ކ. މާލެ
|
19 މާރޗް 2018 | ހޯމަ 12:13
ޕީޖީ ބިޝާމް މަގާމުގެ ފަތްކޮޅު އެރުވި ރަސްމިއްޔާތުގެ ތެރެއިން
ޕީޖީ ބިޝާމް މަގާމުގެ ފަތްކޮޅު އެރުވި ރަސްމިއްޔާތުގެ ތެރެއިން
މުހައްމަދު ފަޒީން
ކޮރަޕްޝަންގެ މައްސަލަތައް
އޭސީސީގެ ތުހުމަތު: ކޮރަޕްޝަން ހިންގާ ބައެއް މީހުންނާ މެދު ޕީޖީ ދައުވާއެއް ނުކުރޭ
ދައުވާ ނުކުރަން ނިންމީ އެކަށީގެންވާ ސަބަބެއް ނެތި: އޭސީސީ
ތަހުގީގުތަކަށް ބައެއް އިދާރާތަކުން އެއްބާރުލުމެއް ނުދޭ
7 މީހަކަށް ޕީޖީން އިތުރު ފުރުސަތު ދީފައިވޭ

ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކާ މެދު، ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހަށް ފޮނުވާ ބައެއް މައްސަލަތަކުގައި އެކަށީގެންވާ ސަބަބެއް ނެތި ދައުވާކޮށްފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބުނެފިއެވެ.

އޭސީސީން އެގޮތަށް ބުނެފައި ވަނީ އެ ކޮމިޝަނުން މިދިޔަ ހަފްތާގައި އާންމުކޮށްފައިވާ އެ ކޮމިޝަންގެ އަހަރީ ރިޕޯޓުގައެވެ.

އޭސީސީއަށް ދިމާވެފައިވާ ގޮންޖެހުންތައް ފާހަގަކޮށް، އެ ރިޕޯޓުގައި ބުނެފައި ވަނީ އެ ކޮމިޝަނުން ތަހުގީގުކޮށް ނިންމައި، ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވާ މައްސަލަތަކާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި އެ އޮފީހުން އެއްބާރުލުން ދީފައި ނުވާ ކަަމަށެވެ. އެކަށިގެންވާ ގާނޫނީ ސަބަބެއް ނެތި ދައުވާ ނުކުރަން ޕީޖީ ނިންމުމުގެ ސަބަބުން ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގައި ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ވެސް އޭސީސީގެ އަހަރީ ރިޕޯޓުގައިވެއެވެ.

އެ ރިޕޯޓުން ދައްކާ ގޮތުން 56 މައްސަލަ ޕީޖީން އަނބުރާ ފޮނުވާލާފައި ވެއެވެ. އެ މައްސަލަތަކުގެ ތެރޭގައި ހަތް މައްސަލަ އަނބުރާ ފޮނުވާލާފައި ވަނީ އިތުރު ފުރުސަތުގެ ދަށުންނެވެ.

މިދިޔަ އަހަރު އެކަނި ވެސް 1.3 ބިލިއަން ރުފިޔާގެ އަނބުރާ ދައުލަތަށް ހޯދުމަށް 23 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ޕީޖީ އޮފީހަށް އޭސީސީން ވަނީ ފޮނުވާފައެވެ. އެ މީހުންގެ މައްޗަށް 20 ދައުވާއެއް ކުރުމަށް ވަނީ ނިންމާފައެވެ.

އޭސީސީގެ އަހަރީ ރިޕޯޓުގައި ބުނެފައި ވަނީ ކޮމިޝަންގެ މަސައްކަތްތައް ހަލުވި ކުރުމަށް، ގާނޫނުން ލާޒިމު ކުރާ މަސްއޫލިއްޔަތު ހަލުވި ކަމާއެކު އަދާކުރުމަށް މަގުފަހި ކުރުމުގެ ގޮތުން ކޮމިޝަންގެ ގާނޫނަށާއި ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހުތައް ފާސްނުވެ ދިގުލައިގެން ދިއުމުން ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ.

އެ ކޮމިޝަނުން ގާނޫނުލް އުގޫބާތަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެއް ނުވެއެވެ. ގާނޫނުލް އުގޫބާތަށް އޭސީސީން ހުށަހެޅި އިސްލާހުގައި ވަނީ އާމްދަނީ ހޯދުމަށް މަސައްކަތެއް ނުކޮށް ތިބޭ މީހުން ކުއްލި މުއްސަނދިކަން ހޯދަމުންދާތީ އެކަން ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅު އެޅުމަށް ގާނޫނު އިސްލާހުކޮށްދިނުމަށެވެ. އެ އިސްލާހު މަޖިލީހަށް ހުށަހަޅާފައި ވަނީ މަޖިލީހުގެ ބައެއް މެމްބަރުން އާމްދަނީއާ ނުބައްދަލު، ކުއްލި މުއްސަނދިކަން ހޯދަމުންދާތީ، އެ މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް ގާނޫނީ ނިޒާމެއް އެކުލަވާލުމަށް މަދަނީ ޖަމިއްޔާތަކުން ގޮވާލަމުންދަނިކޮށެވެ.

އޭސީސީން ބުނީ އެ ކޮމިޝަންގެ ތަހުގީގުތަކަށް ބޭނުންވާ ލިޔެކިޔުންތަކާއި މައުލޫމާތު ހޯދައި، އެއްކުރުމުގައި ދައުލަތުގެ ބައެއް އިދާރާތަކުން އެންމެ އެކަށީގެންވާ ގޮތެއްގައި އެއްބާރުލުން ދީފައި ނުވާ ކަމަށެވެ. އަދި އެ ކޮމިޝަންގެ ތަހުގީގުތަކަށް ހާޒިރުކުރަން ބޭނުންވި ފަރާތްތައް ހާޒިރުކުރުމުގައި ދަތިވުމުގެ ސަބަބުން މައްސަލަތައް ނިންމުމުގައި ލަސްތަކެއްވެފައިވާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް