ކ. މާލެ
|
16 މާރޗް 2018 | ހުކުރު 19:28
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން އަލްޖަޒީރާއިން އާންމުކުރީ ޑޮކިއުމެންޓްރީގެ ސްކްރީންޝޮޓެއް
އެމްއެމްޕީއާރްސީގެ ކޮރަޕްޝަނާ ގުޅިގެން އަލްޖަޒީރާއިން އާންމުކުރީ ޑޮކިއުމެންޓްރީގެ ސްކްރީންޝޮޓެއް
އަލްޖަޒީރާ
އޭސީސީ އަހަރީ ރިޕޯޓް
މިދިޔަ އަހަރު ވެސް ކޮރަޕްޝަނާ ގުޅުން ހުރި 1.3 ބިލިއަން ރުފިޔާ ހޯދަން ޕީޖީއަށް ފޮނުވި
23 މީހަކަށް ދައުވާ ކުރަން ފޮނުވި
އެ މީހުންގެ މައްޗަށް 20 ދައުވާއެއް ކުރަން ފޮނުވި
ވޭތުވެދިޔަ ހަތަރު އަހަރު ކޮރަޕްޝަންގެ އަމަލުތައް ގިނަ

ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން، ދައުލަތަށް ގެއްލުނު ފައިސާގެ ތެރެއިން ހޯދަންޖެހޭ މިންވަރު ވަނީ ރެކޯޑު އަދަދަކަށް އަރާފައެވެ. އެކަން ހާމަވެގެންދަނީ އޭސީސީން މިދިޔަ އަންގާރަ ދުވަހު އާންމު ކުރި، އެ ކޮމިޝަންގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުންނެވެ. އެ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރަކީ އެ ކޮމިޝަނުން ދައުވާ ކުރަން ފޮނުވި މައްސަލަތަކުގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ހޯދަން މައްސަލަ ފޮނުވި އަހަރެވެ.

އޭސީސީގެ އަހަރީ ރިޕޯޓުން ދައްކާ ގޮތުން މިދިޔަ އަހަރު އެކަނި ވެސް، 1.3 ބިލިއަން ރުފިޔާ ދައުލަތަށް އަނބުރާ ހޯދަންޖެހޭ މައްސަލަތަކެއް ޕީޖީއަށް ފޮނުވާފައިވެއެވެ. މިއީ އެ ކޮމިޝަންގެ ނުވަ އަހަރުގެ ތާރީހުގައި ރެކޯޑު އަދަދެކެވެ. ކޮރަޕްޝަންގެ ރަތް ރޮނގު ހުރަސްކޮށް، ފައިސާގެ އަދަދުތައް އެ ވަނީ ބިލިއަނަށް އަރާފައެވެ. މިއީ ހަމައެކަނި ލިޔެކިޔުންތަކުން ހެކި ސާބިތުވާ ވަރަށް ހުރި ބިލިއަން ރުފިޔާގެ ވާހަކައެވެ.

މިދިޔަ އަހަރު ދައުލަތަށް އަނބުރާ ހޯދަން އެންގި 1.3 ބިލިއަން ރުފިޔާގެ ފައިސާއަކީ ކޮރަޕްޝަންގެ 12 މައްސަލައަކާ ގުޅުންހުރި ފައިސާއެވެ. އެ މައްސަލަތަކުގައި ޝާމިލު ވަނީ 23 މީހެކެވެ. އެ މީހުންގެ މައްޗަށް 20 ދައުވާއެއް އުފުލުމަށް ޕީޖީ އޮފީހުގައި އޭސީސީން ވަނީ އެދިފައެވެ.

ކޮމިޝަނުން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުން ވޭތުވެދިޔަ ނުވަ އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން 1.8 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެ އެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހު އޭސީސީއަށް 10 އަހަރު ފުރޭއިރު، ވޭތުވެދިޔަ ހަތަރު އަހަރަކީ އެންމެ ބޮޑެތި ކޮރަޕްޝަންގެ މައްސަލަ ތަހުގީގު ކުރި އަހަރު އަހަރެވެ. އެކަން އެ ކޮމިޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އެގޮތުން 2014 ވަނަ އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ އަދަދު 1.4 މިލިއަން ރުފިޔާއަށް އަރައެވެ. އަދި 2015 ވަނަ އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން ތިން ލައްކައަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް ލިބެންޖެހޭއިރު، 2016 އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން 10 މިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހެއެވެ. ނާޖާއިޒު ފައިދާ ހޯދުމާއި ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުުރުމުގެ ސަބަބުން މިދިޔަ އަހަރު ދައުވާ ކުރަން ފޮނުވި މައްސަލަތަކުން ޖުމްލަ 1،335،729،425 (އެއް ބިލިއަން ތިންސަތޭކަ ތިރީސް ފަސް މިލިއަން ހަތް ލައްކަ ނުވާވީސްހާސް ހަތަރުސަތޭކަ ފަންސަވިސް ރުފިޔާ ސާޅީސް ލާރި) ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް އޭސީސީގެ އަހަރީ ރިޕޯޓުން ދައްކައެވެ.

ކޮރަޕްޝަންގެ އެ އަމަލުތައް ހިންގާފައި ވަނީ ކޮން ވުޒާރާއަކުން ކަމެއް، އަދި ކޮން ބަޔަކު ކަމެއް ވެސް އަހަރީ ރިޕޯޓުގައި ފާހަގަ ކޮށްފައެއް ނުވެއެވެ. އޭސީސީން ޕީޖީއަށް ދައުވާ ކުރަން މިދިޔަ އަހަރު ފޮނުވި 12 މައްސަލައަކީ ކޮން އަހަރެއްގައި ހިންގާފައިވާ ކޮރަޕްޝަންގެ އަމަލުތަކެއްކަން ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައެއް ވެސް ނުވެއެވެ. އަދި އެ މައްސަލަތަކުގައި ޝާމިލުވާ 23 މީހުންގެ ވަނަވަރެއް ވެސް އޭސީސީއަކުން ހާމަކޮށްފައެއް ނުވެއެވެ.

އޭސީސީން ރިޕޯޓުން ދައްކާ ގޮތުން ސަރުކާރު ހިއްސާވާ ތަންތަނުގެ ތެރެއިން ކޮރަޕްޝަން މައްސަލަތައް އެންމެ ގިނައީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގައެވެ. ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން ކަންކަން އިސްލާހުކުރަން އެންމެ ގިނައިން އަންގާފައި ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށެވެ. ދެ ވަނަ އަށް ހެލްތު މިިނިސްޓްރީއަށެވެ.

އެކަށީގެންވާ ކާފީ ހެކި ހުރި ކަމަށް އޭސީސީއަށް ފެންނާތީ، 1.3 ބިލިއަން ރުފިޔާ ދައުލަތަށް ލިބެންޖެހޭ ކަމަށް ބަލައި، 12 މައްސަލަައެއް ޕީޖީއަށް ފޮނުވާފައިވާއިރު، އެ ކޮމިޝަނުން ތަހުގީގު ނުނިންމާ 1311 މައްސަލަ އަދި އެބައޮތެވެ. އެ މައްސަލަތަކުގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވުމުން، ދައުލަތަށް ލިބެންޖެހޭ ފައިސާގެ މިންވަރު އަންދާޒާކޮށްލާށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް