ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ސިނާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.
ސިނާންގެ ބަންދަށް މުއްދަތު ޖަހާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެތައް ދުވަހެއްވަންދެން ބަންދުގައި ބެހެއްޓުމަށްފަހުއެވެ.
ސިނާން ހައްޔަރުކޮށްފައިވަނީ ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު މަޖިލީހުގެ ތެރެއިން ވައްޓާލުމަށް ޓަކައި ރިޝްވަތުގެ ގޮތުގައި ފައިސާ ހިފައި ގާނޫނާ ހިލާފަށް ވެރިކަން ވައްޓާލުމަށް ރޭވުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.
ސިނާން ހައްޔަރުކޮށްފައިވަނީ އޭނާ ހޯދުމަށް ފުލުހުން ކުރި އިޢުލާނަކާއި ގުޅިގެން، ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އަމިއްލައަށް ފުލުހަށް ހާޒިރުވުމުންނެވެ.
ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ސަސްޕެންޑް ކޮށްފައިވުމުން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުގައި ތިބޭ މީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ހޯދާކަށް ނުޖެހެއެވެ. ނަމަވެސް އިލްހާމް އާއި ޒާލިފްގެ އިތުރުންވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ ބަންދަށް މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރާ ސަބަބާއިމެދު ކޯޓުގައި ވަކީލުން ސުވާލު އުފެއްދުމުން، އެކަން އެގޮތަށް ކުރަނީ ފަނޑިޔާރުންނަށް ލިބިފައިވާ ވިރާސީ ބާރަކާއި، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ތަބާވުމުގެ ގޮތުންކަމަށް ފުލުހުން ބުނެފައިވާ ކަމަށް ބައެއް ވަކީލުން ވަނީ މަޢުލޫމާތު ދީފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން މިހާރު ދަނީ އެފަރާތްތައް ކޯޓަށް ހާޒިރު ކުރުމުންނެވެ.