ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ބުދަ ދުވަހުގެރޭ ހައްޔަރު ކުރި ސިފައިންގެ އެސްޕީޖީގައި ކުރިން މަސައްކަތްކޮށްފައިވާ ސިމާދު އަހުމަދާއި، އަހުމަދު ޝާނީޒް އަދި އަހުމަދު ފައްތާހު ދޫކޮށްލައިފި އެވެ.
ސިމާދު، ޝާނީޒް އަދި ފައްތާހު ހައްޔަރު ކޮށްފައިވަނީ ބުދަ ދުވަހުގެރޭ މާލޭގެ ދެކުނު ފަރާތު ބޮޑުތަކުރުފާނު މަގުގައި ގާޑިޔާތައް ހުންނަ ސަރަހައްދުންނެވެ.
ހައްޔަރު ކުރި ތިން މީހުންވެސް ބުރާސްފަތި ދުވަހުގެ ރޭ ދޫކޮށްލާފައިވާކަން އެމީހުންގެ އާއިލާތަކުން ކަށަވަރުކޮށްދެއެވެ. މި ތިން މީހުންވެސް ދޫކޮށްލާފައިވަނީ އެމީހުންގެ ފޯން ހިފެހެއްޓުމަށް ފަހު ކަމަށް އާއިލާއިން މައުލޫމާތު ދެއެވެ.
މި ތިން މީހުންގެ ތެރެއިން ސިމާދު އަދި ޝާނީޒް މީގެ ކުރިންވެސް ބަންދު ކޮށްފައިވެއެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ސިމާދު އަދި ޝާނީޒް ސިފައިންގޭގައި ބަންދު ކުރުމަށްފަހު އެމީހުން ދޫކޮށްލާފައިވާއިރު، އެ ދެ މީހުން ވަނީ އޭގެ ފަހުން ސިފައިންގެ ހިދުމަތުން ވަކިކޮށްފަ އެވެ.
ފެބްރުއަރީ އެއް ވަނަ ދުވަހު ސުޕްރީމް ކޯޓުގެ އަމުރަށް ފަހު، ސަރުކާރުން އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ގިނަ ބަޔަކު ދަނީ ހައްޔަރު ކުރަމުންނެވެ.