އެމްޑީޕީގެ ޤައުމީ މަޖިލީހުގެ މެމްބަރުންނާއި އެކްޓިވިސްޓުން ހިމެނޭގޮތަށް ކުއްލި ނުރައްކަލުގެ ހަލަތުގެ ދަށުން ހައްޔަރުކޮށްފައިތިބި މީހުންތަކެއް ދޫކޮށްލައިފިއެވެ.
ދޫކޮށްލި މީހުންގެ ތެރޭގައި ފެބުރުއަރީ މަހުގެ 15 އަދި 16 ވަނަ ދުވަހު ހައްޔަރުކޮށް، ޖަލުގައި ގެންގުޅުނު މީހުންވެސް ހިމެނެއެވެ. އެގޮތުން ފެބުރުއަރީ މަހުގެ 15 އަދި 16 ވަނަ ދުވަހު ހައްޔަރުކުރި އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ދެ މެމްބަރުންކަމަށްވާ، އަޙުމަދު އަދުހަމްއާއި، މޫސާ އަލި މަނިކު ވަނީ ދޫކޮށްލާފައެވެ. އޭގެއިތުރުން ދޫކޮށްލި މީހުންގެ ތެރޭގައި އެމްޑީޕީގެ އެކްޓިވިސްޓުންކަމަށްވާ ހުސެއިން މުނައްވަރާއި، އިބްރާހިމް މަނިކު (ބައިކެނޑި) ވެސް ހިމެނެއެވެ.
އެ މީހުން ދޫކޮށްލި ސަބަބެއް ސާފުނުވާއިރު، އެ އެންމެންގެ މައްޗަށްވެސް ކުރި ތުހުމަތުތަކުގެ ތެރޭގައި ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރިކަމުގެ ތުހުމަތު ހިމެނެއެވެ. އަދި އެ މައްސަލައިގެ ތަހުޤީޤަށް ބައެއް މީހުންނާއި ސުވާލުވެސް ކޮށްފައިވެއެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރުމެއްނެތި ޖަލުގައި ގެންގުޅުނު ބަޔަކު ދޫކޮށްލަމުންގެންދާއިރު، ސަރުކާރުން އިއުލާންކުރި ކުއްލި ނުރައްކަލުގެ ހާލަތު މި ބުރާސްފަތި ދުވަހު ނިމުކަކަށް ގެންނަންޖެހޭނެއެވެ. އަދި އެއަށްފަހު ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރާނަމަ އަނެއްކާވެސް މަޖިލީހަށް ހުށައަޅަންޖެހޭނެއެވެ.
ސަރުކާރުން ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުނުކަމުގައި ވީނަމަވެސް ސަރުކާރުން ބޭނުންވާ ބަޔަކު، އެ ހާލަތުގެ ދަށުންކަމަށް ބުނެ ޖަލުގައި ގެންގުޅުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށެވެ. އަދި ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައުމަކީ ސިޔާސީ ލީޑަރުން މިނިވަންވާނެކަމެއްކަމަށް ހީކޮށްގެން ނުވާނެކަމަށް ޕީޕީއެމްގެ ޕީޖީ ލީޑަރު އަޙުމަދު ނިހާން ހުސެއިން މަނިކުވެސް ވަނީ ވިދާޅުވެފައެވެ.