އުސޫލުން ބޭރުން ސަރުކާރުން ކޮށްފައިވާ ހުރިހާ ކަމެއް ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބުގެ އިސްތަށިފުޅުގައި އަޅުވައިގެން ސަރުކާރުގައި ތިއްބެވި ފަރާތްތަކަށް ސަލާމަތް ނުވެވޭނެ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ވިދާޅުވެއްޖެއެވެ.
ނަޝްވާ މިފަދައިން ވިދާޅުވީ، ވިލާ ކުންފުންޏާ އެކު ސަރުކާރުން ވެފައިވާ އެއްބަސްވުންތަކަކީ އޭޖީގެ ލަފާ ނުހޯދައި އަދީބު ވެވަޑައިގެންފައިވާ އެއްބަސްވުންތަކެއް ކަމަށް ކޯޓުގައި ދައުލަތުން ބުނުމާ ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ.
ވިލާގެ އެކިއެކި ސަބްސިޑަރީ ކުންފުނިތަކާ އެކު ޓުއަރިޒަމް މިނިސްޓްރީން ވެފައިވާ ސެޓެލްމެންޓް އެއްބަސްވުންތައް 2015 ވަނަ އަހަރުގެ ފެބުރުއަރީ މަހު އެ މިނިސްޓްރީން ބާތިލުކުރުމާ ގުޅިގެން އެ ކުންފުނިތަކުން ދައުލަތާ ދެކޮޅަށް ދައުވާކުރާ މައްސަލައިގެ ޝަރީޢަތުގައި ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ވަނީ، ވިލާއާ އެކު ޓުއަރިޒަމް މިނިސްޓްރީ އިން ވެފައިވާ "ސެޓްލްމެންޓް އެގްރިމެންޓް" ތަކަކީ، ޓުއަރިޒަމް މިނިސްޓަރުކަމުގައި އަދީބް ހުންނެވިއިރު، އެޓަރނީ ޖެނެރަލްގެ ލަފާ ހޯދުމެއް ނެތި، އަދީބާއި ވިލާ ކުންފުނީގެ ވެރިޔާ، ޤާސިމް އިބްރާހިމްއާ ދެމެދު ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ތުޙުމަތުކޮށްފައެވެ. އެ އެއްބސްވުންތަކަކީ ސީދާ އަދިބާއި ޤާސިމްއާ ދެމެދު ވެފައިވާ އެއްބަސްވުންތަކެއް ކަމަށް ދައުލަތުން ތުޙުމަތު ކުރިއިރު ދައުލަތުން ވަނީ ވިލާ ކުންފުންޏަށް ޓުއަރިޒަމް މިނިސްޓްރީން ދީފައި ވަނީ އެކަށޭނަ މިންވަރަށް ވުރެ ބޮޑު އިމްތިޔާޒުތަކެއް ކަމަށް ވެސް ބުނެފައެވެ.
ސަރުކާރުގެ ތެރެއިން އުސޫލުން ބޭރުން ހިނގާފައިވާ ގިނަ ކަންތައްތަކެއްގެ ޒިންމާ ސަރުކާރުން މީގެ ކުރިން ވެސް އަދީބްގެ އިސްތަށިފުޅުގައި އަޅުވާފައިވާއިރު، އަދީބް މިހާރު ގެންދަވަނީ، އެކި މައްސަލަތަކުގައި ކުރި، 33 އަހަރުގެ ޖަލުޙުކުމެއް ތަންފީޒު ކުރައްވަމުންނެވެ. މިއީ ސިޔާސީ ނުފޫޒު ފޯރުވައިގެން އުސޫލުން ބޭރުން ހިންގާފައިވާ ޝަރީޢަތްތަކެއް ކަމަށް ފެބްރުއަރީ 1 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ނިންމާފައެވެ.
ޖަލުގައި ހުންނަވަނިކޮށް އަދީބްގެ އެތެރެހަށީގައި ސިސްޓްތަކެއް ހުރިކަމާއި، އެ ސިސްޓުތައް ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު އޮތްކަން ހާމަވެގެން ދިޔައިރު، މިހާރު އަދީބަށް ވަނީ ލޮލުގެ ނުރައްކާތެރި ބައްޔެއް ވެސް ޖެހިފައެވެ. އަދީބްގެ ސިއްހީ ހާލުކޮޅު އިންތިހާއަށް ގޯސްވެފައި ވީނަމަވެސް، ރާއްޖެއިން ބޭރުން އެކަން ކަމަށް ފަރުވާ ހޯދުމަށް ސަރުކާރުން ދަނީ ހުރަސް އަޅަމުންނެވެ. އަދި ހަމަ މިއާ އެކު ސަރުކާރުން ދަނީ އަދީބްގެ ބޭސްފަރުވާއަށް އެމަނިކުފާނު ރާއްޖެއިން ބޭރަށް ފޮނުވޭނީ، ދއުލަތުން ނެގި ކަމަށް ބުނާ އެތައް މިލިއަން ރުފިޔާއެއް ސަރުކާރަށް ދެއްކުމުން ކަމަށް ބުނަމުންނެވެ. ނަމަވެސް އަދީބް ސަރުކާރަށް އެއްވެސް ފައިސާއެއް ދައްކަން ޖެހޭ ކަމަށް މިހާތަނަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ޙުކުމް ކޮށްފައެއް ނުވެއެވެ. އަދި ސަރުކާރު އެބުނާ ފައިސާގެ ތަފްސީލެއް ވެސް ހާމަކޮށްފައެއް ނުވެއެވެ.