ރާއްޖެޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެ @bhassali ނަމަކަށް ކިޔާ ޓުވިޓަރ އެކައުންޓް އިން އިންޒާރުދިން މައްސަލަ މޯލްޑިވްސް ޕޮލިސް ސާރވިސް އަށް މިއަދު ހުށަހަޅައިފިއެވެ.
ރާއްޖެޓީވީގެ ޗީފް އޮޕަރޭޓިން އޮފިސަރ ހުސެއިން ފިޔާޒް މޫސާ ސޮއިކުރައްވާ އެ އިދާރާ އަށް ފޮނުއްވި ސިޓީގައި ވަނީ އެ އެކައުންޓުން ރާއްޖެޓީވީގައި ހުޅުޖަހާނެ ކަމަށް ބުނެފައިވާއިރު ރާއްޖެޓީވީގައި ރޯކޮށްލުމަށް ވެސް ގޮވާލާފައިވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް ރާއްޖެޓީވީގައި ރޯކޮށްލާފައިވާއިރު އެ ޓުވީޓްތަކުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހްޤީޤް ކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އެ އެކައުންޓް އިން ކުރި ޓުވީޓް މިހާރު ވަނީ ޑިލީޓް ކޮށްލާފައެވެ.
މީގެ ހަތަރު އަހަރު ކުރިން، 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެރޭ މެންދަމު ރާއްޖެޓީވީ ކުރިން ހިންގި އިމާރާތުގައި އަލިފާން ރޯކޮށްލާ ހުރިހާ އިކުއިޕްމެންޓްތައް އަނދާ އަޅިއަށް ވަނީ ވެފައެވެ.
ރާއްޖެޓީވީ ރޯކޮށްލިތާ ހަތަރު އަހަރުވުމާއި ގުޅިގެން، ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރާއްޖެޓީވީ ރޯކޮށްލުމުގައި ދައުލަތުގެ ބައެއް ވެރިންގެ އެހީތެރިކަން އޮތް ކަމަށް ތުހުމަތު ކުރެވޭ އިރު އެކަމުގައި ބައިވެރިވެފައިވަނީ އެންމެ ޒުވާނެއް ކަމަށް ހަދާ އޭނާގެ މައްޗަށް ދައުވާކޮށް ޝަރީއަތް ހިންގަމުންދާ ދިއުމަކީ ބޮޑު ޖޯކެއް ކަމަށެވެ. ހަގީގީ މުޖްރިމުން އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށްފައިނުވާ އިރު ޒުވާނެއްގެ މައްޗަށް ފިނިހަކަ ދުވެލީގައި ހިންގާ ޝަރީއަތަކީ އެއްވެސް މާނައެއް ނުވަތަ އިންސާފު ހޯދައި ދިނުމަށް ކުރަމުންދާ ކަމެއް ނޫން ކަމަށް ރާއްޖެޓީވީން ބުނެ އެވެ.