ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ހަމީދުގެ ޝަރީޢަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން މުއްދަތު ޖަހައިފިއެވެ.
ރިޝްވަތު ހިފުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލަން މަސައްކަތްކުރި ކަމުގެ ތުހުމަތަށް، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އަލީ ހަމީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވާއިރު ކުއްލި ނުރައްކަލުގެ ހާލަތު މުއްދަތު ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.
ޢަލީ ހަމީދު ބަންދުކޮށްފައިވަނީ ގަދަބާރުން ވެރިކަން ދެމެހެއްޓުމަށް އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ސުޕްރީމް ކޯޓުގެ ފުރާޅުމަތިން އެކޯޓު ތެރެއަށް ވަދެ ހައްޔަރުކޮށްގެންނެވެ.
ޢަލީ ހަމީދުގެ ޤާނޫނީ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ޢަލީ ހަމީދުގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ކަމަށް ފަނޑިޔާރު ވިދާޅުވެފައިވާ ކަމަށެވެ.
މަހްފޫޒް ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ޖިނާއީ އިޖުރާއަތުގެ ޤާނޫން ސަސްޕެންޑް ކުރެވިފައިވާއިރު އެޤާނޫންގެ ދަށުން ޢަލީ ހަމީދަށް މުއްދަތު ޖެހީ ކީއްވެތޯ ސުވާލުކުރެއްވިން ކަމަށާއި ޖަވާބުގައި ފަނޑިޔާރު ވިދާޅުވީ އެޤާނޫނަށް ޢަމަލް ކުރަން ފެއްޓެވީ ހަމަ މިއަދު ކަމަށެވެ.
މަހްފޫޒް ވިދާޅުވީ ޢަލީ ހަމީދު ހައްޔަރުކޮށްފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށްވާނަމަ ޖިނާއީ އިޖުރާއަތުގެ ދަށުން ބަންދުގެ މުއްދަތު ޖަހާނަމަ ކުއްލި ނުރައްކަލުގެ ޙާލަތު އުވާލަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިން ކަމަށެވެ. ނަމަވެސް ފަނޑިޔާރު ވަކިއެއްޗެއް ވިދާޅުވެފައި ނުވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ ޖިނާއީ އިޖުރާއަތަށް ކުއްލިއަކަށް އަމަލް ކުރަން ފެށިނަމަ އެޤާނޫންގެ ދަށުން ޢަލީހަމީދަށް ލިބިވަޑައިގަންނަވަން ޖެހޭ ހައްޤުތައް ލިބެންޖެހޭނެކަން ފާހަގަ ކުރެއްވިން ކަމަށެވެ. ނަމަވެސް އެކަމަށް ވެސް ފަނޑިޔާރު އެއްޗެއް ވިދާޅު ނުވާ ކަމަށް މަހްފޫޒް ވިދާޅުވިއެވެ.
މަހްފޫޒް ވިދާޅުވީ ޢަލީ ހަމީދުގެ މައްސަލަ ކުރިއަށް ގެންދަވަނީ ފަނޑިޔާރު ބޭނުންފުޅުވާ ގޮތަކަށް ކަމަށާއި މިގޮތަށް ދާނަމަ މިހާލަތުން ވެސް އިންސާފްވެރި ޝަރީޢަތެއް ޢަލީ ހަމީދަށް ލިބިދާނެކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.