ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 23:17
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
އެމްޑީޕީ
ފުލުހުން ހައްޔަރުކޮށް މިހާތަނަށް ދޫކޮށްލައިފައިވާ ފަރާތްތަކާ އެމްޑީޕީ އިން ބައްދަލު ކޮށްފި
މި ބައްދަލުކުރުން އޮތީ އަންގާރަ ދުވަހު ހަވީރު ސޯލްޓް ކެފޭގައި

ފެބްރުއަރީ 5 ، 2018 ވަނަ ދުވަހުން ފެށިގެން ފުލުހުން ހައްޔަރުކޮށް މިހާތަނަށް ދޫކޮށްލާފައިވާ ފަރާތްތަކާ ދިވެހި ރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބައްދަލު ކޮށްފިއެވެ.

މިއަދު ހަވީރު ސޯލްޓް ކެފޭގައި ބޭއްވި މި ބައްދަލުވުމުގައި ފުލުހުން ހައްޔަރުކޮށް މިހާތަނަށް ދޫކޮށްލައިފައިވާ ފަރާތްތަކާ އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ވާހަކަފުޅު ދައްކަވާފައި ވާއިރު، އޭގެ ތެރޭގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދާއި އަދި ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ހިމެނިވަޑައިގަންނަވައެވެ. 

5 ފެބްރުއަރީ 2018 ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމިން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވުމަށް ފަހު ގިނަ އަަދަދެއްގެ ފަރާތްތަކެއް ހައްުޔަރުކޮށްފައިވެއެވެ.  

ސޯލްޓް ކެފޭގައި ބޭއްވި ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއް ސައްތާރު ވިދާޅުވީ ފުލުހުންގެ ބަންދުން މިނިވަންވި ފަރާތްތަކާ އެމްޑީޕީއިން ބައްދަލު ކުރީ މިހާރަކަށް އައިސް ދޫނިދޫގައި ނުވަތަ ރިމާންޑް ސެންޓަރުތަކުގައި ތިބި ފަރާތްތަކާ ފުލުހުން އަމަލު ކުރަމުންދާ ގޮތް ކުރިއަށް ވުރެ ހާލަތު ދަށްވެފައިވާތީ، މިނިވަންވި ފަރާތްތަކަށް އެ ފަރާތްތަކުގެ ތަޖުރިބާ ހިއްސާކުރުމަށް ފުރުސަތު ދިނުމަށް ކަމަށެވެ. މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ޝިފާ މުހައްމަދު ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް މުޒާހަރާތަކާއި އަދި އިހުތިޖާޖުތަކުން ހައްޔަރުކޮށް ބަންދު ކުރެވޭ މީހުންގެ ކަންކަން ވަރަށް ގާތުން ބަލަމުން އަންނަ ޕާޓީއެއް ކަމަށާއި، އަދި ހައްޔަރީންނަށް ވަކީލުންގެ އެހީތެރިކަމާ އަދި ހައްޔަރުކޮށް ބަންދުކުރެވޭ މީހުންނާ ދޭތެރޭ ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން ކަންކުރާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ޕާޓީއެއް ކަމަށެވެ. 

ފެބްރުއަރީ 5، 2018 ވަނަ ދުވަހުން ފެށިގެން ފުލުހުން ހައްޔަރުކޮށް މިހާތަނަށް ދޫކޮށްލައިފައިވާ ފަރާތްތަކާ އެމްޑީޕީ އިން މިއަދު ބައްދަލުކުރިއިރު އެމްޑީޕީގެ ބައެއް އިސްފަރާތްތަކާ އަދި ފުލުހުންގެ ބަންދުން ދޫކޮށްލި ފަރާތްތައް ހިމެނޭ ޓީމެއް މިއަދު ވަނީ ދޫނިދޫ ކަސްޓޯޑިއަލްގައި ހުރި މައްސަލަ ތަކާއި ގުޅޭ ގޮތުން ހޯމް މިނިސްޓަރާއި ބައްދަލުކުރުމަށް މަސައްކަތް ކޮށްފައެވެ. އެހެނަަސް އެކަން ކާމިޔާބެއް ނުވިއެެވެ. މިނިސްޓްރީއަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނި ވަޑައިގަންނަވާ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ ފުލުހުންގެ ހައްޔަރުގައި ނުވަތަ ދޫނިދޫ ކަސްޓޯޑިއަލްގައި ހައްޔަރުކޮށްފައި ތިބޭ މީހުންނާއި މެދު ފުލުހުން އަމަލުކުރަމުން ދަނީ ވަރަށް އަނިޔާވެރި ލާއިންސާނީ ގޮތްތަކަކަށްކަން ހައްޔަރު ކުރި މީހުންގެ ވަކީލުންގެ ފަރާތުންނާއި، ހައްޔަރުކޮށް ދޫކޮށްލި މީހުންނާ އެކު ބޭއްވި ބައްދަލުވުންތަކުން އެނގިގެން ދިޔަ ކަމަށެވެ. ހޯމް މިނިސްޓަރާއި ބައްދަލު ކުރެއްވުމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، މިނިސްޓަރާއި ބައްދަލުވާން ދިޔައިރު މިނިސްޓަރު އޮފީހުގައި ވަޑައިގެން ނެތް ކަމަށެވެ. އަދި މިނިސްޓަރާއި ބައްދަލުވުމަށް އެޕޮއިންޓްމެންޓެއް ދޭނެ ކަމަށް މިނިސްޓަރުގެ ބިއުރޯއިން ބުނި ކަމަަށެވެ. އޭނާ ވިދާޅުވީ، މިނިސްޓަރާއި ބައްދަލު ވަންދެއް މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް