ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އަށް ފުލުހުންގެ ފަރާތުން ބޮޑެތި އަނިޔާތަކެއް ދީފި އެވެ.
ފާރިސްގެ ވަކީލު އިބްރާހީމް ޝަމީލް ވިދާޅުވީ ވަކީލް ހާޒިރުވެ ނަތި ތަހްގީގަށް ޖަވާބު ދެއްވަން ފާރިސް ދެކޮޅު ހެއްދެވުމުން، ފުލުހުންގެ ހައެއްގެ އޮފިސަރަކު ގޮސް ގަދަކަމުން އޭނާ ގޮޅިން ނެރުނު ކަމަށެވެ. ގަދަކަމުން ފާރިސް ނެރުމުގެ ތެރޭގައި ބިން މައްޗަށް ވެއްޓި އަތުގެ ކުޑަ ހުޅަށާއި ކޮނޑު ހުޅަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ތަހްގީގުގެ ބަޔާނުގައި ސޮއިކުރަން ދެކޮޅު ހެއްދެވި އެވެ.
އަނިޔާތަކަށް ފަރުވާ ހޯދުމަށް މާލެ ގެނައުމަށް އިރުޝާދު ދިން ނަމަވެސް އެކަމެއް ފުލުުހުން ނުކުރެ އެވެ. ޝަމީލް އިތުރަށް ވިދާޅުވީ ވަކީލު ނެތީސް ތަހުގީގުގައި އެއްވެސް ވާހަކައެއް ދައްކަވަން ފާރިސް ދެކޮޅު ހެއްދެވި ކަމަށެވެ. ވަކީލުގެ ހާޒިރުގައި ހޮނިހިރު ދުވަހު ފާރިސްއާ ސުވާލު ކުރި ކަމަށާއި އެކަމަކު ތަހުގީގު ބަޔާނުގައި ސޮއިކުރައްވަން ފާރިސް ދެކޮޅު ހެއްދެވި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަބަބަކީ އަނިޔާކުރި ކަމަށް ފާރިސް ވިދާޅުވި ވާހަކަ ބަޔާނުގައި ހިމަނާފައިނުވާތީއެވެ.
ފާރިސް އަށް އަނިޔާކުރުމަށްފަހު ފަންކާއެއް ނެތް އަދި އަލިކަމެއްވެސް ނެތް ގޮޅިޔަކަށް އޭނާ ބަދަލުކުރެވިފައިވާ ކަމަށްވެސް ޝަމީލް ވިދާޅުވިއެވެ.
ފާރިސް ހުކުރު ދުވަހުގެ ރެއިން ފެށިގެން ހުންނެވީ ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއްގައެވެ.