ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފިއެވެ.
ރައީސް މައުމޫން ކޯޓަށް ހާޒިރުކޮށްފައިވަނީ އެމަނިކުފާނުގެ ބަންދާއި މެދު ގޮތެއް ނިންމުމަށެވެ.
ރައީސް މައުމޫން ކޯޓަށް ހާޒިރު މިކުރެއްވީ، އެ މަނިކުފާނު ގާނޫނީ ވަކީލް މައުމޫން ހަމީދު ރާއްޖޭން ބޭރުގައި ހުންނެވުމާއެކު، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރެއްވުން މި މަހުގެ 22 ވަނަ ދުވަހަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެންފައި ވަނިކޮށެވެ.
މައުމޫންގެ މައްޗަށް ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީ، ގާނޫނާ ހިލާފަށް ވެރިކަން ބަދަލުކުރުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތު ދިނުމާއި ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދައި ސަރުކާރާ ދެކޮޅަށް ސަލާމަތީ ބާރުތައް ނުކުތުމަށް ހިތްވަރު ދީ އެކަމަށް ރޭވުންތައް ރޭވުމުގެ ތުހުމަތެވެ.
ނަމަވެސް މައުމޫން ވަނީ އެ ހުރިހާ ތުހުމަތުތަކަށް އިންކާރު ކުރައްވައިފަ އެވެ.
މި ހުރިހާ ތުހްމަތެއް ކުރުމަށް ފަހު، އަދި ރައީސް މައުމޫންގެ މައްޗަށް ވެސް ހެކި ލިބިފައިވާ ކަމަށް ފުލުހުން ބުނުމަށް ފަހު ޕްރޮސިކިއުޓަ ޖެނެރަލް ދައުވާ ކޮށްފައި ވަނީ، ހެކި ނައްތާލުމުގެ ކުށުގަ އެވެ.