ކ. މާލެ
|
18 މާރޗް 2018 | އާދީއްތަ 14:10
މުއްދަތު ޖެހުމަށް ފަހު އިލްހާމް އަނބުރާ ޖަލަށް ގެންދަން ލޯންޗަށް އަރުވަނީ
މުއްދަތު ޖެހުމަށް ފަހު އިލްހާމް އަނބުރާ ޖަލަށް ގެންދަން ލޯންޗަށް އަރުވަނީ
މުހައްމަދު ޝަރުހާން
ކުއްލި ނުރައްކަލުގެ ހާލަތު
އިލްހާމް އާއި ޒާލިފްގެ ބަންދަށް 15 ދުވަސް ޖަހައިފި
ދެ ބޭފުޅުންވެސް ހައްޔަރުކޮށްފައިވަނީ ކނހ ގެ ދަށުން ފެބްރުއަރީ މަހު
އިލްހާމް ހައްޔަރުކުރި ސަރުކާރު ވައްޓާލަން އުޅުމުގެ ތުޙުމަތުގައި
ޒާލިފް ހައްޔަރުކުރީ ހެކި ފޮރުވަން އެހީވި ކަމުގެ ތުޙުމަތުގައި

ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްޙާމް އަޙުމަދާއި، އެބޭފުޅާގެ ކޮއްކޮ އަދި ވަކީލު، އަލްއުސްތާޛް އާދަމް ޒާލިފްގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަހުގެ މުއްދަތެއް ޖަހައިފިއެވެ.

މި ދެ ބޭފުޅުންނަށް ބަންދުގެ މުއްދަތު ޖަހާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން އެތައް ދުވަހެއްވަންދެން ބަނދުގައި ބޭއްތިބުމަށްފަހުއެވެ.

މެންބަރު އިލްހާމްގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު، އިލްހާމް ހައްޔަރުކުރީ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

އިލްހާމް ހައްޔަރުކުރީ ސަރުކަރު ވައްޓާލަން އުޅުނު ކަމުގެ ތުޙުމަތުގައެވެ. އަދި އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކަކަށް އިންޒާރު ދެއްވި މައްސަލައެއްގައިވެސް އިލްހާމާއި ދެކޮޅަށް ވަނީ ތަޙުޤީޤެއް ހިންގާފައެވެ.

އިލްހާމްގެ ބަންދަށް މުއްދަތު ޖަހާފައިވަނީ އޭނާގެ ވަކީލުގެ ޣައިރު ހާޒިރުގައެވެ.

ޒާލިފް ހައްޔަރުކޮށްފައިވަނީ އިލްހާމްގެ މައްސަލަ އާއި ގުޅުންހުރި ހެކި ހުރި ފޯނެއް ފޮރުވުމަށް އެހީވެދިންކަމުގެ ތުޙުމަތުގައި ފެބްރުއަރީ މަހުގެ 20 ވަނަ ދުވަހުއެވެ.

ޒާލިފްގެ ވަކީލާ ޝީނާ މުޙައްމަދު ވިދާޅުވީ، ތަޙުޤީޤުގައި ޒާލިފާއި ސުވާލުކުރެވުނު އިރު ތަޙުޤީޤަށް ފުރިހަމަ އެއްބާރުލުން ދޭން އޭނާ ހުރި ނަމަވެސް އަދިވެސް ތަޙުޤީޤު ފުރިހަމަނުވާ ކަމަށެވެ. ޒާލިފްގެ ބަންދަށްވެސް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިދީފައެވެ.

ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކޮށް، ޖިނާއީ އިޖުރާޢަތުގެ ޤާނޫނު ސަސްޕެންޑް ކޮށްފައިވުމުން، ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުގައި ތިބޭ މީހުން ބަންދުގައި ބެހެއްޓުމަށް ކޯޓުން މުއްދަތު ހޯދާކަށް ނުޖެހެއެވެ. ނަމަވެސް އިލްހާމް އާއި ޒާލިފްގެ އިތުރުންވެސް ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައި ތިބި ބައެއް ފަރާތްތަކުގެ ބަންދަށް މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރާ ސަބަބާއިމެދު ކޯޓުގައި ވަކީލުން ސުވާލު އުފެއްދުމުން، އެކަން އެގޮތަށް ކުރަނީ ފަނޑިޔާރުންނަށް ލިބިފައިވާ ވިރާސީ ބާރަކާއި، އިންޓަރނޭޝަނަލް ބެސްޓް ޕްރެކްޓިސްއަށް ތަބާވުމުގެ ގޮތުންކަމަށް ފުލުހުން ބުނެފައިވާ ކަމަށް ބައެއް ވަކީލުން ވަނީ މަޢުލޫމާތު ދީފައެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން މިހާރު ދަނީ އެފަރާތްތައް ކޯޓަށް ހާޒިރު ކުރުމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް