ކ. މާލެ
|
19 މާރޗް 2018 | ހޯމަ 08:44
މާރިޗު 16 ވަނަ ދުވަހުގެރޭ އިބޫ ހައްޔަރުކުރުމުގެ ކުރިން ޖުމްހޫރީ މައިދާނުގައި
މާރިޗު 16 ވަނަ ދުވަހުގެރޭ އިބޫ ހައްޔަރުކުރުމުގެ ކުރިން ޖުމްހޫރީ މައިދާނުގައި
ޓްވިޓަރ
ކުއްލި ނުރައްކަލުގެ ހާލަތު
އިބޫއަށް އަންނައުނާއި ބޭސް ނުދީ، ބާއްވަނީ އަވިދޭ ގޮޅިއެއްގައި: އެމްޑީޕީ
އިބޫއަކީ ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާހުރި އެއް ސިޔާސީ ލީޑަރު
އިބޫ ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން އިސްލާޙީ މަަސައްކަތްތަކަށް ހުރަސްއެޅުމަށް
ޑޮކްޓަރު ފުލުހުންނަށް އަންގަވާފައިވީނަމަވެސް އިބޫއަށް ގޮދަނޑިއެއް ފޯރުކޮށްދީފައެއްނުވޭ

ޣައިރު ޤާނޫނީ ކުއްލި ނުރައްކަލުގެ ޙާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައިވާ އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހީމް މުޙައްމަދު ޞާލިޙް (އިބޫ) އާއިމެދު ފުލުހުން ޢަމަލުކުރަމުން އަންނަ ގޮތް އެމްޑީޕީން ކުށްވެރިކޮށްފިއެވެ. 

އިބްރާހިމް މުހައްމަދު ސޯލިހު އާއިމެދު ފުލުހުން އަމަލުކުރަމުން އަންނަ ގޮތް ކުށްވެރިކޮށް އެމްޑީޕީން އާންމުކޮށްފައިވާ ބަޔާނުގައި ބުނެފައިވަނީ އިބޫއަކީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ފަރާތުން އިސްނަގައިގެން ހިންގާ ޙަރަކާތްތަކުގައި އެންމެ އިސްދައުރެއް އަދާކުރައްވާ، ދިވެހި ރާއްޖެއަށް ސިޔާސީ ހަމަޖެހުން ގެނައުމަށް ކެނޑިނޭޅި މަސައްކަތް ކުރައްވަމުންގެންދަވާ، ރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާހުރި އެއް ސިޔާސީ ލީޑަރުކަމަށެވެ. އަދި އިބޫ ހައްޔަރުކޮށްފައިވަނީ ކަނޑައެޅިގެން އިސްލާޙީ މަަސައްކަތްތަކަށް ހުރަސްއެޅުމަށްކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީން ބުނީ، މި މަހުގެ 16 ވަނަ ދުވަހުގެރޭ އިބޫ ހައްޔަރުކުރުމާއެކު، ހިތުގެ ބައްޔަކަށް ދާއިމީކޮށް އިބޫ ބޭނުންކުރައްވާ ބޭހާއި، ބޭނުންކުރާނެ އަންނައުނު ހޮނިހިރު ދުވަހު ހެނދުނު އިބޫގެ އާއިލާއިން ފުލުހުންނާ ޙަވާލުކޮށްފައިވާ ކަމަށެވެ. އެެހެންނަމަވެސް މި ތަކެތި ޙަވާލުކުރުމަށް އެތައް އުނދަގޫތަކާ ކުރިމަތިވެ، އާދީއްތަ ދުވަސްވީިއިރުވެސް ބޭހާއި އަންނައުނު އަމަނިކުފާނަށް ލިބިވަޑައިގެންފައިނުވާކަމަށް އެމްޑީޕީން ބުނެއެވެ. އެ ޕާޓީން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ އިބޫއަށް ގޮދަނޑިއެއް ދިނުމަށް ދޫނިދޫގައި ހުންނަވާ ޑޮކްޓަރު ފުލުހުންނަށް އަންގަވާފައި ވީނަމަވެސް ފުލުހުން އިބޫއަށް ގޮދަނޑިއެއް ފޯރުކޮށްދީފައި ނުވާކަމަށެވެ. 

"އިބްރާހީމް މުޙައްމަދު ޞާލިޙް އާ ޙަވާލުކުރުމަށް ޢާއިލާއިން ފޮނުވި އަންނައުނު އާދީއްތަ ދުވަސްވީއިރުވެސް ލިބިވަޑައިގެންފައިނުވާތީވެ، ބޭނުންކުރައްވަމުން ގެންދަވަނީ 16 ވަނަ ދުވަހުގެރޭ ޕެޕާސްޕްރޭވެސް ޖަހާފައިވާ ހެދުމެވެ." 

އެމްޑީޕީން ބުނީ އިބޫ ހުންނަވަނީ ވަކިން ހުންނަ ގޮޅިއެއްގައި ކަމަށާއި، އެއީ ކޮންމެ ދުވަހަކު ހެނދުނު 9ން މެންދުރު 3 ޖަހަންދެން އަވިދޭ ތަނަކަށްވެފައި އެތަނުގައި ހުރި ފަންކާ މަސައްކަތް ނުކުރާތީ ގޮޅި ވަރަށް ހޫނުގަދަ ކަމަށެވެ. އަދި ޣައިރު ޤާނޫނީ އުސޫލުން ސިޔާސީ ވެރިންނާއި އާންމު ރައްޔިތުން ހައްޔަރުކޮށް ލާއިންސާނީ ރަހުމު ކުޑަ ގޮތަށް ފުލުހުން އާންމުކޮށް ޢަމަކުރަމުން އަންނަކަމީ އެމްޑީޕީން ވަރަށް ކަންބޮޑުވާކަމެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

އެމްޑީޕީން ބުނީ، ފުލުހުންގެ ބެލުމުގެ ދަށުގައިވާ ފަރާތްތަކަށް ބޭނުންވާ ބޭސްފަރުވާ ފޯރުކޮށްދިނުމަކީ ކޮންމެ ފުލުހެއްގެ ޤާނޫނީ ޒިންމާއެއް ކަމަށެވެ. އަދި އެއީ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ޙައްޤެއް ކަމަށާއި، "މަތިން" އަންގާ ގޮތް ކަމަށް ބުނެ ވަކިވަކި ފުލުހުންނަށް މަތިކޮށްފައިވާ ޤާނޫނީ ޒިންމާ އަދާކުރުމަށް ފަސްނުޖެހުމަށް އެ ޕާޓީން ވަނީ ގޮވާލާފައެވެ. 

"އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޢައިލާއިން ޙާވާލުކޮށްފައިވާ ތަކެތި އެމަނިކުފާނަށް ލިބޭނެ އިންތިޒާމް މިހާރުން މިހާރަށް ހަމަޖައްސަައިދިނުމަށާއި, ފުލުހުންގެ ބެލުމުގެ ދަށުގައި ތިބޭ ފަރާތްތަކާމެދު އޯގާތެރިކަމާ، އިޙްތިރާމާއެކު ޢަމަލުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއަށް އިލްތިމާސްކުރަމެވެ. އިސްވެދެންނެވުނު ކަންކަން ބެލުމަށާއި، ފުލުހުންގެ ޣައިރު ޤާނޫނީ ޢަމަލުތައް ތަޙްޤީޤްކޮށް، މިފަދަ ކަންކަން އިސްލާޙްކުރުމަށް ދައުލަތުގެ މުވައްސަސާތަކަށް ހަރު އަޑުން ގޮވާލަމެވެ." އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
19 މާރޗް 2018 | ހޯމަ 05:03
Ragalhu
Varah Raglhu