ކ. މާލެ
|
19 މާރޗް 2018 | ހޯމަ 08:51
އެމްސީސީގެ މެންބަރުން ނޫސްވެރިންނާ ބައްދަލު ކުރުން
އެމްސީސީގެ މެންބަރުން ނޫސްވެރިންނާ ބައްދަލު ކުރުން
ޓްވިޓަރ
ނޫސް މަޖައްލާތައް
ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި
މިމަހުގެ 25 ގެ ނިޔަލަށް މުއްދަތެއް ދީފައިވޭ
ފަސް އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުންނަންޖެހޭ
ގިނަ ނޫސްތަކުން ދަނީ މިކަމާ ކަންބޮޑުވުން ފާޅުކުރަމުން

ބަދަލު ކުރެވުނު ޤަވައިދާ އެއްގޮތަށް ނޫސް މަޖައްލާތަކުގެ އެޑިޓަރުން ބަދަލުކުރުމަށް ދިން އެއްމަސްދުވަހުގެ މުއްދަތު އިތުރުކޮށްފިއެވެ.

ނޫސް މަޖައްލާތަކުގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށް ހޯމް މިނިސްޓްރީން ނޫސް މަޖައްލާތަކުގެ އެޑިޓަރުންގެ ޝަރުތުތަކަށް ބަދަލު ގެނެސްފައިވާ "އިސްލާހަށް" އަމަލު ކުރުމަށް އެއް މަސް ދުވަސް ދީފައިވަނީ ފެބްރުއަރީ 18 ވަނަ ދުވަހުން ފެށިގެންނެވެ. އެހެން ކަމުން އެ އިސްލާހުގެ މުއްދަތު މިމަހުގެ 18 އަށް ހަމަވާ އިރު މި އިސްލާހަށް އަމަލު ކުރުމުގެ މުއްދަތު ހޯމް މިނިސްޓްރީން އިތުރުކޮށްފައިވަނީ މިމަހުގެ 25 ގެ ނިޔަލަށެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒް އިން މީގެ ކުރިން ވަނީ ނޫސް މަޖައްލާ ފަދަ ތަކެތީގެ ޤާނޫނުގެ 1 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ ނޫސް މަޖައްލާ އާއި އެ ނޫންވެސް އެފަދަ ތަކެތި ރަޖިސްޓްރީކުރުމުގެ ޤަވާއިދަށް އިސްލާހު ގެނެސްފައެވެ. އެ ޤަވާއިދުގެ 10 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ނޫސް މަޖައްލާތަކުގެ އެޑިޓަރުގެ ޝަރުތެއްގެ ގޮތުގައި ނޫސްވެރިކަމުގެ ދާއިރާއިން ނުވަތަ ގުޅުން ހުރި ދާއިރާއަކުން ޑިގްރީއެއް ހާސިލްކޮށްފައިވުން ކަނޑައަޅާފައި ވެއެވެ. މީގެ އިތުރުން މި ދާއިރާގައި ފަސް އަހަރު ދުވަހު މަސައްކަތްކޮށްފައިވާ ފަރާތެއްކަމުގައި ވާންޖެހޭނެ ކަމުގައި ބަޔާންކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނެރެފައިވާ މި ޤަވާއިގައި ބުނެފައިވާ ގޮތުގައި ނޫސް މަޖައްލާއެއްގެ މަސްއޫލުވެރިއަކު ޝަރުޢީ ގޮތުން ބަންދުވާތާ 15 ދުވަހުގެ ތެރޭގައި އެހެން މަސްއޫލުވެރިއަކު ހަމަނުޖެއްސިއްޖެ ނަމަ އެ ނޫސް މަޖައްލާއެއް އުވާލެވޭނެއެވެ. އަދި އެޑިޓަރު ޝަރުޢީ ގޮތުން ބަންދުވެއްޖެ ނަމަ ނުވަތަ މަގާމުން ވަކިވުން ނުވަތަ ވަކިކޮށްފި ހާލަތެއް މެދުވެރިވާތާ ތިން ދުވަހުގެ ތެރޭގައި އެމަޤާމާ ހަވާލުވާ އެހެން މީހެއްގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުމާ އެކު ހޯމް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

މި އިސްލާހާ ގުޅިގެން ނޫސް މަޖައްލާތަކާއި މީގެ ތެރޭގައި ހިމެނޭ އޮންލައިން ނޫސްތަކުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ގާނޫނު ހެދުން ފަދަ މަސައްކަތްތައް ކުރާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޝަރުތުތަކުގައި ތައުލީމީ ފެންވަރެއް ކަނޑައަޅާފައި ނުވާއިރު ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވާ ނަމަވެސް ހަމަ އެކަނި ޑިގްރީއެއް ނެތުމުން ޝަރުތު ގެއްލޭތީ ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

ހޯމް އެފެއާޒުން އަލަށް އެކުލަވައިލި އިސްލާހުގެ ސަބަބުން މިހާރު ހިންގަމުން އަންނަ ބޮޑެތި ނޫސް މަޖައްލާތަކާއި އޮންލައިން ނޫސްތަކުގެ އެޑިޓަރުންނަށް ބަދަލު ގެންނަން ޖެހޭނެއެވެ. އެއީ މިހާރު އެތަންތަނުގެ އެޑިޓަރުންގެ ގޮތުގައި ތިބީ މި ދާއިރާގައި ފުންނާބު އުސް، ތަޖުރިބާކާރުން ނަމަވެސް ދާއިރާ އިން ޑިގްރީއެއް ނެތް ފަރާތްތަކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް