ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 19:05
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން
ސުޕްރީމް ކޯޓުގައި މިހާރު ތިއްބެވި ތިން ފަނޑިޔާރުން
ރާއްޖެ އެމްވީ
ދެޤާނޫނުގެ މައްސަލަ
ތިން ފަނޑިޔާރުންނާ އަނާރާ ކުރެއްވި ސުވާލު: އެހެން ދީނަކަށް ފުރުސަތު ދޭނަންތޯ؟
އާނާރާ އެ ސުވާކު ކުރެއްވީ ޝަރީއަތުގައި
ފަނޑިޔާރުން އެ ސުވާލަކަށް ޖަވާބެއް ނުދެއްވި
އަނާރާ އެ ސުވާލު ކުރެއްވީ ގާނޫނީ ބަހުސެއްގެ ތެރެއިން

އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ދޭނަންތޯ އޭ ވިދާޅުވެ، މަކުނުދޫ ދާއިރާގެ މެމްބަރު އަނާރާ ނައީމް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ ސުވާލު ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންނާ އަނާރާ އެ ސުވާލު ކުރެއްވީ އެންޓި ޑިފެކްޝަން ގާނޫނާ ގުޅޭ ގޮތުން އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ބޭއްވި ދުސްތޫރީ މައްސަލައިގެ އިޖުރާއީ އަޑުއެހުމުގައެވެ. ގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ އެ ޝަރީއަތުގައި އަނާރާ އެ ސުވާލު ކުރެއްވީ އަޑުއެހުން ނިންމާލަން އުޅެނިކޮށެވެ.

އަނާރާ ސުވާލު ކުރެއްވީ ގާނޫނުއަސާސީގެ 10 ވަނަ މާއްދާއާ ހަވާލާ ދެއްވައެވެ. އެ މާއްދާގައި ބުނެފައި ވަނީ ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށާއި އިސްލާމް ދީނަކީ ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރު ކަމަށާއި އިސްލާމް ދީނުގެ އަސްލަކާ ޚިލާފު އެއްވެސް ގާނޫނެއް ރާއްޖޭގައި ނުހެދޭނެ ކަމަށެވެ.

ގާނޫނުއަސާސީގައި އެގޮތަށް ބަޔާންކޮށްފައިވަނިކޮށް، އެހެން ދީނެއް ރާއްޖޭގައި ހުއްދަ ކުރަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ފުރުސަތު ދެއްވާނެތޯ ވިދާޅުވެ، އަނާރާ ސުވާލު ކުރެއްވުމުން، ފަނޑިޔާރުން ޖަވާބެއް ނުދެއްވައި، ކުރެއްވީ ސުވާލެކެވެ. މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރަކަށް އިންނެވި ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވަނީ އެ ސުވާލުގެ މަގުސަދާ ގުޅޭ ގޮތުން އަނާރާ އާއި ސުވާލު ކުރައްވާފައެވެ.

ޖަވާބުގައި އަނާރާ ވިދާޅުވީ ގާނޫނުއަސާސީގެ މަގުސަދުތަކާ ޚިލާފަށް ގާނޫނުތައް ހަދަމުންދާ ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲ ވިދާޅުވީ ޝަރީއަތުގެ އާންމު އުސޫލު އޮންނަ ގޮތުން، ޝަރީއަތުގައި ފަނޑިޔާރުންނާ ސުވާލު ނުކުރެވޭ ކަމަށެވެ. އެހެން ވިދާޅުވުމާއެކު މައްސަލަ ބައްލަވާ އިސް ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އަނާރާ އެ ސުވާލު ފަނޑިޔާރުންނާ ކުރެއްވީ ގާނޫނުހަދާ މަޖިލީހުގެ އުސޫލުތަކާއި ޝަރީއަތް ކުރުމާ ގުޅޭ އުސޫލުތައް އަނާރާއަށް އޮޅިވަޑައިގެންނެވުމުން ކަމަށާއި ހީފުޅު ކުރެއްވުނީ އެކަމަނާ ހުންނެވީ "ޕާލަމެންޓުގައި" ކަމަށް ކަމަށެވެ.

ޝަރީއަތުގެ އަޑުއެހުމަށްފަހު އަނާރާ "ރާއްޖެއެމްވީ"އަށް ވިދާޅުވީ ގާނޫނުއަސާސީގައި ވަކިކަމެއް ވަކި ގޮތަކަށް ކުރަން ކަނޑައަޅާފައި ވަނިކޮށް، ގާނޫނަކުން އެ ކަމެއް އެހެން ގޮތަކަށް ކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެގޮތުން އިސްލާމް ދީން ނޫން ދީނަކަށް ރާއްޖޭގައި ފުރުސަތު ނެތް ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައި ވަނިކޮށް، ގާނޫނަކުން އެހެން ދީނެއް ރާއްޖެ ނުގެނެވޭނެ ކަމަށް ވެސް އަނާރާ ވިދާޅުވިއެވެ.

އަނާރާ ވިދާޅުވީ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތާއި ގޮނޑި ގެއްލިއްޖެކަން ކަނޑައަޅާނެ ގޮތް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށާއި އެ އުސޫލުން ބޭރުން ގާނޫނަކުން ވަކި ގޮތެއް ކަނޑަނޭޅޭނެ ކަމަށެވެ. އަރާނާ ވިދާޅުވީ ގާނޫނުއަސާސީއާ ހިލާފަށް މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ގޮތް ކަނޑައެޅިޔަސް އެއީ ސައްހަ ނިންމުމަކަށް ނުވާނެ ކަމަށެވެ.

ސުޕްރީމް ކޯޓުގެ އަޑުއެހުމުގައި އަނާރާ ވިދާޅުވީ 2017 ވަނަ އަހަރުގެ ޖުލައި 13 ވަނަ ދުވަހުގެ ފަހުން، ޕާޓީ ބަދަލު ކުރި މެމްބަރުންނާއި ޕާޓީން ވަކިކުރި މެމްބަރުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުގައި ކަނޑައަޅާފައި ވަނީ ހެޔޮ ނިޔަތުގައި ނޫން ކަމަށެވެ. އެ ތާރީޚުގެ ބަދަލުގައި މަޖިލީހުގެ މެމްބަރުން އިންތިހާބުވި ތާރީޚު ގާނޫނުގައި ހިމެނިނަމަ، ރަނގަޅުވީސް ކަމަށް އަނާރާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ބިލު ބާތިލު ކުރަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ އާނާރާގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންނެވެ.

އެ ތިން ބޭފުޅުންގެ ފަރާތުން އާދީއްތަ ދުވަހު ސުޕްރީމް ކޯޓުގައި ވަކާލާތު ކުރެއްވީ ގާނޫނީ ވަކީލު އިބްރާހިމް ރިއްފަތާއި ގާނޫނީ ވަކީލު ސަފާ ޝަރީފެވެ.

ދުސްތޫރީ މައްސަލައިގެ އިޖުރާއީ އަޑުއެހުމުގައި ގާނޫނީ ވަކީލު ސަފާ ޝަރީފު ވިދާޅުވީ އެންޓި ޑިފެކްޝަންގެ ގާނޫނަކީ މަޒީގައި ހިނގައިދިޔަ ކަންކަމަށް، އަމަލު ކުރެވޭ ގޮތަށް ހަދާފައިވާ ގާނޫނެއް ކަމަށެވެ. އަދި އެގޮތަށް ގާނޫނު ހެދުމަކީ ގާނޫނުއަސާސީގެ 59 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށް ސަފާ ވިދާޅުވިއެވެ.

ސަފާގެ ވާހަކަތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލާ ވިދާޅުވީ މާޒީގައި ހިނގައިދިޔަ ކަމަކަށް ފަހުން އަންނަ ގާނޫނަކުން އަދަބު ނުދެވޭނީ ޖިނާއީ މައްސަލަތަކުގައި އެކަނި ކަމަށެވެ. ނަމަވެސް މަދަނީ މައްސަލަތަކުގައްޔާއި އެހެނިގެން މައްސަލަތަކުގައި މާޒީގައި ހިނގައިދިޔަ ކަންތައްތަކަށް އަދަބު ދެވޭނެ ކަމަށާއި ޓޫރިޒަމްގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވެސް މާޒީގައި ހިނގައިދިޔަ ކަމަކަށް ފަހުން ގެނައި އިސްލާހުން އަމަލުކޮށްފައިވާ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

އެންޓި ޑިފެކްޝަންގެ ގާނޫނު ބާތިލު ކުރުމަށް ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާމެދު, ގޮތް ނިންމާނީ އިޖުރާއީ އަޑުއެހުންތައް ނިންމާލުމަށްފަހުއެވެ. އެ ބިލު ބާތިލު ކުރުމަށް ހުށަހެޅި މައްސަލައިގެ ދެ ވަނަ އަޑުއެހުމެއް، އަންނަ އަންގާރަ ދުވަހު ބޭއްވުމަށް ފަނޑިޔާރުންގެ ބެންޗުން ވަނީ ނިންމާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް