ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 10:50
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އިހްތިޖާޖްތަކުގެ ތެރެއިން
ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި އިހްތިޖާޖްތަކުގެ ތެރެއިން
މުހައްމަދު ޝަރުހާން
ރައްޔިތުންގެ އިހުތިޖާޖު
ބަންދުކޮށްފައިވާ މީހުންގެ އަޕްޑޭޓް: މިހާރު ބަންދުގައި ތިބީ 9 މީޙުން، އޭގެ ތެރޭގައި 3 މެމްބަރުން ހިމެނޭ
ބަންދުގައި ތިބީ 8 ފިރިހެނަކާއި އަންހެނެއް
އެކަކު ހުރީ ގޭ ބަންދުގައި
އެއްވުންތަކާއި ގުޅިގެން 3 މެމްބަރުން ބަންދުކޮށްފައިވާއިރު، އެކި ތުހުމަތު ތަކުގައިވެސް މެމްބަރުން ޖަލުގައި އެބަތިބި

އެކެއް ފެބްރުއަރީން ފެށިގެން މާލޭގައި ކުރަމުންދާ އިހުތިޖާޖުތަކާއި ގުޅިގެން ގިނަ އަދަދެއްގެ ބަޔަކު ބަންދުކުރިނަމަވެސް، މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ ނުވަ މީހުން ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާއިން ބުނީ އެކެއް ފެބްރުއަރީން ފެށިގެން މާލޭގައި ބޭއްވުނު އެއްވުންތަކުގައި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅުމާއި، ހުއްދަ ނޫން ސަރަހައްދުތަކަށް އެއްވުމުގެ ތުހުމަތު މިވަގުތު ފުލުހުންގެ ބަންދުގައި ތިބީ 09 މީހުން ކަމަށެވެ. އެއީ 08 ފިރިހެނުންނާއި އަންހެނެއް ކަމަށް ވެސް ފުލުހުން ބުނެއެވެ. 

ފުލުހުންގެ މީޑިއާއިން ބުނީ ފުލުހުންގެ ބަންދުގައިތިބި 09 މީހުންގެ ތެރެއިން އެކަކު ގޭބަންދުގައިވާ ކަމަށެވެ. އަދި އެ 09 މީހުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 03 މެމްބަރަކު ވެސް ހިމެނޭ ކަމަށް ފުލުހުން ބުނެއެވެ. 

ފުލުހުންގެ މީޑިއާއިން ބުނީ ފުލުހުންގެ ބަންދުގައި ތިބި އެންމެން ވެސް ތިބީ ބަންދުގެ މުއްދަތު ޖަހާފައި ކަަމަށެވެ.

ބަންދުގެ މުއްދަތު ޖަހާފައިވާ ރައްޔިތުންގެ މަޖިލީހުގެ 03 މެމްބަރުންނަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަލީ އާޒިމްގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އެވެ.

އިބޫ އާއި އާޒިމްގެ ބަންދުގެ މުއްދަތު 09 ދުވަހަށް އިތުރުކޮށްފައިވާއިރު، މަހްލޫފްގެ ބަންދަށް 13 ދުވަސް ޖަހާފައިވެ އެވެ.

ފުލުހުންގެ ބަންދުގައިވާ މީހުންގެ ތެރޭގައި މާލެ ސިޓީ ކައުންސިލްގެ މެދުހެންވޭރު ދާއިރާގެ ކައުންސިލަރު އަހުމަދު ނިޔާޒުގެ ބަންދަށް 09 ދުވަސް ޖަހާފައި ވެއެވެ.

ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ތިން މެމްބަރެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، ސަރުކާރުގެ ނުފޫޒުން ދައުލަތުގެ އިދާރާތައް މެދުވެރިކޮށް، ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެމްބަރުންތަކެއް ތިއްބެވީ ޖަލުގައި އަދި މަޖިލީހަށް ހާޒިރު ނުވެވޭ ހާލަތުގައި އެވެ.

އެގޮތުން ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ އިސް ލީޑަރުންގެ ގޮތުގައި ހަރަކާތްތެރިވާ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން ދައުވާކުރާ ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ގިނަ ދުވަސްތަކެއް ވަންދެން ޖަލުގައި ހޭދަކުރަމުންދާއިރު، ރިޝްވަތު ދިން މީހާ ހެކިބަސް ދެމުން، ފާރިސް އޭނާއަށް ރިޝްވަތު ނުދޭކަމަށް ޝަރީއަތުގައި ވަނީ ހެކިބަސް ދީފަ އެވެ. ނަމަވެސް ފާރިސް މިއަދުވެސް ހުންނެވީ ޖަލުގަ އެވެ. 

ޖުމްހޫރީ ޕާޓީގެ ނާއިބު ލީޑަރު އަބްދުﷲ ރިޔާޒު އާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމު އަހުމަދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާނު ހިމެނެ އެވެ. 

މީގެއިތުރުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ 12 މެމްބަރެއްގެ ގޮނޑިއާ މެދު ސުވާލު އުފައްދާ ފުލުހުންނާއި ސިފައިން ގެންދަނީ އެ 12 މެމްބަރުން މަޖިލީހަށް ވަޑައިގެންނެވުމަށް ހުރަސް އަޅަމުން ނެވެ. 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ލީޑަރުން ތިއްބެވީ ޖަލު ހުކުމުގައި އާއި އެކި ތުހުމަތުތަކުގައި ޖަލަށް ލެވިފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މުޙައްމަދު ޒާހިރު
- ކޮމެންޓް