ކ. މާލެ
|
19 މާރޗް 2018 | ހޯމަ 13:31
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް
ޓްވިޓަރ
ރައީސް މައުމޫންގެ ޝަރީއަތް
ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މައުމޫން ހަމީދު ނެތުމުން ޝަރީއަތް މަޑުޖައްސާލުމަށް ރައީސް މައުމޫންގެ ފަރާތުން އެދިއްޖެ
ރައީސް މައުމޫން ހައްޔަރުކޮށްފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހު
މައުމޫން ހަމީދު ވަނީ ރައީސް މައުމޫންގެ މައުލޫމާތުތައް ދިނުމަށް އދގެ ބޭފުޅުންނާއި ބައްދަލު ކުރުމަށް ގޮސްފައި
ޔުމްނާ މައުމޫންވެސް ވަނީ ޝަރީއަތް ފަސްކޮށްދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައި

ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްސަލައިގައި ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނޭ މައުމޫން ހަމީދު ނެތް ވަގުތެއްގައި ޝަރީއަތް ކުރިއަށް ނުގެންދެވުމަށް އެދި ކްރިމިނަލް ކޯޓަށް ރައީސް މައުމޫންގެ ފަރާތުން ސިޓީއެއް ހުށަހަޅައިފިއެވެ.

ކްރިމިނަލް ކޯޓުގެ ހިންގުމާއި ހަވާލުވެ ހުންނެވި ގާޒީ އާދަމް އާރިފަށް އެޑްރެސް ކުރައްވާ ރައީސް މައުމޫން ވިދާޅުވީ، މިދިޔަ ފެބްރުއަރީ މަހުގެ ފަސް ވަނަ ދުވަހު ކޯޓު އަމުރެއް ނެތި ނުވަތަ ކޯޓެއްގެ ހުކުމެއް ނެތި ޣައިރު ގާނޫނީ ގޮތެއްގައި ދިވެހި ފުލުހުން ރައީސް މައުމޫން ހައްޔަރުކޮށް ޖިނާއީ ބޮޑެތި ތުހުމަތުތަކެއް ކޮށްފައިވާ ކަމަށެވެ.

ގާނޫނާއި ހިލާފަށް ރައީސް މައުމޫން ހައްޔަރުކޮށްފައިވާއިރު، އެމަނިކުފާނަށް ކުރާ ބޮޑެތި ތުޙުމަތު ތަކާއި ގުޅޭގޮތުން އދގެ ކަމާބެހޭ ފަރާތްތަކާއި ބައްދަލު ކުރެއްވުމަށް، ގާނޫނީ ވަކީލު މައުމޫން ހަމީދު މިޙާރު ހުންނެވީ އެމެރިކާގައެވެ.

ރައީސް މައުމޫންގެ މައްޗަށް ދައުވާ ކުރުމަށްޓަކާއި އެއްވެސް މައްސަލައެއް ކޯޓަށް ހުށަހެޅިފައި ވީނަމަވެސް ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އެންމެ އިސްފަރާތް ނެތް ވަގުތެއްގައި އެއްވެސް މައްސަލައެއް ކޯޓުގައި ކުރިއަށް ގެންދިއުމަކީ އިއުތިރާޟުވާ ކަމެއް ކަމަށް ރައީސް މައުމޫންގެ ސިޓީގައި ބަޔާންކުރައްވާފައިވެއެވެ. އެހެންކަމުން ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލު ނެތް ދަނޑިވަޅެއްގައި އެމަނިކުފާނުގެ މައްޗަށް ކޯޓުގައި އެއްވެސް ޝަރީއަތެއް ނުގެންދިއުމަށް އެދިލައްވާ ކަމަށްވެސް ރައީސް މައުމޫންގެ ސިޓީގައިވެއެވެ.

މިކަމާ ގުޅިގެން ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންވެސް ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ހުށަހަޅުއްވާފައެވެ. އެ ސިޓީގައިވެސް ވަނީ ރައީސް މައުމޫންގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ރާއްޖެވަޑައިގަންނަވަންދެން ޝަރީއަތް މަޑު ޖައްސާލަ ދެއްވުމަށް އެދިވަޑައިގެންފައެވެ.

ރައީސް މައުމޫންގެ މައްސަލަ ފަސް ކޮށްދިނުމަށް އެދިފައިވާ އިރު، ކްރިމިނަލް ކޯޓުގައި ރައީސް މައުމޫންގެ ޝަރީއަތް މިހާތަނަށް ތާވަލް ކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް