ރާއްޖެ ޓީވީގެ ދެ ނޫސްވެރިންނާއި ޕްރޮގްރާމް ހެޑް ހައްޔަރުކޮށްފިއެވެ.
މިރޭ މަޖީދީމަގުގައި ގުޅިފައިވާ ޕާޓީތަކުން ބާއްވަމުންދާ ބޮޑު މުޒާހަރާ ކަވަރކުރުމަށް މަޖީދީމަގުގައި ހަރަކާތްތެރިވަމުން ދަނިކޮށް ނޫސްވެރިޔާ މުހައްމަދު ފަޒީން ހައްޔަރުކޮށްފައިވަނީ ގާތްގަނޑަކަށް 9:25 ހާއިރުއެވެ.
ދެން ހައްޔަރުކުރީ މުހައްމަދު ވިސާމެވެ. ވިސާމް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ވެއެވެ. ވިސާމް ހައްޔަރުކުރީ ކޮން ސަރަހައްދަކުން ކަމެއް ސާފެއް ނުވެއެވެ.
ރާޢްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް، އާމިރު ސަލީމް ހައްޔަރުކޮށްފައި ވަނީ ރާއްޖެޓީވީ އިމާރަތް ކައިރިންނެވެ. އޮފީސް ދޮރުމަތީގައި ހުއްޓައި ފުލުހުން ވަނީ އާމިރާ ސުވާލުކޮށް އައިޑީކާޑު ދެއްކުމަށް އަންގާފައެވެ. އަދި އައިޑީކާޑު ދެއްކުމުން ކޯޓު އަމުރެއްގެ ދަށުން ކަމަށް ބުނެ އާމިރު ވަނީ ހައްޔަރުކޮށްފައެވެ.
މަޖީދީމަގަށް މިރޭ ވަނީ ގިނައަދަދެއްގެ ބަޔަކު އެއްވެފައެވެ. 8:30 ގައި މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ގިނަ އަދަދެއްގެ ފުލުހުން ރަޔަޓް ގިޔަރުގައި މަޖީދީމަގަށް ނިކުމެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ޕެޕަރސްޕްރޭ ޖެހުމުން ވެސް މުޒާހަރާގެ ބައިވެރިން ދިޔައީ އިތުރުވަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް ކުރިއަށް ގެންދާ މުޒާހަރާގެ ތެރެއިން ބައެއް ފަހަރު ފުލުހުން ދަނީ ސީދާ ނޫސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
ރާއްޖެޓީވީގެ ނޫސްވެރިންތަކެއް ހައްޔަރުކޮށްފައި މިވަނީ ސަރުކާރާ ދެކޮޅަށް ފުލުހުން ކަމަށް ބުނާ ބަޔަކު ވީޑިއޯތަކެއް ނެރެ އާންމު ކުރި މައްސަލައިގައި އެކަންކުރަނީ ރާއްޖެ ޓީވީން ކަމަށް ވެރިކަންކުރާ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ތުހުމަތުކުރައްވާފައި ވަނިކޮށެވެ.