މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގައި ޗިޓް ހަވާލު ކޮށްފިއެވެ.
އާދިއްތަ ދުވަހު އޭނާއަށް ޗިޓް ހަވާލުކޮށްފައިވަނީ ރާއްޖެޓީވީގެ ޕްރޮގުރާމެއް ނިންމާފައި ނިކުންނެވި ވަގުތު ރާއްޖެޓީވީ އޮފީސް ކުރިމަތިންނެވެ. އެ ޗިޓްގައިވާ ގޮތުން އޭނާ ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވަނީ ހޯމަ ދުވަހުގެ ރޭ 9.30ގަ އެވެ. ފުލުހުން ތަހްގީގުކުރާ މައްސަލައެއް ކަމަށް ބުނެފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފައިވަނިކޮށް މާލޭގެ މަގުތައްމަތީ މުޒާހަރާ ކުރުމަށް ހިތްވަރުދީ މުޒާހަރާއަށް ނިކުތުމަށް ގޮވާލާފައިވާ މައްސަލަ އެވެ. އަދި ޖިނާއީ މައްސަލައެއްގެ ގޮތުގައ ތަހްގީގު ކުރަމުންދަނީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަށް ގޮވާލައި އެ ދުވަހު މެންދުރު ފަހު ބޭއްވި ޕްރެސްކޮންފަރެންސްގައި އޭނާ ދެއްދެކެވި ވާހަކަތައްކަން ވެސް އެ ޗިޓުން އެނގެން އޮވެ އެވެ.
ރާއްޖެޓީވީގެ ޕްރޮގުރާމެއް ނިންމުމަށް ފަހު އަމީތު ބޭރަށް ނިކުންނެވި ގަޑީގައި ޗިޓް ހިފައިގެން އައިސް ފުލުސް މީހާ އިނީ ރާއްޖެޓީވީގެ ދޮރުމަތީގަ އެވެ. އެއާއެކު އަމީތު ވަނީ މަގުމަތިން ދިމާކޮށް އޭނާއާ ޗިޓް ހަވާލުކުރާތީ ނުރުހުން ފާޅުކޮށްފަ އެވެ. އޭނާ ވިދާޅުވަމުން ގެންދެވީ ގެއަށް ވެސް ޗިޓްހިފައިގެން ދެވޭނެ ކަމާއި މަގުމަތިން ފާރަލައިގެން އައިސް ޗިޓް ހަވާލު ކުރަން ނުޖެހޭނެ ކަމަށެވެ.
މިދިޔަ ހުކުރު ދުވަހު ބޭއްވި އެއްވުމަށް ގޮވާލައި ވާހަކަ ދެއްކެވި ކަމަށްބުނެ އަދާލަތު ޕާޓީގެ މީޑިޔާ ކޮމެޓީގެ ޗެއާމަން އަލީ ނަޒީރުވެސް ފުލުސް އޮފީހަށް ވަނީ ހާޒިރުކޮށްފަ އެވެ.