ކ. މާލެ
|
15 މާރޗް 2018 | ބުރާސްފަތި 19:02
ދ. މީދޫ އާއި ށ. މިލަންދޫގެ ރައްޔިތުން ރާއްޖެޓީވީއަށް ހަދިޔާދެނީ
ދ. މީދޫ އާއި ށ. މިލަންދޫގެ ރައްޔިތުން ރާއްޖެޓީވީއަށް ހަދިޔާދެނީ
ރާއްޖެއެމްވީ
ފަރިވަޅު
މީދޫ އާއި މިލަންދޫގެ ތަފާތު ރަހަތައް ރާއްޖެޓީވީއަށް!
ރާއްޖެޓީވީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގުވަޒަން ކުރޭ

ރާއްޖެޓީވީގެ މުވައްޒަފުން ކުރާ މަސައްކަތް އަބަދުވެސް ގިނަ ބަޔަކު ބަލައިގަނެ އެކަމުގެ އަގުވަޒަން ކުރެއެވެ. އެމީހުންގެ ހިތުގައި ރާއްޖެޓީވީ އަށް އޮންނަ ލޯބި އެކި ސިފަ ސިފައިގައި ހިއްސާ ކުރަމުންދެއެވެ. ބައެއް ފަހަރު ހިތްވަރުގެ ބަސްތަކުން ނުވަތަ އަނެއް ބައި ފަހަރު ހަދިޔާތަކުން އެމީހުންގެ ހިތުގައި ރާއްޖެޓީވީއަށްޓަކައި އޮންނަ ލޯބި ދައްކައިދެއެވެ.

އެގޮތުން މިފަހަރު ށ. މިލަންދޫ އާއި ދ. މީދޫގެ ރައްޔިތުންގެ ފަރާތުން ވެސް ރާއްޖެޓީވީއަށް ވަނީ ހަދިޔާތަކެއް ދީފައެވެ. އެގޮތުން އެ ދެ ރަށުން ފަރިވަޅުގެ އިތުރުން ހަދިޔާ ކުރި ބައެއް ތަކެއްޗަކީ ކުޅިކާޖާ، ތެލުލި ބަނބުކޮޔޮ، ބައެއް ފޮނިތަކެތީގެ އިތުރުން ރާއްޖެޓީވީގެ ލޯގޯ ޖަހާފައި އޮތް ކޭކެކެވެ.

ފަރިވަޅު ގެނައުމުގައި އިސްކޮށް ހަރަކާތްތެރިވި ދ. މީދޫގެ ރައްޔިތަކު ބުނީ ރާއްޖެޓީވީއަށް ފަރިވަޅު ގެނެސްދޭން ނިންމީ ރާއްޖެޓީވީގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކަމަށާއި ތެދު ޚަބަރާއި މައުލޫމާތު ގެނެސްދިނުމަށް ރާއްޖެޓީވީގެ މުވައްޒަފުން ކުރަމުން ގެންދާ މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ.

ރާއްޖެޓީވީގެ ފަރާތުން ވެސް ވަނީ އެ ދެ ރަށުގެ ރައްޔިތުންނަށް ޝުކުރު އަދާކޮށްފައެވެ.

ށ. މިލަންދޫ އިން ރާއްޖެޓީވީއަށް ހަދިޔާތައް ހަވާލުކުރުމަށްޓަކައި އައި އަންހެނަކު ބުނީ މިކަހަލަ ދަތި މާހައުލެއްގައި ރާއްޖެޓީވީގެ މުވައްޒަފުންގެ ރައްޔިތުންނާއި ހަމައަށް މައުލޫމާތު ގެނެސްދިނުމަށްޓަކައި ކުރަމުން ގެންދަނީ ބުރަ މަސައްކަތްތަކެއް ކަމަށާއި އަބަދުވެސް އެ ރައްޔިތުން ރާއްޖެޓީވީގެ މުވައްޒަފުންނަށް ހިތްވަރު ދިނުމަށް ދެމިތިބޭނެ ކަމަށެވެ.

މި ދެ ރަށުގެ އިތުރުން ފަހަކަށް އައިސް ގިނަ ރަށްތަކަކުން އަންނީ ރާއްޖެ ޓީވީ އަށް މިފަދަ ފަރިވަޅުތަކާއި ހަދިޔާތައް ފޮނުވަމުންނެވެ. 

ރާއްޖެޓީވީގެ މުވައްޒަފުންނަށް ލިބޭ ހިތްވަރަކީ ރައްޔިތުންގެ ފަރާތުން ރާއްޖެޓީވީއަށްޓަކައި އޮންނަ ލޯތްބާއި ރާއްޖެޓީވީގެ މުވައްޒަފުން ދެކެ ވާ ލޯތްބެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް