ކ. މާލެ
|
17 މާރޗް 2018 | ހޮނިހިރު 15:18
ހުކުރު ދުވަހުގެރޭ ފުލުހުންގެ އަނިޔާގެ ޝިކާރައަކަށްވި ޤާނޫނީ ވަކީލު އަޙުމަދު ޠާލިބް
ހުކުރު ދުވަހުގެރޭ ފުލުހުންގެ އަނިޔާގެ ޝިކާރައަކަށްވި ޤާނޫނީ ވަކީލު އަޙުމަދު ޠާލިބް
ރާއްޖެއެމްވީ
ފުލުހުންގެ އަނިޔާ
އަނިޔާ ދިނީ ޓާގެޓްކޮށްގެން، އަނިޔާ ކުރުމަށްފަހު ފުރައްސާރަ ކުރި: ޠާލިބު
 
ފުލުހުން އޭނާއަށް ފުރައްސާރަކުރި، ފަރުވާ ދިނުން ލަސްކުރި
 
އަނިޔާކުރީ ވެހިކަލް ތެރޭގައި ބައިންދައިގެން
 
ހައްޔަރުކުރީ ހުކުރު ދުވަހުގެރޭ މެންދަމު

ހުކުރު ދުވަހުގެރޭ ޤާނޫނީ ވަކީލު އަޙުމަދު ޠާލިބަށް ފުލުހުން އަނިޔާކުރީ އޭނާ ފާހަގަކޮށް، އޭނާއަށް ވަކިން ޓާގެޓްކޮށްގެން ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ހުކުރުދުވަހުގެރޭ ޠާލިބު ހައްޔަރުކޮށް، ފުލުހުންގެ ވެހިކަލް ތެރޭގައި އޭނާއަށް ދިން އަނިޔާއާއި ގުޅޭގޮތުން ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން ޠާލިބު ވިދާޅުވީ، ހުކުރުދުވަހުގެ ރޭ މެންދަމު އޭނާ ގެއިން ނުކުތީ ދާރުލްއާސާރު ކައިރިއަށް މީހުން އެއްވެގެން އުޅޭތީ އެ ސަރަޙައްދު ބަލާލުމަށް ކަމަށާއި، އިތުރު މީހަކާއިވެސް އެކު އެތަނަށް އޭނާ ދިޔައި މުޒާހަރާގައި ބައިވެރިވުމަށް ނޫން ކަމަށެވެ.

"އެތާނގަ ތިއްބަ އިރުކޮޅަކުން އެތަނަށް ފުލުހުން ކަމަށް ބެލެވޭ ބަޔަކު ޖިޕެއްގަ އައި. އައިތަނާ އެތާތިބި މީހުން ގޯޅިއަކަށް، އިސްލާމީ މަރުކަޒާ ވީ ދިމާލުގަ ހުރި ގޯޅިގަނޑަކަށް ވަދެގެން ދިޔައީ. ދެން އަޅުގަނޑު އެއްވެސް ކަހަލަ ކުށެއް ކުރީކީ ނޫން. ނުވަތަ ފުލުހުންނަށް އެއްވެސް ކަހަލަ ހަމަލާއެއްދީ މިފަދަ އެއްވެސް ކަމެއް ކުރީކީ ނޫން. އަޅުގަނޑު އެތާ ހަމަ މަޑުކޮށްލައިގެން (ހުރެފަ) ރީއްޗަށް ހިނގާލާފަ ގެއާދިމާލަށް (ދާން ދިޔައީ). އަޅުގަނޑު ބުނިން އަޅުގަނޑުގެ ގެ މިހިރީ މިތާ ކައިރީގައޭވެސް، އަޅުގަނޑު އައީ މިކަންތައްތައް ބަލާލަން ވެގެންނޭ. މުޒާހަރާގެ ބައިވެރިއެއްގެ ގޮތުގަ އެއްވެގެނެއް ނޫން އަޅުގަނޑު އެތާ ހުރީކީ"، ޠާލިބު ވިދާޅުވިއެވެ.

ޠާލިބު ވިދާޅުވީ އެ ސަރަޙައްދު ދޫކޮށް ދަނިކޮށް، އޭނާގެ ފަހަތުން ފުލުހަކު ގޮސް ވަކިން އޭނާ ފާހަގަކޮށް، އޭނާ ހައްޔަރުކުރީ ކަމަށާއި، އަދި ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އެރުވުމަށްފަހު އޭނާއަށް އަނިޔާކުރީ ކަމަށެވެ.

"ޖިޕަށް އަރުވާފަ، ޖިޕު ތެރޭގަ އަޅުގަނޑު އިށީނދެގެން ހުއްޓާ، ބައިވަރު އެސްއޯ ފުލުހުން ތިބި ކޮޅަށް، އަޅުގަނޑަކަށް ނޭނގެ ކާކު ކަމެއް، މާސްކު އަޅައިގެން ހުރި މީހެއް، އަޅުގަނޑު ނެގި މީހާ އަޅުގަނޑުގެ ގައިގަ އެ ޖެހީ" ޠާލިބު ވިދާޅުވިއެވެ.

އެނާ އިތުރަށް ވިދާޅުވީ، ދެމީހަކު ތިއްބައި ވަކިން އޭނާއަށް ޓާގެޓުކޮށްގެން އޭނާ ހައްޔަރުކުރީ އޭނާއަށް ހައްޔަރުކުރުމަށް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ބޮޑަށް ލަފާކުރެވެނީ އޭނާގެ ލޮލަށް ހަމަލާދިނީ ފުލުހަކު ކަކުލުން ކަމަށެވެ.

ޠާލިބު އިތުރަށް ކިޔައިދިން ގޮތުގައި ހައްޔަރުކޮށް، އަނިޔާކުރުމަށްފަހު، ފުލުހުންގެ މައި މަރުކަޒަށް އޭނާ ގެންގޮސް، ހައްޔަރުކުރި ފުލުހުން ވަނީ އޭނާއަށް ފުރައްސާރަވެސް ކޮށްފައެވެ.

ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު އިރު ދޫނިދޫގައި ގިނަ އިރުތަކެއްވަންދެން ބެހެއްޓި ކަމަށާއި، ދޫނިދޫގައި ހުންނަ ޑޮކްޓަރުގެ ލަފާގެ މަތިން އޭނާ މާލެ ގެނައި ނަމަވެސް ދޫކޮށްލީ ފުލުހުންގެ ހެޑްކުއާޓަރުގައި ގިނަ އިރުތަކަކު ބޭންދުމަށްފަހު ކަމަށެވެ.

ފުލުހުންގެ ފަރާތުން އަނިޔާ ލިބުނު އިރު، ފަރުވާ ހޯދުމަށް ފުލުހުންގެ އެއްބާރުލުން ލިބިފައި ނުވާކަން ފާހަގަކޮށް، ޠާލިބު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުކުރުދުވަހުގެރޭ ފުލުހުން ޤާނޫނީ ވަކީލަކު ހައްޔަރުކޮށް އަނިޔާކޮށްފައިވާއިރު، ވިލާތުގެ އިއްތިޙާދުގެ ޤާނޫނުހަދާ މަޖިލީހުން ވަނީ ރާއްޖޭގައި ވަކީލުންނާއި، ޤާނޫނީ ދާއިރާގެ ފަރާތްތަކަށް މިނިވަންކަމާއި ރައްކާތެރިކަމާއިއެކު މަސައްކަތް ކުރެވޭނެ އެކަށޭނަ މާހައުލެއް ނެތްކަން ފާހަގަކޮށް އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

ހުކުރުދުވަހުގެރޭ މާލޭގައި ކުރިއަށްދިޔަ މުޒާހަރާއިން 141 މީހުން ހައްޔަރުކުރިއިރު، ބައެއް މީހުންނަށް ފުލުހުން އަނިޔާ ކުރުމުގެ ސަބަބުން ބޯ ފަޅައިގެން ދިއުމާއި، އެހެނިހެންވެސް އަނިޠާ ވަނީ ވެފައެވެ. އަދި ހަމަ މިއާއިއެކު އެ މުޒާހަރާ ކޮންޓްރޯލް ކުރުމަށް މަސައްކަތްކުރި ފުލުހެއްގެ އަތުގެ ކަށިގަނޑުގައި ރެނދެއްލައި، އޭނާއަށްވެސް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މިއުވާން މުހައްމަދު
0%
2%
20%
68%
2%
7%
ކޮމެންޓް