ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 19:12
ޗައިނާގެ ސެންޓްރަލް ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު ޔީ ގަންގް
ޗައިނާގެ ސެންޓްރަލް ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު ޔީ ގަންގް
ވޯލް ސްޓްރީޓް ޖާނަލް
ޗައިނާގެ އިގްތިސާދު
ޗައިނާގެ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަޤާމަށް އެ ބޭންކްގެ ޑެޕިއުޓީ ގަވަރުނަރު
އޭނާ ވަނީ ގިނަ ދުވަސްތަކެއް ވަންދެން މަރުކަޒީ ބޭންކްގައި މަސައްކަތްކުރައްވާފައި

ދުނިޔޭގެ ދެވަނަޔަށް އެންމެ ބޮޑު އިޤްތިޞާދުކަމަށްވާ ޗައިނާގެ މަރުކަޒީ ބޭންކުގެ ވެރިޔާގެ މަޤާމަށް އެބޭންކުގެ ޑެޕިއުޓީ ގަވަރުނަރަކަށް ހުންނެވި ޔީ ގަންގް އައްޔަންކުރުމަށް އެޤައުމުގެ ރައީސް ޝީ ޖިންގްޕިންގް ނިންމަވައިފިއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޑެޕިއުޓީ ގަވަރުނަރަކަށް ހުންނެވި ޔީ ގަންގްގެ ނަންފުޅަށް ރުހުން ދިނުމަށް ނޭޝަނަލް ޕީޕަލްސް ކޮންގްރެސްގެ ހޯމަ ދުވަހުގެ ޖަލްސާއަށް ވަނީ އެޖެންޑާކުރެވިފައެވެ. ޔީ ގަންގް ޗައިނާގެ މަރުކަޒީ ބޭންކްގެ ގަވަރުނަރަކަށް އައްޔަންކުރެވެނީ ކުރިން އެމަޤާމުގައި ހުންނެވި ޒޫ ޝިއާއޯޝުއާން ރިޓަޔަރކުރެއްވުމަށް ނިންމެވުމާއި ގުޅިގެންނެވެ. 15 އަހަރު ގަވަރުނަރުކަން ކުރެއްވި ޒޫ އަށްފަހު އޭނާގެ ނައިބެއްގެ ގޮތުގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހުންނެވި ޔީ އެމަޤާމަށް ހަމަޖައްސަން ރައީސް ޝީ ނިންމެވުމުން، ޗައިނާގެ މާލީ ސިޔާސަތަށް މިވަގުތު ބޮޑެތި ބަދަލުތަކެއް ގެންނެވުމުގެ ވިސްނުންފުޅެއް ރައީސް ޝީގެ ނެތްކަން ހާމަވެއެވެ.

ޖުމްލަކޮށް މާލީ ސިޔާސަތަށް ބަދަލު ނުގެންނެވި ނަމަވެސް، ޗައިނާގައި ރައީސް ޝީޖިންގްޕިންގް މިހާރު ގެންގުޅުއްވާ މާލީ އަދި އިޤްތިޞާދީ ސިޔާސަތު އިތުރަށް ވަރުގަދަކުރުމަކީ ޔީ އަށް ކުރިމަތިވެވަޑައިގަންނަވާނެ އެންމެ ބޮޑު ޗެލެންޖެވެ. ޝީ ގެންދަވަނީ އެޤައުމުގެ މާލީ ދާއިރާ އިތުރަށް ތަރައްޤީކުރެއްވުމަށާއި، މާލީ ސިތާސަތު ޒަމާނީކުރުމަށް މަސައްކަތްކުރައްވަމުންނެވެ. އެގޮތުން ދާދިފަހުން ބޭންކްތަކުގެ އިތުރުން އިންޝުއަރެންސް ވިޔަފާރިތައްވެސް ރެގިއުލޭޓްކުރާ ފަރާތަކީ މަރުކަޒީ ބޭންކްކަމަށް ޝީ ވަނީ ހަމަޖައްސަވާފައެވެ.

މަރުކަޒީ ބޭންކުގެ ގަވަރުނަރަކަށް ޔީ އައްޔަންކުރެއްވި ނަމަވެސް، ވައިސް ޕްރިމިއަރ ފޮރ ފައިނޭންޝަލް އެންޑް އިކޮނޮމިކް ޕޮލިސީގެ މަޤާމަށް ދެން ވަޑައިގަންނަވާނީ ރައީސް ޝީ ޖިންގްޕިންގްގެ އެންމެ އިސް އިޤްތިޞާދީ މުޝީރު ލިއު ހޭ ކަމަށް ބޮޑަށް ބެލެވޭތީ، ޖުމްލަކޮށް ސިޔާސަތު ކަނޑައަޅުއްވާނީ ލިއު ހޭކަމަށް ގިނަ މުހައްލިލުން ދެކެއެވެ.

ޔީ އަކީ އިނގިރޭސި ބަހަށް ފަރިތަ، އަދި އެމެރިކާއިން ތައުލީމް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް