ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 18:14
އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓުން ނުކުންނަނީ
އިދިކޮޅު މެމްބަރުން ސުޕްރީމް ކޯޓުން ނުކުންނަނީ
މުހައްމަދު ޝަރުހާން
ދުސްތޫރީ މައްސަލަ
ދުސްތޫރީ ބޮޑު ދެ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ތައްޔާރުވެއްޖެ
ހުކުމް ކުރާނެ ދުވަހެއް ޝެޑިއުލެއް ނުކުރޭ
އެންޓި ޑިފެކްޝަންގެ ބިލު ބާތިލު ކުރުމާމެދު ގޮތެއް ނިންމާނެ
ޖިނާއީ ކުށް ސާބިތުވުމުން ފަނޑިޔާރުން ވަކިވުމާމެދު ވެސް ގޮތެއް ނިންމާނެ

ބާރަ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނާއި ޖިނާއީ ކުށެއް ސާބިތުވުމުން ފަނޑިޔާރުކަން ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހު ބާތިލު ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުންތައް ނިންމާލައި ހުކުމް ކުރަން ސުޕްރީމް ކޯޓުން ތައްޔާރުވެއްޖެ އެވެ.

ދުސްތޫރީ އެ މައްސަލަތަކުގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލީ ވަކިވަކިން ބޭއްވި ހަތަރު އަޑުއެހުމަކަށްފަހުއެވެ. އެގޮތުން މިދިޔަ އާދީއްތަ ދުވަހާއި އަންގާރަ ދުވަހު ބޭއްވި ހަތަރު އަޑުއެހުމަކަށް ފަހު، ދެން އޮންނާނީ އެ ދެ މައްސަލައިގެ ހުކުމް ކުރުން ކަމަށް ފަނޑިޔާރުންގެ ބެންޗުން އަންގާރަ ދުވަހު ވަނީ އިއުލާން ކޮށްފައެވެ.

ނަމަވެސް އެ މައްސަލަތަކުގައި ހުކުމް ކުރާނެ ދުވަހެއް ފަނޑިޔާރުންގެ ބެންޗުން ވިދާޅެއް ނުވެއެވެ.

އެ ދެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަންގާރަ ދުވަހު ބޭއްވި އަޑުއެހުންތަކުގައި ބަންޑާރަ ނައިބުގެ އޮފީހުން ބުނެފައި ވަނީ ޖިނާއީ ކުށެއް ސާބިތުވުމުން އޮޓަމެޓިކުން ފަނޑިޔާރުން މަގާމުން ވަކިވާ ގޮތަށް ފާސްކުރި އިސްލާހާއި އެންޓި ޑިފެކްޝަންގެ ބިލަކީ ރައްޔިތުންގެ އެ މައްޗަށް އަމަލު ކުރުން ލާޒިމު ބިލުތަކެއް ނޫން ކަމަށެވެ.

ވަކިވަކިން ބޭއްވި ދެ މައްސަލައިގެ ޝަރީއަތުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ސްޓޭޓް ކައުންސެލް މާޝާ ލުތުފީ ވިދާޅުވީ މެމްބަރުން މަގުބޫލު އުޒުރެއް ނެތި ގަސްދުގައި މަޖިލީހަށް ހާޒިރު ނުވެއްޖެނަމަ އަމަލު ކުރާނެ ގޮތެއް މަޖިލީހުގެ ގަވާއިދުގައި މިހާރު ނެތް ކަމަށެވެ. ވަކި ބިލްތަކެއް ފާސްކުރަން ބޭނުންވާ އަދަދަށް މެމްބަރުން މަޖިލީހަށް ވަޑައިނުގެން، ގާނޫނީ ޑެޑްލޮކަކަށް މަޖިލިސް ހިނގައިދާނެ ކަމަށާއި އެކަމަކީ ގާނޫނީ ގޮތުން ހައްލެއް ހޯދަންޖެހޭ މައްސަލައެއް ކަމަށް މާޝާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޑިފެކްޓޯ ހާލަތުގައި ހާލަތުއް ޟަރޫރާ ނުވަތަ ސްޓޭޓް އޮފް ނެސެސިޓީގެ ދަށުން މަޖިލީހުން ބިލު ފާސްކުރުމަށް ވަކި އަދަދަކަށް ކޯރަމް ބޭނުން ނުވާނެ ކަމަށެވެ. އަދި އެ ހާލަތުގައި ފާސްކުރާ ބިލުތަކަކީ ދުސްތޫރީ ގޮތުން ސައްހަ ބިލުތަކެއް ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެ ވާހަކަތައް ތަކުރާރު ކުރައްވައި، އޭނާ ވިދާޅުވީ އެންޓި ޑިފެކްޝަން ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައި ބިލަކީ ރައްޔިތުން އޭގެ މައްޗަށް އަމަލު ކުރުން ލާޒިމުވާ ބިލުތަކެއް ނޫން ކަމަށާއި އެހެންކަމުން އެ ބިލުތައް ފާސްކުރި ޖަލްސާއަށް މަޖިލީހުގެ ޖުމުލަ އަގުލަބިއްޔަތުގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވުން ލާޒިމު ނޫން ކަމަށެވެ.

ދައުލަތުގެ ވަކީލާ އެހެން ވިދާޅުވުމުން، ފަނޑިޔާރުންގެ ބެންޗުން ވަނީ ދައުލަތަށް ސުވާލުތަކެއް އަމާޒު ކުރައްވާފައެވެ. ރައްޔިތުން އެ މައްޗަށް އަމަލު ކުރަންޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ އިބާރާތުގެ ލަފްޒީ މާނައަށް ވިސްނައިގެން ނުވާނެ ކަމަށާއި އެ ބުނުމުގެ މާނައަކީ ރައްޔިތުން ތަބާވާންޖެހޭ ގާނޫނުތަކާއި ކިޔަމަންވާންޖެހޭ ގާނޫނުތަކަކީ ވެސް ރައްޔިތުން އެ މައްޗަށް އަމަލު ކުރަންޖެހޭ ގާނޫނުތަކެއް ކަމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ބުނެފައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑި ގެއްލޭ ގޮތަށް މަޖިލީހުން ފާސްކުރި އެންޓި ޑިފެކްޝަންގެ ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ބާތިލު ކުރުމަށް ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިން އާއި މަކުނުދޫ ދާއިރާޣެ މެމްބަރު އަނާރާ ނައީމެވެ.

އެބޭފުޅުންގެ ފަރާތުން ހުށަހެޅި ދުސްތޫރީ މައްސަލައިގެ އެއް އަސާސަކަށް ބިނާކޮށްފައި އޮތީ، މަޖިލީހުން ފާސްކުރި ދެ ބިލަކީ ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމު ދެ ބިލު ކަމަށެވެ. އެހެންކަމުން އެފަދަ ބިލުތައް ފާސްކުރަން ޖެހޭނީ މަޖިލީހުގެ ޖުމްލަ މެމްބަރުންގެ ދެބައިކުޅަ އެއްބައި މެމްބަރުން ހާޒިރުވެ، ވޯޓުނަގާ ޖަލްސާއެއްގައި ބައިވެރިވެގެން ކަމަށެވެ. އެގޮތުން އެ ދެ ބިލު ފާސްކޮށްފައި ވަނީ މަޖިލީހުގެ 43 މެމްބަރުން ހާޒިރުވެ ނެތީސް ކަމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައެވެ.

އެހެންކަމުން މަޖިލީހުން ފާސްކުރި އެ ދެ ބިލު ގާނޫނަކަށް ވެފައިވާތީ، އެ ގާނޫނުތަކުގެ ދަށުން އަޅާފައިވާ ފިޔަވަޅުތައް ހުއްޓުވައި، އެކަން ބާތިލުކޮށްދިނުމަށް އެދިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް