ކ. މާލެ
|
19 މާރޗް 2018 | ހޯމަ 17:42
އެޗްއާރްސީއެމުން ނުކުމެވަޑައިގެން، ހަސަން ލަތީފު މީޑިއާއަށް މައުލޫމާތު ދެއްވަނީ
އެޗްއާރްސީއެމުން ނުކުމެވަޑައިގެން، ހަސަން ލަތީފު މީޑިއާއަށް މައުލޫމާތު ދެއްވަނީ
ރާއްޖެ އެމްވީ
އެމްޑީޕީގެ ކަންބޮޑުވުން
ޖަލުގައި އަނިޔާ އާންމުވެއްޖެ، އެކަން ކުރަނީ ސިސްޓަމެޓިކްކޮށް: އެމްޑީޕީ
ފުލުހުންގެ ދެ އޮފިސަރެއްގެ މައްސަލަ އެންއައިސީއަށް ވަނީ ހުށަހަޅާފައި
ޝިފާޒާމެދު ފުލުހުން ވަނީ އިހްމާލުވެފައި
މި މަސައްކަތެއް ހުއްޓައެއް ނުލާނަން: ނިޔާޒު

ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަގާފަތް އަނެއްކާވެސް އާންމުވެއްޖެ ކަމަށާއި އެކަން ކުރަނީ ސިސްޓަމެޓިކްކޮށް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން ތުހުމަތު ކުރާ ގޮތުގައި މުޒާހަރާތަކުން ހައްޔަރު ކުރާ މީހުންނާއި އެކި ތުހުމަތުތަކުގައި ހައްޔަރުކޮށްފައިވާ މީހުންނާމެދު ފުލުހުން އަމަލު ކުރަނީ އިންސާނިއްޔަތާ ހިލާފަށެވެ. އެކަމުގައި ޝާމިލުވާ ފުލުހުންނާމެދު ފިޔަވަޅު އެޅުމަށް އެމްޑީޕީން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)އަށް ވެސް މައްސަލަ ހުށަހަޅާފައެވެ.

އެގޮތުން ދޫނިދޫ ރިމާންޑު ސެންޓަރުގެ އިންޖާޖަކަށް ހުންނެވި އަބްދުﷲ އަބްދުއްރަހީމާއި މޯލްޑިވްސް ކަސްޓޯޑިއަލް ސާވިސްގައި އިސްކޮށް ހުންނެވި ނާފިޒުގެ މައްސަލަ އެންއައިސީއަށް އެމްޑީޕީން ވަނީ ހުށަހަޅުއްވާފައެވެ.

ޖަލުތަކުގައި ކުރަމުންދާ އަނިޔާތަކުގެ ޝަކުވާ އެޗްއާރްސީއެމަށް ހުށަހެޅުއްވުމަށް ފަހު، އެ ކޮމިޝަނުން ނުކުމެވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން، އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ ދޫނިދޫ ރިމާންޑު ސެންޓަރުގެ އިންޖާޖަކަށް ހުންނެވި އަބްދުﷲ އަބްދުއްރަހީމާއި މޯލްޑިވްސް ކަސްޓޯޑިއަލް ސާވިސްގައި އިސްކޮށް ހުންނެވި ނާފިޒަކީ އިންސާނުންނާ މުއާމަލާތްކޮށްގެން، މަސައްކަތް ކުރާ އެއްވެސް ތަނެއްގައި ބައިތިއްބަން ހެޔޮވާވަރުގެ މީހުން ނޫން ކަމަށެވެ.

"އެމްޑީޕީ ސަރުކާރުގައި އެނގިވަޑައިގަންނަވާނެ، ޖަލުތަކުގައި އަނިޔާ ކުރުމުގެ ސަގާފަތް، ޒަމާންތަކެއް ވަންދެން އޮތް ސަގާފަތް ވާނެ ނައްތާލާފައި. އެހެން ނަމަވެސް އަނެއްކާވެސް އަޅުގަނޑުމެންނަށް ފެނިގެން މި ދަނީ އެ ސަގާފަތް އާލާކުރަމުންދާތަން،" ހަސަން ލަތީފު ވިދާޅުވިއެވެ.

ހަސަން ލަތީފު ވިދާޅުވީ މީހުން ބަންދުކޮށްފައިވާ ގޮޅިތަކުން ލިބެނީ ސާފު ފެން ނޫން ކަމަށާއި ފަރުވާ ބޭނުންވާ މީހުންނަށް ދެނީ ކޮން ބޭހެއްކަން ނޭނގޭ ކަމަށެވެ. ހަސަން ލަތީފު ފާހަގަ ކުރެއްވި ގޮތުގައި އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާމެދު ފުލުހުން ވަނީ އިހުމާލުވެފައެވެ.

އޭނާ ވިދާޅުވީ ބަންދުގައި ތިބޭ މީހުންނާމެދު އިހުމާލުވަމުންދާ ފުލުހުންގެ އަމަލުތައް އިސްލާހު ނުކުރާނަމަ، ފިޔަވަޅު އަޅަންޖެހޭނެ ކަމަށާއި މުއައްސަސާތަކުން އެކަން ނުކުރެވޭނަމަ، އެ މުއައްސާތަކުގެ އިސް ބޭފުޅުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށެވެ. އަނިޔާވެރިވާ ފުލުހުންނާމެދު މުއައްސަސާތަކަށް ފިޔަވަޅު ނާޅާނަމަ، ގުޅިފައިވާ ޕާޓީތަކަށް މަޖިލީހުގެ މެޖޯރިޓީ ލިބުމާއެކު އެ ކޮމިޝަންތަކުގެ މެމްބަރުން މަގާމުތަކުން ދުރުކުރާނެ ކަމުގެ އިންޒާރު ވެސް ހަސަން ލަތީފު ވަނީ ދެއްވާފައެވެ.

"އިރާދަ ކުރެއްވިއްޔާ އެބޭފުޅުންނަށް އެކަން ނުކުރެވޭ ކަމުގައި ވަނީވިއްޔާ، އަޅުގަނޑުމެންގެ މެޖޯރިޓީއެއް [މަޖިލީހުގައި] އޮންނައިރެއްގައި އެ ބޭފުޅުންނަކަށް އެތަނުގައި ނުތިއްބެވޭނެ. ރައްޔިތުންނަށް އަނިޔާ ކުރުމުގައި ބައިވެރިވާ ކަމަށް އަޅުގަނޑުމެން ދެކޭނީ، ފިޔަވަޅު ނާޅުއްވާ ކަމުގައި ވާނަމަ،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހަސަން ލަތީފު ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އަލީ ނިޔާޒު ވިދާޅުވީ ބަންދުކޮށްފައި ތިބި މީހުންނަށް ފުލުހުން އަނިޔާ ކުރަމުންދަނީ ސިސްޓަމެޓިކްކޮށް ކަމަށާއި އެކަން ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނެ ކަމަށެވެ. ބަންދުކޮށްފައި ތިބޭ މީހުންނާމެދު ފުލުހުން އަމަލު ކުރަނީ ގާނޫނުތަކާއި ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ނޫންކަން ފާހަގަ ކުރައްވައި ނިޔާޒު ވިދާޅުވީ ފުލުހުން އަމަލު ކުރަނީ މަތިން އަންނަ އޯޑަރަށް ކަމަށެވެ.

"އަޅުގަނޑު މި ދަންނަވަނީ ސިސްޓަމެޓިކްކޮށް ޓޯޗާ ކުރަމުން އެ ދަނީ. އެ މަސައްކަތް މިހާރުން މިހާރަށް ދިވެހި ދައުލަތުން އެބަޖެހޭ ހުއްޓާލަން. އަޅުގަނޑުމެން އެކަމުގައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑުމެން މިކަމުގައި ފަހަތަކަށް ނުޖެހޭނަން،" ނިޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު މާލީ އަހުމަދު އަބްދުﷲ ވިދާޅުވީ ރައްޔިތުންނަށް ލިބޭ އަނިޔާތަކާ ދެކޮޅަށް ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި މުއައްސަސާތައް ޒިންމާދާރު ކުރުމަށް ކުރަން ޖެހުނު މަސައްކަތްތައް ކުރާނެ ކަމަށެވެ. އަދި ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތައް ފަސްޖެހުމެއް ނެތި ބާރަށް ކުރިއަށް ގެންދާނެ ކަމަށް ވެސް އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

"އެތާ އެތިބަ [ޖަލުތައް ބެލެހެއްޓުމާ ހަވާލުވެ ތިބި] މީހުންނަކީ މާދަމާ އެބޭފުޅުންނާ ގާނޫނު އަރާ ހަމަކުރާނެ ބޭފުޅުން. އެބޭފުޅުން އެދޭ ލާއިންސާނީ އަމަލުތަކުގެ ޒިންމާ އެބޭފުޅުން ނަންގަވަންޖެހޭނެ. މި ދިވެހިރާއްޖޭގެ އެތައް ރައްޔިތުންނަކަށް އެތައް ގޯނާއެއް އެތައް ޖެއްސުމެއްކޮށް، ގޯނާ ކުރުމުގެ ފުރުސަތެއް އެ ބޭފުޅުންނަކަށް ނެތް،" އިހަވަންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރެއްވި އަހުމަދު އަބްދުﷲ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް