ކ. މާލެ
|
19 މާރޗް 2018 | ހޯމަ 11:47
ފުލުހުން އެ އަންހެންމީހާ ހައްޔަރު ކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް
ފުލުހުން އެ އަންހެންމީހާ ހައްޔަރު ކުރި ވީޑިއޯގެ ސްކްރީން ޝޮޓެއް
ސޯޝަލް މީޑިއާ
ފުލުހުން
ހައްޔަރު ކުރުމުގައި އަންހެނުންގެ ގައިގައި ފިރިހެނުން އަތްލައިގެން ނުވާނެ: ޝެއިޚް އަލީ ޒައިދު
ދީނުގައި އެކަން ހަރާން ކުރައްވާފައިވާއިރު، ދީނަށް ވުރެ މަތީގައި އެކަކަށް ވެސް ނުހުރެވޭނޭ ކަމަށް ޝެއިޚް ވިދާޅުވި
ސަލާމަތީ ޚިދުމަތްތަކުގެ ފިރިހެނުން އަންހެނުންގެ ގައިގައި އަތްލައިގެން ނުވާނެކަމަށް ވިދާޅުވި

ހައްޔަރު ކުރުމުގައި އަންހެނުންގެ ގައިގައި ފިރިހެނުން އަތްލައިގެން ނުވާނެ ކަމަށް ޝެއިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިޚް އަލީ ޒައިދު އާދިއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަލާމަތީ ޚިދުމަތްތަކުން އަންހެނުންގެ ގައިގައި އަތްލައިގެން ނުވާނޭ ކަމަށެވެ. އަދި އަންހެނުން ހައްޔަރު ކުރަން ބޭނުން ނަމަ، އަންހެން ފުލުހުން ބޭނުންކުރުމަށް ޝެއިޚް ގޮވާލެއްވިއެވެ. އަދި އެއީ ދީން ބުނެދޭ ގޮތް ކަމަށް ވިދާޅުވިއެވެ.

ޝެއިޚްގެ މި ޓްވީޓަކީ، 17 ވަނަ ދުވަހުގެރޭ މުޒާހަރާގެ ތެރެއިން އަންހެނަކު ހައްޔަރު ކުރުމުގައި ފުލުހުން އަމަލުކޮށްފައިވާ ގޮތުންނެވެ. ސޯޝަލް މީޑިއާގައި އާއްމުވެފައިވާ މި ވީޑިއޯގައި ފުލުހުން އެ އަންހެންމީހާ ހައްޔަރު ކުރީ ފުލުހުންގެ ވެހިކަލަށް އޭނާގެ ފިރިމީހާ އެރުވުމުން، އެ ވެހިކަލްގެ ކައިރިއަށް ގޮސް ފުލުހުން ގާތު "ތީ ދެން ކޮންކަމެއްހޭ" ބުނި ހިސާބުންނެވެ. އެ އަށް ފަހު އެ އަންހެން މީހާގެ އަތުގައި ހިފާ ފަހަތަށް ހޫރާލުމަށް ފަހު ގެނެސް ވެހިކަލްގެ ތެރެއަށް ކޮށްޕާލައެވެ.

އެ ވީޑިއޯ އަށް އިޝާރާތްކުރައްވައި ޝެއިޚް ވިދާޅުވީ، " ވީޑިއޯ ފެނި ހައިރާން ވެއްޖެ" ކަމަށެވެ. އަދި ދީނުގައި އެކަން ހަރާން ކުރައްވާފައިވާއިރު، ދީނަށް ވުރެ މައްޗަކު އެކަކަށް ވެސް މީހަކަށް ނުހުރެވޭނޭ ކަމަށް ވިދާޅުވިއެވެ.

މުޒާހަރާއިން 17 ވަނަ ދުވަހުގެ ރޭ އެ އަންހެން މީހާ ހައްޔަރު ކުރި ގޮތާ މެދު ފުލުހުންނަށް ގިނަ ބައެއްގެ ފާޑުކިއުތައް ދަނީ އަމާޒުވަމުންނެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް