ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުމަށް އަންގާފައިވާތީ، އެމަނިކުފާނުގެ ގާނޫނީ ވަކީލު މިވަގުތު ރާއްޖޭގައި ނޫޅުއްވާތީ ބަންދާ މެދު ގޮތެއް ނިންމުމުގެ އަޑު އެހުން ފަސްކޮށް ދެއްވުމަށް ރައީސް މައުމޫން އެދިވަޑައިގަންނަވައިފި އެވެ.
ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފްއަށް އެޑްރެސްކޮށް ރައީސް މައުމޫން ފޮނުއްވާފައިވާ ސިޓީގައި ވަނީ އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ސަރުކާރުން އިއުލާން ކޮށްފައިވާ ކަމަށްބުނާ، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން މިދިއަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ ކަމަށެވެ. އަދި ހައްޔަރު ކޮށްފައިވަނީ ވެސް ކޯޓު އަމުރެއް ނެތި ކަމަށާއި ހައްޔަރު ކުރި ވަގުތުން ފެށިގެން 24 ގަޑިއިރު ވީއިރުވެސް އެމަނިކުފާނުގެ ބަންދާ މެދު ގޮތެއް ނިންމުމަށް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރު ކޮށްފައި ވެސް ނުވާ ކަމަށެވެ. އެހެންކަމުން މިހާރު ބަންދުކޮށްފައިހުރި ހުރުން ވާނީ ގާނޫނާ ހިލާފު ބަންދަކަށް ކަމަށްވެސް ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.
މީގެއިތުރުން ރައީސް މައުމޫން ވިދާޅުވެފައިވަނީ އެމަނިކުފާނު ބަންދުގައި ހުއްޓާ، މަރޗު މަހުގެ 20 ވަނަ ދުވަހު އެމަނިކުފާނުގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކްރިމިނަލް ކޯޓަށް ގެންދާނެ ކަމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް މިވަގުތު އެމަނިކުފާނުގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ހުންނެވީ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ކަމަށާއި އެނބުރި ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވަނީ ވަނީ މިމަހުގެ 21 ވަނަ ދުވަހު ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރާ ވާހަކަ އެމަނިކުފާނަށް އަންގާފައިވަނީ 19 ވަނަ ދުވަހު ކަމަށާއި އެހެންކަމުން 20 ވަނަ ދުވަހު އެމަނިކުފާނުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރު ކުރުމަކީ ކުރިން އެމަނިކުފާނު ތަސައްވަރު ކުރެވިފައިވާ ކަމަކަށް ނުވާތީ، އެމަނިކުފާނުގެ ގާނޫނީ ވަކީލަށް ބަންދުގެ މުއްދަތާބެހޭ އަޑުއެހުމެއް އޮންނާނެކަން އެންގިފައިވަނީ މިއަދު ކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.
މީގެއިތުރުން ރައީސް މައުމޫންގެ އެސިޓީގައި ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ ބަންދާމެދު ކްރިމިނަލް ކޯޓަށް އެމަނިކުފާނު ހާޒިރު ކުރާއިރު، އެމަނިކުފާނުގެ ގާނޫނީ ވަކީލާއެކު ހާޒިރުވުމަށް ފުރުސަތު ދެއްވުމުގެ ގޮތުން، އެ އަޑުއެހުން މި މަހުގެ 22 ވަނަ ދުވަހުގެ ވަގުތެއްގައި ބާއްވައި ދެއްވުން އެދޭ ކަމަށެވެ.
ރައީސް މައުމޫން ވިދާޅުވީ އެމަނިކުފާނު 40 އަށްވުރެ ގިނަ ދުވަހު ބަންދުގައި ހުރިއިރުވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައި ނުވާތީ، އިތުރު 20 އަކަށް ގަޑިއިރަށް ބަންދުގެ މުއްދަތު އިތުރުކުރުމަށް ބާއްވާ އަޑުއެހުން ލަސްކޮށް ދެއްވުމަކުން، މިހާތަނަށް އެމަނިކުފާނާމެދު ގާނޫނާ ހިލާފަށް ހިނގައިފައިވާ ކަންކަން، އެނޫން ގޮތަކަށް ހިނގައިފައިވާކަމަށް ގަބޫލުކުރެވޭނެ ހަމައެއްވެސް އޮންނާނެކަމަށް ނުފެންނަކަމަށްވެސް ރައީސް މައުމޫން ވިދާޅުވި އެވެ.