ކ. މާލެ
|
20 މާރޗް 2018 | އަންގާރަ 00:40
ސުޕްރީމް ކޯޓު
ސުޕްރީމް ކޯޓު
މުހައްމަދު ޝަރުހާން
ސުޕްރީމް ކޯޓު
އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން ވަކިކުރެވޭ އިސްލާހު ބާތިލް ކުރުމަށް ހުށަހެޅި މައްސަލައިގެ ދެވަނަ އަޑުއެހުން މާދަމާ
އިޖުރާއީ ފުރަތަމަ އަޑުއެހުން ބާއްވާފައި ވަނީ މިދިއަ އަދިއްތަ ދުވަހު
ދެވަނަ އަޑުއެހުން މާދަމާ 11:00 އާއި 13:30 ގައި
މައްސަލަ ކޯޓުން ބަލައިގަތުމާމެދު, ގޮތް ނިންމާނީ އިޖުރާއީ އަޑުއެހުންތައް ނިންމާލުމަށްފަހު

ރައްޔިތުންގެ މަޖިލީހުން މިދިޔަ ހަފްތާގެ އަންގާރަ ދުވަހު ފާސްކުރި، އަދި ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރައްވާފައިވާ އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުންގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު، ބާތިލް ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައި ދެވަނަ އަޑުއެހުން އަންގާރަ ދުވަހަށް ތާވަލް ކޮށްފި އެވެ.

މި ދެ މައްސަލައިގެ ތެރެއިން ފުރަތަމަ މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ، އަންގާރަ ދުވަހުގެ 11:00 އަށެވެ. ދެވަނަ މައްސަަލަ ތާވަލް ކޮށްފައިވަނީ ހަމަ އަންގާރަ ދުވަހުގެ މެންދުރުފަހު 13:30 އަށެވެ. 

އެންޓި ޑިފެކްޝަން ގާނޫނާއި ފަނޑިޔާރުން މަގާމުން ވަކިކުރެވޭގޮތަށް ފާސްކޮށްފައިވާ އިސްލާހު، ބާތިލް ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ގުޅިފައިވާ ޕާޓީތަކަށް ނިސްބަތްވާ އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އާއި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން އާއި އަދާލަތު ޕާޓީގެ ޕާލަމެންޓް މެމްބަރު އަނާރާ ނައީމު އެވެ. 

ސުޕްރީމް ކޯޓުގައި މި މައްސަލަތަކާއި ގުޅިގެން އާދިއްތަ ދުވަހު ބޭއްވި އަޑުއެހުމުގައި، އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ދޭނަންތޯ އޭ ވިދާޅުވެ، އަނާރާ ނައީމް ވަނީ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ސުވާލު ކުރައްވާފަ އެވެ.

ޝަރީއަތުގެ އަޑުއެހުމަށްފަހު އަނާރާ "ރާއްޖެއެމްވީ"އަށް ވިދާޅުވެފައި ވަނީ ގާނޫނުއަސާސީގައި ވަކިކަމެއް ވަކި ގޮތަކަށް ކުރަން ކަނޑައަޅާފައި ވަނިކޮށް، ގާނޫނަކުން އެ ކަމެއް އެހެން ގޮތަކަށް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެގޮތުން އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް، ގާނޫނަކުން އެހެން ދީނެއް ރާއްޖެ ނުގެނެވޭނެ ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.

އެ ތިން ބޭފުޅުންގެ ފަރާތުން އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވީ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތާއި ގާނޫނީ ވަކީލު ސަފާ ޝަރީފެވެ.

ދުސްތޫރީ މައްސަލައިގެ އިޖުރާއީ އަޑުއެހުމުގައި ގާނޫނީ ވަކީލު ސަފާ ޝަރީފު ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނަކީ މަޒީގައި ހިނގައިދިޔަ ކަންކަމަށް، އަމަލު ކުރެވޭ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ. އަދި އެގޮތަށް ގާނޫނު ހެދުމަކީ ގާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ސަފާ ވިދާޅުވިއެވެ.

ސަފާގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ މާޒީގައި ހިނގައިދިޔަ ކަމަކަށް ފަހުން އަންނަ ގާނޫނަކުން އަދަބު ނުދެވޭނީ ޖިނާއީ މައްސަލަތަކުގައި އެކަނި ކަމަށެވެ. ނަމަވެސް މަދަނީ މައްސަލަތަކުގައްޔާއި އެހެނިގެން މައްސަލަތަކުގައި މާޒީގައި ހިނގައިދިޔަ ކަންތައްތަކަށް އަދަބު ދެވޭނެ ކަމަށާއި ޓޫރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވެސް މާޒީގައި ހިނގައިދިޔަ ކަމަކަށް ފަހުން ގެނައި އިސްލާހުން އަމަލުކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާމެދު, ގޮތް ނިންމާނީ އިޖުރާއީ އަޑުއެހުންތައް ނިންމާލުމަށްފަހުއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަހްމަދު ސާއިފް ޝިޔާދް
- ކޮމެންޓް