ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 23:02
މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ
މުޒާހަރާއެއްގެ ތެރެއިން މީހަކު ހައްޔަރުކޮށްގެން ގެންދަނީ
މުހައްމަދު ޝަރުހާން
ަކުއްލި ނުރައްކަލުގެ ހާލަތު
ކުއްލި ނުރައްކަލުގެ ހާލަތު ނިމޭ އިރު!
 
ސަރުކާރަށް އޮތް ޕްރެޝަރު ކުޑައެއް ނުވޭ
 
ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރުމުގެ މަގުސަދެއް ހާސިލެއް ނުވޭ
 
ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހު ނިމޭނެ

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރަން ރައީސް އަބްދުﷲ ޔާމީނަށް މަޖުބޫރުވެވަޑައިގެންނެވީ ވެރިކަން ދެންމެ ދެންމެ ވެއްޓިދާނެހެން ހީވުފުޅުވުމުންނެވެ. ނަމަވެސް ފުރަތަމަ އިއުލާނުކުރެއްވި 15 ދުވަހާއި ފަހުން އިތުރުކުރެއްވި 30 ދުވަހާ އެކު ޖުމްލަ 45 ދުވަހުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު ބުރާސްފަތި ދުވަހު ހަމަވާއިރު އަދިވެސް އެމަނިކުފާނު ހުންނެވީ ކަރުތާފެނުގައެވެ. މަދުމަޑުން ބާއްޏަކުން ވެސް ނޭވާ ހޮޅިއަށް އެޅޭ ހާލުގައެވެ. އެހެންކަމުން ކުޑަކުޑަ ރާޅެއް ނެގިޔަސް ދުވަސް ދިޔައީއެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ ކަންކަން ހައްލުކުރެއްވުމަށް ކަމަށްވާ ނަމަ އެ ހާލަތު ނިމިގެން މިދަނީ އެ މަގުސަދު ކުޑަކޮށް ވެސް ހާސިލްނުވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވީ ސިޔާސީ ކުލަ ޖެހިގެން ހިންގުނު ޝަރީއަތްތަކަކުން ޖަލުގައި ބަންދުގައި ތިއްބެވި ނުވަ ބޭފުޅަކު މިނިވަން ކުރުމަށާއި މަޖިލީހުގެ މެޖޯރިޓީ އެކަމެއްގެ މައްޗަށް ބިނާވެގެންވާ 12 މެންބަރެއްގެ ގޮނޑިއާ މެދު ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމް ތަންފީޒުނުކޮށް އެކަމުން އަރައިގަތުމުގެ ބޭނުމުގައެވެ. އެ ހާލަތު އިއުލާނުކޮށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދާއި އަދިވެސް ސަރުކާރަށް ނުރައްކާވެދާނެހެން ހީވާ ހުރިހާ ބޭފުޅުން ޖަލުގައި ބަންދުކުރުމުގެ މައިގަނޑު މަގުސަދަކީ ސަރުކާރަށް ކުރިމަތިވެފައިވާ ނުރައްކަލާއި ޕްރެޝަރު ކުޑަކުރުމެވެ. ނަމަވެސް 45 ދުވަސް ނިމިގެންދާއިރު ވެސް އެ ޕްރެޝަރަށް ކުޑަ ވެސް ލުޔެއް ނުލިބުނެވެ. އޭގެ ބަދަލުގައި ވޭތުވެދާ ކޮންމެ ދުވަހަކީ ސަރުކާރަށް އާ ޕްރެޝަރުތަކެއް ކުރިމަތިވާ ދުވަހަކަށް ވަނީ ވެފައެވެ. 

ކޮންމެ ރެއެއް ނިމިދަނީ ފަތިސް ވާންވާ އިރަށް ވެސް ސަރުކާރު ދެމި އޮވެދާނެތޯ ކުރެވޭ ސުވާލުންނެވެ. ދެ މީހަކު ދިމާވިޔަސް ކުރެވޭ ސުވާލަކީ ކޮބާ ނިމޭކަށް ނޫޅޭ ހެއްޔެވެ؟ މާނައަކީ ސަރުކާރު ދެމިއޮތުމާ މެދު ރައްޔިތުންގެ އެއްވެސް ޔަގީންކަމެއް ނެތް ކަމެކެވެ. މައިގަނޑު ސަބަބަކީ ސަރުކާރުގައި އެއްވެސް ވަރެއް ނެތުމެވެ. އެތެރެއިން ދެންމެ ދެންމެ ފިޔަވަޅެއް އެޅުމުގެ ބިރު އޮތުމެވެ. އެއީ ސަރުކާރުގައި މިވަގުތު ކޮނޑު އަޅައިގެން ތިބި ފުލުހުން ކަމުގައި ވިޔަސް އަދި ސިފައިިންގެ ތެރެއިން ކަމުގައި ވިޔަސް ޣައިރު ގާނޫނު އަމުރުތަކަށް ތަބާވުން ހުއްޓާލާނީ ކޮން އިރަކުކަން ސަރުކާރަކަށް ވެސް ނޭނގެއެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ ސަރުކާރުން ބާރުތަކުގެ މައްޗަށް އަލުން ކޮންޓްރޯލް ހޯދުމަށް ކަމަށްވާ ނަމަ އެ މަގުސަދު ވެސް ހާސިލެއް ނުވެއެވެ. ޝަރުއީ ދާއިރާގައި ސަރުކާރުން އެދޭހާ ގޮތަކަށް ހުކުމްތަކާއި އަމުރުތައް ނެރެދޭނެ ގާޒީންނާއި ފަނޑިޔާރުން އިނގިލި ކުރިން ގުނައިލެވޭހާ މަދު ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ސަރުކާރު ދެމެހެއްޓުމަށް އޮތް މަގަކީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކުރި ފަނޑިޔާރުންނާއި މަޖިލީހުގެ މެންބަރުނާއި ސިޔާސީ ބޭފުޅުންނާއި ބައެއް ފުލުހުންނާއި ސިފައިން ބަންދުގައި ބޭތިއްބުން ކަމަށްވާ ނަމަ އެ ހާލަތުގެ ފަހުން ވެސް އެ ފަރާތްތައް ބަންދުގައި ބޭތިއްބުމަށް ކްރިމިނަލް ކޯޓުން ގެންދަނީ މުއްދަތު ޖަހައިދެމުންނެވެ. ނަމަވެސް ސުވާލަކީ އެގޮތުގައި ހިފަހައްޓާނީ ކިހާ ދުވަހަކު ހެއްޔެވެ؟

މުއްދަތު ހަމަވެ ސަރުކާރުން ބޭނުންވާ ގޮތަކަށް ދައުވާކޮށް ހުކުމް ކުރި ނަމަވެސް އެ ލިސްޓަށް ނިމުމެއް ނެތެވެ. ފެންނަ ފެނުމަށް ބަލާ ނަމަ އެ މަގުސަދު ހާސިލްކުރުމަށް ޖަލަށް ލާންޖެހޭ މީހުންގެ އަދަދު ޖަލުތަކުގެ ޖާގަ އަށް ވުރެ މާ ގިނައެވެ. އިސްލާހީ މަސައްކަތުގައި ބަންދުވާން ނުވަތަ މި ވެރިކަން ނުމަމަކަށް އަންނަންދެން ބަންދުވާން ތައްޔާރަށް ތިބި ރައްޔިތުންގެ އަދަދު ދުވަހެއް ދުވަހަށް ދަނީ އިތުރުވަމުންނެވެ. އެއީ ހަމައެކަނި އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދާއި ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމް ޖަލުގައި ބަންދުކުރުމުން ހައްުވާން އޮތް މައްސަލައެއް ނޫނެވެ. އެންމެ އާދައިގެ ރައްޔިތު މީހާގެ ހިތުގައި ވެސް އިސްލާހީ ބަދަލުގެ ހުޅުކޮޅު ވަނީ ރޯވެފައެވެ. ސުވާލަކީ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބަންދުކޮށްގެން ވެރިކަން ދެމެހެއްޓޭނީ ކިހާ ދުވަހަކު ހެއްޔެވެ؟

އަނެއްކޮޅުން ގިނަ ބަޔަކު ޖަލަށް ލައިގެން ސަރުކާރަށް ވެސް މާ ގިނަ ދުވަހު ހިފަހައްޓައެއް ނުލެވޭނެއެވެ. ބައިނަލްއަގުވާމީ މުޖުތަމައު ވެސް އޮތީ ދޫދޭ ހާލަތެއްގައެއް ނޫނެވެ. ޔޫރަޕްގެ އިއްތިހާދުގެ ފިޔަވަޅުތައް އެދަނީ ބޯމަތިވަމުންނެވެ. އެ ފަރާތްތަކުން ފިޔަވަޅުތަކެއް އަޅައިފި ނަމަ ސަރުކާރުން ވެސް ގަބޫލުކުރާ ފަދަ ދަތި އުނދަގޫ ދުވަސްތަކެއް ކުރިމަތިވާނެއެވެ. އޭގެ ގެއްލުން މުޅި ރާއްޖެ އާއި ރައްޔިތުން ވެސް ތަހައްމަލުކުރަންޖެހޭނެއެވެ. އުތުރު ކޮރެއާ އަށް ދުވަސްތަކެއް ވަންދެން ދެމި އޮވެވުނު ނަމަވެސް ރާއްޖެ ފަދަ ގުދުރަތީ ވަސީލަތްތައް މަދު ގައުމަކަށް ޔޫރަޕްގެ އެހީތެރިކަން ނެތި ދެމިއޮތުމަކީ ނުވާނެ ކަމެކެވެ. 

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ހަމަޖެހުމުގެ ނޭވާއެއް ލެވޭނެކަން ސަރުކާރަށް ހީވި ހީވުން އެއީ ކުށް ހީއެއްކަން މިދަނީ ސާބިތުވަމުންނެވެ. ރައްޔިތުންގެ ހިތްވަރާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތް ކުޑަވެސް ހީނަރުކަމެއް ނާދެއެވެ. މުޒާހަރާތައް ކުރިއަށް ދެއެވެ. ސިޔާސީ ގޮތުން ކުރަންޖެހޭ މަސައްކަތް ސިޔާސި ފަރާތްތަކުން އެދަނީ ކުރަމުންނެވެ. ބައިނަލްއަގުވާމީ ޕްރެޝަރަށް ވެސް ކުޑަވެސް ބަދަލެއް އަންނަ ތަނެއް ނުފެނެއެވެ. އެހެންކަމުން ކުއްލި ނުރައްކަލުގެ ހާލަތު ބުރާސްފަތި ދުވަހު ނިމުމަކަށް އަންނަ އިރު އެ ހާލަތު އިއުލާނުކުރަން ޖެހުނު އަސްލު ސަބަބަށް ނިމުމެއް ނާދެއެވެ. އަސްލު މަގުސަދެއް ވެސް ހާސިލެއް ނުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
11%
0%
0%
89%
ކޮމެންޓް
ގުޅުންހުރި
ރާއްޖޭގައި މަދަނީން ބައިތިއްބަން ނިންމީ އިންޑިޔާ ސަރުކާރުންތޯ ރާއްޖޭގެ ސަރުކާރުންތޯ ކުރި ސުވާލަށް ޖަވާބެއް ނެތް
ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
ރާއްޖޭގެ އަސްކަރިއްޔާގައި ޑޯނިއަރ އަދި ހެލިކަޕްޓަރު ދުއްވޭ ފެންވަރުގެ ޤާބިލު ސިފައިންނެއް ނެތް: ސަރުކާރު
ސެނަހިޔާގައި މަސައްކަތްކުރާ އިންޑިއާގެ ޑޮކްޓަރުން ތިބޭނެ، ފޮނުވާލީ 76 ސިފައިން: ސަރުކާރު
މަދަނީންގެ ގޮތުގައި އައީ އެ އުޅަނދުތައް އުފެއްދި ކުންފުނީގެ މީހުން: ސަރުކާރު
ފަލަސްތީނަށް މިނިވަންކަން ނުދޭން އެމެރިކާ އާއި އިޒްރޭލުން ކުރާ މަސައްކަތުގައި އެ ދެގައުމު ދުނިޔޭގެ ކުރިމަތީގައި ބާކީވެ އެކަހެރިވަނީ
ސަރުކާރުން މިހާރު ބުނަނީ ސެނަހިޔާގައި ތިބި މިލިޓަރީ ޑޮކްޓަރުންގެ ސަބަބުން މިނިވަންކަމަށް ކުރާނެ އަސަރެއް ނެތްކަމަށް
ފާޑުކިޔުންތަކުން އަޑުކަނޑުވައެއް ނުލެވޭނެ: މާރިޔާ