެޓިވީ
އާމިރު އަދި ވިސާމް ދޫކޮށްލުމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ގޮވާލައިފި
ވިސާމް އަދި އާމިރު ހައްޔަރުކޮށްފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެރޭ
ވިސާމް އަދި އާމިރުގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފަ
ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ވަނީ ރާއްޖެޓީވީ އަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފަ

މިމަހުގެ 16 ވަނަ ދުވަހުގެރޭ ފުލުހުން ހައްޔަރު ކޮށްފައިވާ ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އާމިރު ސަލީމް އަދި ސީނިއަރ ވީޑިއޯ ޖަރނަލިސްޓް މުޙައްމަދު ވިސާމް ދޫކޮށްލުމަށް ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ގޮވާލައިފި އެވެ.

ހުކުރު ދުވަހުގެރޭ ހައްޔަރު ކުރި ރާއްޖެޓީވީގެ ނޫސްވެރިންނާއި ގުޅޭ ގޮތުން ރިޕޯޓަރސް ވިތައުޓް ބޯޑަރސްގެ އޭޝިއާ ޕެސިފިކް ޑެސްކްގެ ޑިރެކްޓަރ ޑެނިއަލް ބެސްޓާޑް ވަނީ، އެކަށީގެންވާ ހެކި ހުށަހެޅުމެއްނެތި ބަންދުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ދެ ނޫސްވެރިން ވަގުތުން ދޫކޮށްލުމަށް ކަމާއިބެހޭ އިދާރާތަކަށް ގޮވާލާފައެވެ.

މި މަހުގެ 16 ވަނަ ދުވަހުގެ ރޭ ވިސާމް އަދި އާމިރު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 10 ދުވަސް ޖަހައިދީފައެވެ.

ވިސާމް އަދި އާމިރު ހައްޔަރު ކޮށްފައިވަނީ ފުލުހުންގެ ޔުނީފޯމްގައި ތިބި ބަޔަކު ފެންނަ ވީޑިއޯ އެއް ޔޫޓިއުބްގައި އާއްމުވެފައިވަނިކޮށް، އެވީޑިއޯ އުފެއްދުމުގައި ރާއްޖެޓީވީގެ ބައިވެރިވުމެއް އޮތް ކަމުގެ ތުހުމަތު، ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ކުރެއްވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ. އެހެންނަމަވެސް ނިހާންގެ އެ ތުހުމަތުތަކަށް ރާއްޖެޓީވީ އިން އިންކާރު ކުރެއެވެ.

މީގެ އިތުރުން ހުކުރު ދުވަހުގެރޭ ވެރިކަން ކުރާ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ނާއިބު ލީޑަރު އަބްދުއްރަހީމް އަބްދުﷲ ވަނީ ރާއްޖެޓީވީ ބަންދުކުރުމަށް ރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރައްވާފައެވެ. މީގެ ކުރިންވެސް ރާއްޖެޓީވީ ބަންދު ކުރުމަށް އެކި ފަހަރު މަތިން އަބްދުއްރަހީމް ގޮވާލާފައިވެއެވެ.

ރާއްޖެޓީވީ ބަންދުކުރާނެ ކަމަށް ބުނެ ދެމުންދިޔަ އިންޒާރުތަކާއި ގުޅިގެން މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރާއްޖެޓީވީގެ އާއްމު ކޮންޓެންޓް ބްރޯޑްކާސްޓް ކުރުން ވަގުތީ ގޮތުން ހުއްޓާލަން ޖެހިފައިވެއެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން ނެރެފައިވާ ބަޔާނުގައި ނޫސްވެރިކަމުގެ މިނިވަންކަމަށް އިހްތިރާމް ކުރުމަށާއި، ރާއްޖެޓީވީ އަށް ފުރައްސާރަ ކުރުން ހުއްޓާލުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައިވެއެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން 2017 ވަނަ އަހަރު ނެރުނު ވާރލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ދުނިޔޭގެ 180 ގައުމުގެ ތެރެއިން ދިވެހިރާއްޖެ ދަރަޖަ ކުރެވިފައިވަނީ 117 ވަނާގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް