ކ. މާލެ
|
19 މާރޗް 2018 | ހޯމަ 09:00
އެންވާރަމަންޓް ޕޮލިސް ގެ ޚިދުމަތް ތައާރަފް ކުރުމަަށް ބޭއްވި ރަސްމިއްޔާތު
އެންވާރަމަންޓް ޕޮލިސް ގެ ޚިދުމަތް ތައާރަފް ކުރުމަަށް ބޭއްވި ރަސްމިއްޔާތު
ޕޮލިސް
އެންވާރަމަންޓް ޕޮލިސް
ކުނީގެ މައްސަލަ ހައްލުކުރުމަށް "އެންވާރަމަންޓް ޕޮލިސް" ގެ ޚިދުމަތް ތަޢާރުފުކޮށްފި
އެއްބަސްވުމުގެ ދަށުން ސްޕެޝަލް ކޮންސްޓެބްލަރީގެ ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެ
ކުރިއަށް އޮތްތަނުގައި އެންވާރަމަންޓް ޕޮލިސްގެ ޚިދުމަތް އެހެން ސިޓީތަކަށާއި އަތޮޅުތެރެއަށް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވި

ކުނީގެ މައްސަލަ ހައްލުކުރުމަށް “އެންވާރަމަންޓް ޕޮލިސް” ގެ ޚިދުމަތް ތަޢާރުފުކޮށްފިއެވެ.

ކުނީގެ މައްސަލަ ޙައްލުކުރުމަށް "އެންވާރަމަންޓް ޕޮލިސް" ގެ ޚިދުމަތް ފަށައިގަތުމާ ބެހޭގޮތުން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް އެންވާރަމަންޓް އެންޑް އެނަރޖީ އަދި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާދެމެދު ފަހުމުނާމާއެއްގައި ސޮއިކުރީ އާދިއްތަ ދުވަހުއެވެ.

އާދިއްތަ ދުވަހު އެންވާރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވާރަމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހިމްއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑިސީޕީ ޢަބްދުﷲ ނަވާޒްއެވެ. ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަންގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝިފާޢުއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު މިނިސްޓަރ ޠާރިޤް ދެއްކެވި ވާހަކަފުޅުގައި ސޮއިކުރެވުނު މި ފަހުމުނާމާއަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އެގޮތުން މާލޭ ބައެއް ސަރަޙައްދުތަކުގެ މަގުމައްޗަށް ކުނިއެޅުމާއި ޤަވާއިދާ ޚިލާފަށް ކުނިއުފުލުމުގެ ކަންކަން އަދިވެސް ފާހަގަކުރެވިފައިވާ ކަމަށާއި މިކަމުގެ ސަބަބުން އެފަދަ ފަރާތްތައް ހޯދައި، ޤަވާއިދުގެ ދަށުން ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރެވިގެންދާނެކަމަށް ވިދާޅުވިއެވެ. އެއްބަސްވުމުގެ ދަށުން ސްޕެޝަލް ކޮންސްޓެބްލަރީގެ ޚިދުމަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށާއި ފުލުހުންނަށް ބޭނުންވާ އެހީތެރިކަން ލިބިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި އެކްޓިންގ ކޮމިޝަނަރ އޮފް ޕޮލިސް، ޑީސީޕީ ޢަބްދުﷲ ނަވާޒް ދެއްކެވި ވާހަކަފުޅުގައި އެއްބަސްވުމުގެ ސަބަބުން ރައްޔިތުންނަށް ރަނގަޅު ބަދަލުތަކެއްފެނި، ރައްޔިތުންނަށް ގިނަ ފައިދާތަކެއް ވެގެންދާނެ ކަމަށާއި ކުރިއަށް އޮތްތަނުގައި އެންވާރަމަންޓް ޕޮލިސްގެ ޚިދުމަތް އެހެން ސިޓީތަކަށާއި އަތޮޅުތެރެއަށް ތަޢާރަފްކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް ވިދާޅުވިއެވެ.

ޤަވާއިދާ ޚިލާފަށް ކުނި ޖަމާކުރުން ހުއްޓުވުމަށްޓަކައި މާލެތެރެ ޕެޓްރޯލްކޮށް ބެލެހެއްޓުމާއި ކުނި މެނޭޖްކުރުމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނަށް ޚާއްސަކުރެވިފައިވާ ޒޯންތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމާއި، ޤަވާއިދާ ޚިލާފަށް އެޒޯންތަކުގައި ޕާކުކުރާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމުގެ އިތުރުން ޤަވާއިދާ ޚިލާފަށް ކުނި އުފުލާ ފަރާތްތަކާމެދު ޤަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައި، ބައިސްކަލުގައްޔާއި ގާޑިޔާތަކުގައި ޤަވާއިދާ ޚިލާފަށް ކުނި އުފުލަމުންދާނަމަ އެކަންކަން ހުއްޓުވުމަށްޓަކައި ފުލުހުން މަސައްކަތްކުރާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މީގެއިތުރުން ވެމްކޯއަށް ކުނި މެނޭޖް ކުރުމުގައި ސެކިއުރިޓީ ގޮތުން ދިމާވާ ކަންތައްތައް ޙައްލުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަންފީޒްކުރަންޖެހޭ ޤަަވާއިދުތައް ތަންފީޒްކުރުމަށްޓަކައި އެއްބާރުލުންދީ، ޤަވާއިދާ ޚިލާފުވާ ފަރާތްތަކާމެދު އެޅޭ ފިޔަވަޅުތައް ތަންފީޒްކުރުމަށް އެންވާރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މެދުވެރިކޮށް ކުރަންޖެހޭ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ފުލުހުން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް