ކ. މާލެ
|
19 މާރޗް 2018 | ހޯމަ 19:05
މުއްދަތު މަޖިލީހަށްފަހު އާޒިމް އާއި އިބޫ ދޫނިދޫއަށް ގެންދިޔުމަށް ފުލުހުންގެ ލޯންޗަށް އަރުވާފައި
މުއްދަތު މަޖިލީހަށްފަހު އާޒިމް އާއި އިބޫ ދޫނިދޫއަށް ގެންދިޔުމަށް ފުލުހުންގެ ލޯންޗަށް އަރުވާފައި
ޓްވިޓަރ
ބަންދުގެ މުއްދަތު ޖެހުން
އިބޫ އާއި އާޒިމްގެ ބަންދަށް 9 ދުވަސް ޖަހައިފި
އިބޫ އާއި އާޒިމްވެސް ހައްޔަރުކުރީ ހުކުރު ދުވަހުގެ ރޭ މުޒާހަރާގެ ތެރެއިން
އިބޫ އަށް ގޮދަޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ފުލުހުންނަށް އެންގެވިނަމަވެސް އެކަން ފުލުހުން ކޮށްދީފައެއްނުވޭ

އިދިކޮޅު މައި ޕާޓީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުޙައްމަދު ސޯލިޙް (އިބޫ) އާއި ޑެޕިއުޓީ ލީޑަރު މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެ ބަންދަށް 9 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.

ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހުގެރޭ މާލޭގައި ބޭއްވި 'ހުއްޓުވާ' އިހްތިޖާޖުގެ ތެރެއިން އެދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުންނެވެ. 

ހައްޔަރުކުރުމަށްފަހު އެދެބޭފުޅުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކޯޓަށް މިއަދާއި ހަމަޔަށް ހާޒިރުކޮށްފައި ނުވަނީ ދެބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ މިހާރު އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންނެވެ. 

އިބޫގެ ޤާނޫނީ ވަކީލު ނާޒިމް ސައްތާރު ވިދާޅުވީ އިބޫގެ ބަންދަށް 9 ދުވަސް ޖެހީ މުޖްތަމައަށް ނުރައްކާވެދާނެތީ އާއި ހެކި ފޮރުވަފާނެކަމަށް ބަލާފައިކަމަށެވެ. 

މީގެ އިތުރުން އިބޫ ހައްޔަރުކުރެވުނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުންކަމަށް ފުލުހުން ބުނިއިރު، އެމަނިކުފާނުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ކުށްކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ. އެހެންކަމުން އެއީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން މީހުން ހައްޔަރުކުރެވޭނެ ސަބަބެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. 

ނާޒިމް ވިދާޅުވީ އިބޫއަކީ މަޖިލީހުގެ މެމްބަރެއްކަމަށްވުމާއި އެކު، އެމަނިކުފާނަށް ލިބިގެންވާ އިމްތިޔާޒްތަކުގެ ވާހަކަ ފާހަގަކުރެއްވުމުން، އިބޫ ހައްޔަރުކުރެވުނީ ކުށެއް ކުރަނިކޮށް ފެނިގެންކަމަށް ފުލުހުން ބުނިކަމަށެވެ. 

އިބޫ އާއި އާޒިމްވެސް ހައްޔަރުކޮށްފައިވަނީ ދޫނިދޫގައެވެ. ނާޒިމް ވިދާޅުވީ އިބޫ އިންނެވި ގޮޅިއަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ނުފެތޭ ގޮޅިއެއްނަމަ، އެހެން ގޮޅިއަކަށް ބަދަލުކުރުމަށް ގާޒީ އެންގެވިކަމަށެވެ. 

އިބޫ އާއި އާޒިމްގެ މުއްދަތު މަޖިލީހަށްފަހު އެދެބޭފުޅުންވެސް ކޯޓުން ނެރުނީ އާއްމުކޮށް ކޯޓަށް ގެންދާ މީހުން ނެރޭ ކްރިމިނަލް ކޯޓުގެ މައި ދޮރާށި ނޫން އެހެން ދޮރަކުންނެވެ. އެދެބޭފުޅުން މުއްދަތު ޖަހަން ކޯޓަށް ގެންދިޔައިރު އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ގިނަ އަދަދެއްގެ މެމްބަރުންނާއި އެޕާޓީގެ އިސް ބޭފުޅުންގެ އިތުރުން ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުން އެސަރަހައްދަށް ދިޔައެވެ. 

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބޫ ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށް އަދި އެމަނިކުފާނާ މެދު ފުލުހުން ޢަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކޮށް އެޕާޓީއިން ހޯމަ ދުވަހު ވަނީ ބަޔާނެއްވެސް ނެރެފައެވެ. 

އެ ބަޔާނުގައިވަނީ "އިބްރާހީމް މުޙައްމަދު ޞާލިޙް އަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިސްނަންގަވަައިގެން ހިންގާ ޙަރަކާތްތަކުގައި އެންމެ އިސްދައުރެއް އަދާކުރައްވައި، ދިވެހި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ކެނޑިނޭޅި އެ މަސައްކަތް ކުރައްވަމުންގެންދަވާ، ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާ ހުރި އެއް ސިޔާސީ ލީޑަރެވެ. އެހެންކަމުން އެމަނިކުފާނު ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން އިސްލާޙީ މަަސައްކަތްތަކަށް ހުރަސްއެޅުމަށްކަމުގައި" އެޕާޓީއިން ދެކޭކަމަށެވެ. 

މީގެ އިތުރުން އިބޫ ހައްޔަރުކުރުމާއެކު ޢާއިލާގެ ފަރާތުން އިބޫ ދާއިމީ ހިތުގެ ބައްޔަށް ބޭނުންކުރައްވާ ބޭހާއި އެމަނިކުފާނުގެ އަންނައުނު ހޮނިހިރުދުވަހު ހެނދުނު ފުލުހުންނާ ޙަވާލުކުރިކަމަށާއި، އެެހެންނަމަވެސް އެ ތަކެތި ޙަވާލުކުރުމަށް އެތައް އުނދަގޫތަކާ ކުރިމަތިވެ، އާދީއްތަ ދުވަސްވީއިރުވެސް އަންނައުނާއި ބޭސް އަމަނިކުފާނަށް ލިބިވަޑައިގެންފައިނުވާކަމަށް އާއިލާއާއި ހަވާލާދީ އެމްޑީޕީއިން ފާހަގަކުރިއެވެ. މީގެ އިތުރުން ގޮދަޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަ ޑޮކްޓަރު ފުލުހުންނަށް އަންގަވާފައިވީނަމަވެސް ގޮދަޑިއެއް ފުލުހުން ފޯރުކޮށްދީފައިނުވާކަންވެސް އެމްޑީޕީއިން ފާހަގަކުރެއެވެ.

އެމްޑީޕީއިން ބުނި ގޮތުގައި އިބޫ ހުންނަވަނީ ވަކިން ހުންނަ ގޮޅިއެއްގައެވެ. އެ ގޮޅިއަކީ ކޮންމެ ދުވަހަކު ހެނދުނު ނުވަޔަކުން މެންދުރުފަހު 3 ޖަހަންދެން އަވިދޭ ތަނަކަށްވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނު ގަދަކަމަށްވެސް އެޕާޓީއިން ބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް