ބުރާސްފަތި ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާއިން ގިނަ ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ތަރުޖަމާނު، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް، އަޙުމަދު ޝިފާން ވިދާޅުވީ، ބުރާސްފަތި ދުވަހުގެރޭ މާލޭގައި ކުރި މުޒާހަރާއިން ހައްޔަރުކޮށްފައި ވަނީ 23 މީހުން ކަމަށާއި، އެ މީހުން އަދިވެސް ތިބީ ފުލުހުންގެ ބަންދުގައި ކަމަށެވެ.
ސުޕްރީމް ކޯޓުން މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެރޭ ކުރި ޙުކުމް ތަންފީޒު ކުރުމަށް ގޮވާލައި، ބުރާސްފަތި ދުވަހުގެރޭ ކުރި މުޒާހަރާ އިން ހައްޔަރުކޮށްފައި ވަނީ 23 މީހުން ކަމަށް ފުލުހުން ބުނި ނަމަވެސް، ބުރާސްފަތި ދުވަހުގެރޭ އެ އަދަދަށް ވުރެ ގިނަ އިން މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވެއެވެ. މީގެ ކުރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ގިނަ ބަޔަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ވަގުތުތަކެއް ވަންދެން ބޭތިއްބުމަށް ފަހު ދޫވެސް ކޮށްލާފައެވެ.
ހައްޔަރުކުރިކަމަށް ފުލުހުން ކަށަވަރުކޮށްދިން 23 މީހުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހައްމާ) އާއި ދ. ކުޑަހުވަދޫ ކައުންސިލްގެ ރައީސް އަޙުމަދު ޝާމް އާއި ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ލީގުގެ ރައީސާ ވަލީދާ ވަލީދާއި، އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ސެކްރެޓަރީ ސްޓާފް، ޢާއިޝަތު ވަޙީދު ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ގިނަ އަދަދެއްގެ އަންހެނުން ހައްޔަރުކޮށްފައި ވާކަމަށް މައުލޫމާތު ލިބޭއިރު، އެކި ޕާޓީތަކަށް ނިސްބަތްވާ ޒުވާން ބައެއް އެކްޓިވިސްޓުން ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ބުރާސްފަތި ދުވަހުގެރޭގެ މުޒާހަރައިން 23 މީހަކު ހައްޔަރުކުރިކަން ފުލުހުން ކަށަވަރުކޮށްދިން އިރު، ބުދަ ދުވަހުގެރޭގެ މުޒާހަރާއިން 15 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރެއިން ބައެއް މީހުން ވަނީ ބުޜާސްފަތި ދުވަހުގެރޭ ދޫކޮށްލާފައެވެ. އޭގެ ތެރޭގައި މަޖިލީހުގެ މެންބަރުން ވެސް ހިމެނެއެވެ.
ގިނަ ބަޔަކު ހައްޔަރުކޮށްފައި މި ވަނީ ގުޅިފައިވާ ޕާޓީތަކުން ބޮޑު މުޒާހަރާއަކަށް ތައްޔަރުވެފައި ވަނިކޮށެވެ.